މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއަލް) އަށް ނުލިބިވާ ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ކަމަށް އެމްއޭސީއެލްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހު އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި، އެމްއޭސީއެލްގެ އޮޑިޓްގައި ބުނެފައިވާ ގޮތުގައި އެ ކުންފުންޏަށް އެކި އެކި ފަރާތްތަކުން ދައްކަން ޖެހޭ ފައިސާގެ ތެރެއިން 776 މިލިއަން ރުފިޔާ ނުލިބިވާ އިރު، އޭގެ ތެރެއިން 45 ޕަސަންޓަކީ އައިއޭއެސްއިން ނުލިބިވާ ފައިސާއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ނުލިބި ގިނަ ދުވަސް ވެފައިވާ ފައިސާގެ ތެރެއިން 52 ޕަސެންޓަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި ކަމަށެވެ. ދެން އެންމެ ބޮޑު ދަރަންޏެއް ހިއްސާކުރަނީ ބައިނަލްއަގުވާމީ އެއާލައިންތަކުންނެވެ.

  • އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)، 351 މިލިއަން ރުފިޔާ (45 ޕަސެންޓް)
  • ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)، 28.3 މިލިއަން ރުފިޔާ (ހަތަރު ޕަސެންޓް)
  • އެސްޓީއޯ، 4.6 މިލިއަން ރުފިޔާ (އެއް ޕަސެންޓް)
  • މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، 2.8 މިލިއަން ރުފިޔާ
  • އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް، 2.6 މިލިއަން ރުފިޔާ

މީގެ އިތުރުން އެހެނިހެން 504 ފަރާތަކުން ޖުމްލަ 386 މިލިއަން ރުފިޔާ އެމްއޭސީއެލްއަށް ދައްކަން ޖެހޭއިރު، އެ ފައިސާވެސް ނުލިބިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުންޏެވެ.

އެމްއޭސީއެލްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ 2008 އިން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހަށް ނުލިބި ހުރި ފައިސާގެ ތަފްސީލެވެ.