މިފްކޯއަށް ކަޅުބިލަމަސް ގަންނަ އެ ކުންފުނީގެ ބޯޓުފަހަރުގެ އޮޕަރޭޝަނަށް ބަދަލުތަކެއް ގެނެސްފިއެވެ.
މިފްކޯ އިން މިއަދު މީޑިއާތަކަަށް ބުނީ ރާއްޖޭގެ ދެކުނުގައި މަސް ގަންނަން އޮޕަރޭޓްކުރާ އާރުއެސްޑަބްލިޔު 27.5 ޓަނުގެ ޖާގައިގެ ބޯޓުފަހަރުގެ ތެރެއިން ކޫއްޑޫގައި އޮޕަރޭޓް ކުރަމުން އައި ރަންދި 23، 24، 25، 26، ފެލިވަރުން އޮޕަރޭޓް ކުރާ ބޯޓުތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.
އަދި ފެލިވަރުން އޮޕަރޭޓް ކުރަމުންދިޔަ ޖަޒީރާ-102 ކޫއްޑޫ ސައިޓުން އޮޕަރޭޓް ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ. ޖަޒީރާ-102 ގައި ދުވާލަކު 100 ޓަނަށްވުރެ ގިނަމަސް ފްޒީކުރެވޭނެއެވެ.
މި ބަދަލުތައް ގެނައި ސަބަބާ ގުޅޭ ގޮތުން މިފްކޯގެ އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ޒާހިރު ވިދާޅުވީ، ފެލިވަރަކީ ދަޅު ބަންދުކުރާ ފެކްޓްރީއަކަށް ވެފައި، އެތަނަށް ބޭނުންވާ އާރުއެސްޑަބްލިޔުގައި ބެހެއްޓިފައި ހުންނަ ތާޒާމަސް ހޯދުމަކީ ވަރަށް ބޮޑު މަގުސަދެއް ކަމަށެވެ.
އެގޮތުން ރަންދި 23، 24، 25 އަދި 26 އުތުރަށް ބަދަލުކުރުމުން އިތުރު ބަނދަރުތަކެއްގައި މަސްގަންނަ ބޯޓު ބޭއްވޭނެ ކަމަށާއި އެކަމުގެ ސަބަބުން އުތުރުގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ މަސްވެރީންނަށް މަސް ކިރޭނެކަމުގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޒާހިރު ވިދާޅުވީ، ދެކުނުގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު ރަންދި ސީރީޒްގެ ކުޑަ ބޯޓަކަށް އެންމެ ދޯންޏެއްގެ މަސް ވެސް ނުކިރޭ ކަމަށާއި ނަމަވެސް ޖަޒީރާ-102 ދެކުނަށް ބަދަލުކުރުމުން އެ ސަރަހައްދުގައި ފްރީޒްކުރެވޭ މަސް އިތުރުވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަސްވެރި މޫސުމުގައި އޮޑިދޯނި ފަހަރުތަކުން މަސް ކިރުމަށް ހަދާ ކިއު ކުޑަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޒާހިރު އިތުރަށް ވިދާޅުވީ، މިފްކޯގެ ފްލީޓާ އެންމެ ފަހުން ގުޅުނު ޖަޒީރާ-106 އާއި ޖަޒީރާ-105 ވެސް މަސް ގަތުމުގައި ހަރަކާތްތެރިވާ ކަމަށާއި ދާދި އަވަހަށް ޖަޒީރާ-104 ވެސް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުން ފެށޭއިރު، އެ ބޯޓުގައި އިތުރު 150 ޓަނު ފްރީޒް ކުރެވޭނެވަރުގެ ގާބިލުކަން ހުންނާނެ ކަމަށް ވިދާޅުވިއެވެ.
މިފްކޯގެ ފްލީޓުގައި ކެރިއާ ވެސަލް އާއި މަސް ކިރުމުގެ އޮޕަރޭޝަންގައި 13 ބޯޓު އަދި އެ ބޯޓުފަހަރުތަކަށް ކިރާ މަސް ސައިޓަށް ގެންދިއުމުގައި މައި އުނޅަދުގެ ގޮތުގައި ފަސް ބޯޓު އެބަ އޮތެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު