އިލެކްޝަންސް ކޮމިޝަން (އީސީ) އިން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އަދި ދަ ޑިމޮކްރެޓިކްސް ޖޫރިމަނާކޮށްފިއެވެ.

އީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެއިން ކޮންމެ ޕާޓީއެއް 50،000 ރުފިޔާ އިން ޖޫރިމަނާކުރަން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން އޮޑިޓް ރިޕޯޓް ހުށަނޭޅުމުން ކަމަށެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު، އޮޑިޓް ރިޕޯޓު ކޮމިޝަނަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަންވާނެ ކަމަށެވެ.

އެ ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގައި ބުނަނީ އެއްވެސް ޕާޓީއަކުން އެ ގާނޫނާ އެއްގޮތަށް ހިސާބުގެ ލިޔެކިޔުންތައް ބަލަހައްޓާފައިނުވާނަމަ ނުވަތަ އެ ގާނޫނުގެ ދަށުން ކޮމިޝަނަށް ހުށަހަޅަންޖެހޭ އެއްވެސް މާލީ ރިޕޯޓެއް ހުށަހަޅާފައިނުވާ ނަމަ، 20,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ޕާޓީއެއް ޖޫރިމަނާ ކުރުމުގެ ބާރު އީސީއަށް ލިބިގެންވާ ކަމަށެވެ.

އަދި ހަމަ އެ މާއްދާގެ (ނ) ގައި ބުނަނީ ޕާޓީ ޖޫރިމަނާކުރުމުގެ އިތުރަށް، އެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން އެ ޕާޓީއަކުން ކަނޑައަޅާފައިވާ ފަރާތް 5,000 ރުފިޔާއާއި 10,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އީސީއަށް ލިބިގެންވާ ކަމަށެވެ.