ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންގެންދިޔަ މަސައްކަތައް ހުރަސް އަޅައި، އިމިގްރޭޝަންގެ ވެހިކަލަކަށް ބިދޭސީއެއް ގެއްލުންދީފިއެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިމިގްޝަން އަދި ޕޮލިހުން ގުޅިގެން ރޭ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި އިމިގްރޭޝަންގެ މަސައްކަތަށް ހުރަސް އަޅައި އަދި ވެހިކަލަށް ބިދޭސީ އަކު ގެއްލުން ދީފައިވާ ކަމަށެވެ. އަދި އެ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަދި ވީ އެންމެ އަވަހަކަށް އިމިގްރޭޝަން ގާނޫނުން ހަރުކަށި ފިޔަވަޅު އެޅުމަށްފަހު ޑީޕޯޓް ކުރެވޭނެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މި އޮޕަރޭޝަން ފަސް ޖެހުމެއް ނެތި އަދި ބިރަކަށް ސިހުމެއް ނެތި ކުރިއަށް ދާނެ،" ޝަމްއާން ވިދާޅުވިއެވެ.
އޭގެ އިތުރުންވެސް ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ރޭ ވަނީ މާލޭގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ ހަތަރު ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ އޮޕަރޭޝަނުގައި ބިދޭސީ ހަ ފިރިހެނަކާއި އެއް އަންހެނެއް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އޭގެ ތެރެއިން ތިން ބިދޭސީން ހިންގަމުންދިޔަ ކެފޭއެއް ބަންދުކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އަދި އިމިގްރޭޝަންގެ ވެހިކަލަށް ގެއްލުން ދިނުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ބިދޭސީއެއް ވެސް އޭގެތެރޭގައި ހިމެނޭ ކަމަށާއި އެ ފަރާތްތަކާ މެދު އިމިގްރޭޝަން ގާނޫނުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު