ކަރަންޓް ބިލްތައް ބޮޑުވާ މައްސަލަ ތަހުގީގުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ މެންބަރު ގަލޮޅު އުތުރުދާއިރާގެ މުހައްމަދު އިބްރާހިމްއެވެ.
މި ކުއްލި މައްސަލަ ބަލައިގަނެ މަޖިލީހުގައި ވަނީ ބަހުސް ފަށައިފައެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެމުންގެންދާ މައި ދެ ކުންފުނި ކަމަށްވާ ސްޓެލްކޯ އާއި ފެނަކައިން ފޯރުކޮށްދެމުންދާ ކަރަންޓަށް ކުރަމުންދާ ބިލްތައް ނިމިދިޔަ މަސްތަކުގައި އިންތިހާއަށް ބޮޑުވެފައިވާތީ އެކަން ބަލައި ތަހުގީގު ކުރަން ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުން ފެށިގެން އެތައް ގުނައަކަށް ކަރަންޓް ބިލް ބޮޑުވުމާ ގުޅިގެން ރައްޔިތުން ކަންބޮޑުވެ، ހައިރާންކަމާ އެކު ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅި ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ރައްޔިތުން އެ ކަންބޮޑުވުން ހާމަކުރަމުން ދިއުމުގެ ސަބަބުން ސްޓެލްކޯއިން ލުއިތަކެއް ގެނައި ކަމަށްވެސް ވިދާޅުވިއެވެ.
އޭގެފަހުން އައި ކަރަންޓްބިލްތައް މާބޮޑަށް ބޮޑުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް އެކަންތައްތަކާ ބެހޭ ތަފްސީލީ މައުލޫމާތު ރައްޔިތުންނަށް ލިބިފައިނުވާ ކަަން ފާހަގަ ކުރައްވައި އެކަންތައްތައް އަވަސް ކުރުމަށްވެސް މެންބަރު ވަނީ ގޮވާލައްވައިފައެވެ.
އޭނާ ވިދާޅުވީ، ހަކަތައިގެ ގާނޫނައިވާ ގޮތުން އެކަންތައްތައް ބެލުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ނަމުގައި މިނިވަން ރެގިއުލޭޓަރީ އޮތޯރޮޓީއެއް އޮންނަން ޖެހޭ ކަމަށެވެ.
އެ އޮތޯރިޓީގެ މެންޑޭޓްގެ ތެރޭގައި ހިދުމަތުގެ ފެންވަރާއި ރޭޓް ކަނޑައެޅުމާއި އެކަމާބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުންވެސް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު