ސްރީ ލަންކާގައި ކުރިއަށްދާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް، ރާއްޖޭގެ ފަސޫހާ އަހުމަދު، 800 މީޓަރު އިވެންޓުން ރިހި މެޑަލް ހޯދައިފިއެވެ.
ފަސޫހާ މިފަހަރު ލަންކާގެ 23 އަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތުގައި ވާދަކުރަމުންދަނީ ޓްރެކްޓް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުންނެވެ. ޓްރެކް އެންޑް ފީލްޑުން މިފަހަރު ލަންކާގެ މުބާރާތަށް ގިނަ އެތުލީޓުންތަކެއް ގެންގޮސްފައިވެއެވެ.
ފަސޫހާ، 800 މީޓަރު ދުވުމުގެ ރިހި މެޑަލް ހޯދީ، ދެ މިނެޓް، 13.81 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއްވަނަ ހޯދި ލަންކާގެ އެސްއެލް އާމީގެ ކަނިކާ ލަކްޝާނީގެ ޓައިމިން އަކީ ދެ މިނެޓް، 11.08 ސިކުންތެވެ. އަދި ތިންވަނަ ހޯދި ލަންކާގެ އެއާފޯސް ޓީމުގެ ކުމާރީގެ ޓައިމިން އަކީ، ދެ މިނެޓް، 17.54 ސިކުންތެވެ.
މިދިޔަ ދެ އަހަރު ދުވަހެއްގެ ތެރޭގައި ފަސޫހާ ވަނީ ހަތަރު ވަރަކަށް ފަހަރު ގައުމީ 800 މީޓަރު ރެކޯޑް އާކޮށްފައެވެ. ފަސޫހާ އެންމެފަހުން އެ ރެކޯޑު އާކުރީ މިދިޔަ މަހު އިންޑިއަން ގްރޯން ޕްރީގެ 800 މީޓަރު ދުވުމުގެ އިވެންޓުގައި ދުވެގެންނެވެ. ފަސޫހާ އެފަހަރު ރޭސް ނިންމީ، ދެ މިނެޓު، 14.53 ސިކުންތުންނެވެ. އެހެންކަމުން މިފަހަރުގެ ޓައިމިންއަކީ ރެކޯޑެކެވެ. އެ ރެކޯޑު އޮފިޝަލް ވާނީ އެސޯސިއޭޝަނުން ޗެކް ކުރުމުންނެވެ.
ފަސޫހާއަކީ މިވަގުތު އެންމެ ފޯމު ރަނގަޅުކޮށް ހުރި އަންހެން އެތުލީޓެވެ. އޭނާ ވަނީ އެތުލެޓިކްސް އެސޯސިއޭޝަނުން އެންމެ ފަހުން ބޭއްވި ގްރޯން ޕްރީ އާއި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމު ހޯދައިފައެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް