މިރޭ ކުޅުނު ވިމްބަލްޑަން ފައިނަލުގައި ނޯވަކް ޖޮކޮވިޗް ބަލިކޮށް، ސްޕެއިންގެ ކާލޮސް އަލްކަރާޒް ވިމްބަލްޑަންގެ ތަށި ދިފާއުކޮށްފިއެވެ.

މިދިޔަ އަހަރުގެވެސް ފައިނަލުގައި އަލްކަރާޒާއި ޖޮކޮވިޗް ވާދަކޮށްފައިވާ އިރު، އެ ފަހަރުގެ ފައިނަލް ފެނުނީ ފޯރިގަދަ ފައިނަލެއްގެ ގޮތުގައެވެ. މީގެ 12 މަސް ކުރިން އެ ފަހަރު ކުޅުނު ފައިނަލް ފޯރިގަދަކޮށް ފަސް ސެޓަށް ކުޅުނު ނަމަވެސް، މި ފަހަރުގެ ފައިނަލްގައި އަލްކަރާޒް ފެނުނީ މާބޮޑަށްވެސް ވަރުގަދަކޮށެވެ. ސީދާ ތިން ގޭމުން އަލްކަރާޒް މެޗު ގެންގޮސްފައިވާ އިރު، އޭނާ އަތުން ހަމައެކަނި ގެއްލިގެން ދިޔައީ ތިން ޗެމްޕިއަންޝިޕް ޕޮއިންޓެކެވެ.

ފުރަތަމަ ސެޓު 6-2 އިން އަލްކަރާޒް ކާމިޔާބު ކުރި އިރު، ޖޮކޮވިޗް ކައިރިން ޑޮމިނޭޓް ކޮށް ދެވަނަ ސެޓުވެސް އަލްކަރާޒް ގެންދިޔައީ 6-2 އިންނެވެ. ތިންވަނަ ސެޓުގެ ފަހުކޮޅުގައި އަލްކަރާޒްގެ ފޯކަސް ކޮންމެވެސް ވަރަކަށް ގެއްލުނު ނަމަވެސް، ޓައިބްރޭކަށް ދިޔަ އެ ސެޓު އަލްކަރާޒް ވަނީ 7-6 (7-4) އިން ގެންގޮސްފައެވެ.

"އަބަދުވެސް އަހަރެން ބުނަން މި ތައްޓަކީ އަހަރެންގެ ހުވަފެނީ ތައްޓެކޭ،" ވޭލްސްގެ ޕްރިންސަސް ކެތެރިން މިޑްލްޓަން އަތުން ތަށި އެރުވުމުން އަލްކަރޭޒް ބުންޏެވެ.

"އަހަރެން އުމުރުން އެންމެ 11 އަހަރުގައި ދިން އިންޓަވިއުއެއްގައި ބުނެފައިވާނެ ހުވަފެނަކީ ވިލްބަލްޑަން ތަށި ހޯދުމޭ. އެ ހުވަފެނުގައި ތަކުރާރުކޮށް ކުލަޖައްސަމުން މި ދަނީ،" އަލްކަރާޒް ބުންޏެވެ.

ޖޮކޮވިޗް މިހާތަނަށް ހަތް ފަހަރު ވިމްބަލްޑަން ހޯދާފައިވާ އިރު، އޭނާ މަސައްކަތް ކުރަމުންދަނީ އެ މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވާ ރޯޖާ ފެޑަރާގެ ރެކޯޑާ ހަމަކުރުމަށެވެ. ފެޑެރާ ވަނީ ވިމްބަލްޑަން އަށް ފަހަރު ހޯދައިފައެވެ.

މިހާތަނަށް 24 ގްރޭންޑް ސްލޭމް ހޯދާފައިވާ ލެޖެންޑަރީ ޖޮކޮވިޗަކީ ތާރީހުގައިވެސް އެންމެ ގިނަ ގްރޭންޑް ސްލޭމް ހޯދާފައިވާ ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއެކެވެ. އޭނާގެ އިތުރުން ދެން 24 ގްރޭންޑް ސްލޭމް ހޯދާފައިވަނީ މާގަރެޓް ކޯޓެވެ. ޖޮކޮވިޗް މަސައްކަތް ކުރަމުންދަނީ އެ ރެކޯޑު އޭނާގެ އެކަނި ރެކޯޑަކަށް ހެދުމަށެވެ.

މިއީ އަލްކަރާޒްގެ ހަތަރުވަނަ ގްރޭންޑް ސްލޭމް ތައްޓެވެ. އަދި މިފަހަރު ފްރެންޗް އޯޕަންއާއި ވިމްބަލްޑަން ހޯދުމުން، އޭނާ ވެފައި ވަނީ އެ ޝަރަފުވެރި ދެ މުބާރާތް އެއް ސީޒަނެއްގައި ހޯދި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އަލްކަރާޒްގެ އުމުރަކީ 21 އަހަރެވެ.