ޔޫރޯ 2024 ގެ ޗެމްޕިއަން ތަށްޓާ އެކު ގައުމަށް ދިޔަ ސްޕެއިން ގައުމީ ފުޓުބޯޅަ ޓީމަށް، އެގައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު ޔޫރޯ ފައިނަލުގައި ސްޕެއިނުން އިންގްލެންޑް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ތަށްޓާއެކު ސްޕެއިން ވެފައި ވަނީ ޔޫރޯގެ ތާރީހުގައި އެ މުބާރާތުގެ ތަށި ހަތަރު ފަހަރު ހޯދި ހަމައެކަނި ޓީމަށެވެ. މިފަހަރުގެ ފައިނަލަށް ނުކުތް އިރު، ޔޫރޯ ތަށި އެންމެ ގިނައިން ހޯދުމުގެ ރެކޯޑު އޮތީ ސްޕެއިނާއި ޖަރުމަނު އަތުގައެވެ. އެއީ ދެ ގައުމުންވެސް ތިން ތަށި ހޯދައިގެންނެވެ. އެ ރެކޯޑުގައި ސްޕެއިނުން މިހާރު ވަނީ ޖަރުމަނު ފަހަށް ޖައްސާލައިފައެވެ.

ސްޕެއިން ޓީމުން އިއްޔެ ޖަރުމަނުން މެޑްރިޑަށް ގޮސްފައިވާ އިރު، އެޓީމަށް ފުރަތަމަވެސް މަރުހަބާ ކިޔާފައި ވަނީ ޓީމަށް ތަށިވެސް ދިން ސްޕެއިންގެ ރަސްގެފާނު ފިލިޕް ހަވަނައެވެ. ރަސްގެފާނުގެ އިތުރުން ޝާހީ އާއިލާއިން ވަނީ ޓީމާ ވަކިން ބައްދަލުކޮށް، މަރުހަބާ ކިޔައިފައެވެ.

އޭގެ ފަހުން ސިބެލެސް ސްކޮޔާއަށް އެތައް ހާސް ސަޕޯޓަރުންނެއް އެއްވެ، ޓީމަށް މަރުހަބާ ކިޔާފައިވާ އިރު، ޓީމުން ވަނީ އޯޕަން ޓޮޕް ބަހެއްގައި ސަޕޯޓަރުންނަށް ތަށި ދައްކާލައިފައެވެ. ސަޕެއިން ޓީމަށް މަރުހަބާ ކިޔަން އެތައް ހާސް ބަޔަކު އެއްވެފައި އޮތް އިރު، ސަޕޯޓަރުންނާ އެކު ކުޅުންތެރިން ވަނީ ލަވަ ކިޔާ، މަޖާ ނަގައިފައެވެ.

މިފަހަރު ޔޫރޯ ސްޕެއިން ކާމިޔާބު ކުރީ ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ.