ނިންމަން ބޭނުންވާވަރަށް ބަޖެޓްގައި ފައިސާ ހިމަނާފައި ނުވުމުގެ ސަބަބުން ދަނޑުތަކާއި، ސްޓޭޑިއަމް ހެދުމަށް ކުރިއަށް ގެންދާ ބައެއް ޕްރޮޖެކްޓްތައް ހުއްޓިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ރާފިއު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްތަރު ވިދާޅުވީ ގިނަ ޕްރޮޖެކްޓްތަކަށް ބަޖެޓްގައި ފައިސާ ހިމާފައި ހުންނަނީ، އެ ޕްރޮޖެކްޓްތަކުގެ 50 ޕަސެންޓްވެސް ކުރިއަށް ނުގެންދެވޭ ވަރަށް ކަމަށެވެ.

އެހެންކަމުން ޕްރޮޖެކްޓްތައް ތިން އަހަރަށްވުރެން ދިގު މުއްދަތަކަށް ދެމިގެންދާ ކަމަށްވެެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޕްރޮޖެކްޓްތައް ހުއްޓެން ދިމާވާ ސަބަބުތަކުގެ ތެރޭގައި، ބަޖެޓަށްވުރެން ޕްރޮޖެކްތްތައް ގިނައިން ބަޖެޓްގައި ހިމެނިފައިވުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

އެކަން އެހެންވާގޮތަކީ މަޖިލީހަށް ބަޖެޓް ހުށަހަޅައިގެން ދިރާސާ ކުރުމުގެ ތެރެއިން ބަޖެޓް ކުޑަކުރާއިރު، އޭގެން ކަނޑާލަނީ ހަމައެކަނި ފައިސާގެ އަދަދު ކަމަށްވުން ކަމަށްވެސް ވިދާޅުވިއެވެ. އޭރު ބަޖެޓްގައި ހިމަނާފައިވާ ޕްރޮޖެކްްޓްތައް މަދުނުކޮށް އެއަދަދަށް ބަޖެޓްގައި ހިމެނިފައި އޮންނަ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލިސް މެންބަރުންގެ ކިބައިން މިނިސްޓަރު އެދިވަޑައިގަތީ ދެ ޕްރޮޖެކްޓް ޖަހައިގެން ނަމަވެސް ޕްރޮޖެކްޓްތައް ނިންމަން ބޭނުންވާވަރަށް ބަޖެޓްގައި ފައިސާ ހިމަނައިދެއްވުމަށެވެ.