ރަށްރަށުގައި ހަދާނެ ކަމަށް ކުރީ ސަރުކާރުން ވައުދުވި ހޮސްޕިޓާތައް މި ސަރުކާރުން އެއަށްވުރެ އަގުހެޔޮކޮށް ހަދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
ޕީއެންސީން ރޭ ބެއްވި ހަރުގެ ޖަލްސާގައި ހަލީލު ވިދާޅުވީ ސިއްހީ ދާއިރާގައި މިވަގުތު 57 މަޝްރޫއެއް އެބައޮތް ކަމަށެވެ. އޭގެ ތެރެއިން 34 ޕްރޮޖެކްޓެއް އެއްވެސް ގޮތަކަށް ނުހިނގާ ހުއްޓިފައިވާ ކަމަށް ހަލީލު ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުން ކޮންޓްރެކްޓަރުންނާއެކު ކުރި މަޝްވަރާގެ ނަތީޖާއެއްގެ ގޮތުގައި އެ 34 މަޝްރޫއުގެ ތެރެއިން 20 މަޝްރޫއެއްގެ މަސައްކަތް ފެށޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހުރިހާ ޕްރޮޖެކްޓުތަކެއްވެސް ހަވާލުކޮށްފައި ވަނީ މާކެޓް އަގުތައްކަށްވުރެ ބޮޑު އަގުގައި ކަމަށްވެސް މިނިސްޓަރު ހަލީލު ވިދާޅުވި އެވެ.
"ﷲ އިރާދަކުރެއްވިއްޔާ އެބޭފުޅުން އިއުލާންކުރައްވާފައިވާ ހޮސްޕިޓާތައް އެއަށްވުރެ ހެޔޮ އަގުގައި ހިދުމަތަށް އެއްވެސް އުނިކަމެއް ނާންނާނެހެން ޑިޒައިނަށް މިގެނައި ބަދަލާއެކު މިސަރުކާރުން ތަރައްގީކުރާނެ." ހަލީލު ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ ސިއްހީ ދާއިރާއަށް ކުރީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އަންނަނީ އިގްތިސޯދީ ދަތިތަކާއެކުވެސް ސިއްހީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ކަމަށް ހަލީލު ވިދާޅުވި އެވެ.
އިދިކޮޅުން މިހާރު ކުރަންވީ ކަމަކީ ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކައް އެއްބާރުލުން ދިނުން ކަމަށްވެސް ހަލީލު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު