އެޓާނީޖެެނެރަލް (އޭޖީ) އުނިކޮށް، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލަވާލުމަށްޓަކައި، ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހުގެންނަން މަޖިލީހަށް ބިލް ފޮނުވައިފިއެވެ.

ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފު މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

ބިލުގައި ބުނެފައިވަނީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ވެސް ބާ ކައުންސްލްގެ އެގްޒެކްޓިވް ކޮމެޓީގެ މެންބަރެއްގެ ގޮތުގައި ބަންޑާރަ ނައިބު ހިމެނުމަށް ގާނޫނުގައި އޮތް ގޮތް ބަދަލުކުރުން ކަމަށެވެ.

ބާ ކައުންސްލްގެ އެގްޒެކްޓިވް ކޮމިޓީ އެކުލެވިގެންވާނީ ހަމައެކަނި ގާނޫނީ ވަކީލުން އިންތިހާބުކުރާ ރައީސަކާއި ނައިބު ރައީސަކާއި މެންބަރުންގެ މައްޗަށް ކަމުގައި ހަމަޖެއްސުންވެސް މި އިސްލާހު ގެންނަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމަށްވެސް ބިލްގައި ވަނީ ފާހަގަކޮށްފައެވެ.

ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ތަންޒީމުކޮށް ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމުގައި ހަމަޖައްސައި ފުރިހަމަ މިނިވަންކަމާއެކު ކަންކަން ހިންގުމުގެ ފުރުސަތު ބާ ކައުންސިލަށް ހޯދައިދިނުންވެސް މި ބިލް ހުށަހެޅުމުގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނޭކަމަށް ބިލްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރަސްމީ އިދާރާތަކުންނާއި ރަޖިސްޓްރީ ކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމާއި ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހި ރައްޔިތުންނަށް ބޭނުންވާ ބައެއް ބާވަތުގެ ލިޔެކިޔުންތަކުގައި، ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަ ކުރުންވެސް މި އިސްލާހު ގެނައުމުގެ ސަބަބުތަކުގެތެރޭގައި ހިމެނެއެވެ.

އަލަށް ބާ ކައުންސިލަށް އިތުރުވާ މަގާމަށް މީހަކު އިންތިހާބު ކުރާނީ ގާނޫނަށް އަމަލު ކުރަން ފަށާތާ ދެ މަސް ދުވަސް ތެރޭގައި ކަމަށް ބިލުގައި ބުނެފައިވެއެވެ.