ޓީވީ ކުލަ ނުވާ ޒަމާނުގައި ކުޅުނު ފައިނަލެކެވެ. 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލެވެ. އަމިއްލަ ގައުމުގައި ކުޅުނު އެ ފައިނަލް ކާމިޔާބުކުރި ފަހުން އިންގްލެންޑަށް ފުޓުބޯޅައިގެ ބޮޑު މުބާރާތަކުން ތަށްޓެއް ހޯދިފައެއް ނެތެވެ. އެފަހުން މިވީ 58 އަހަރުގައި އެތައް ކަމެއް، އެތައް ކުޅުންތެރީންނެއް، އެތައް ކޯޗުންނެއް އިންގްލެންޑަށް ތަށްޓެއް ހޯދައިދޭން މަސައްކަތް ކޮށްފިއެވެ. ދުނިޔޭގެ ފުޓުބޯޅަ ޗާޓުގެ އެންމެ އުހުގައި އޮތީ އިނގިރޭސީންނެވެ. އެ ކުޅިވަރަކަށް މުޅި ގައުމުގެ ބޮޑު ބައެއް އޮތީ ބަރޯސާވެފައެވެ. ލީގުގެ ވިޔަފާރިން ގައުމަށް ނަފާ ހޯދަމުން ދެއެވެ. މަދުވަނީ ގައުމީ ޓީމަށް ތަށްޓެކެވެ. ފުލުފުލުގައި ރަން ޖީލުތައް އުފެދިގެންވެސް އެކަން އޮތީ ނުވެއެވެ.
ޔޫރޯ 2024 ގެ ފައިނަލަށް އިންގްލެންޑުން ނުކުންނަނީ ހާއްސަ ޝަރަފަކާއެކުގައެވެ. ޔޫރޯ 2020 ގެ ފައިނަލުގައި ކުޅެ، ޖެހިޖެހިގެން ދެވަނަ ފައިނަލަށް ދަތުރުކުރުމުގެ އުފަލާއެކުގައެވެ. ޔޫރޯ 2020 ގެ ފައިނަލަށް އިންގްލެންޑް ދަތުރުކުރީ 55 އަހަރު ވަންދެން ފައިނަލެއް ކުޅެލަންވެސް ފުރުސަތު ނުލިބި އޮވެފައެވެ. އެއީ މި ފެންވަރުގެ ގައުމަކުން ބޮޑު މުބާރާތެއްގެ ދެވަނަ ފައިނަލަކަށް ކުރި އެންމެ ދިގު އިންތިޒާރުވެސް މެއެވެ. އެ ފައިނަލުން އިޓަލީ ކައިރިން ހިތްދަތިކޮށް، ޕެނަލްޓީގައި ބަލިވިބަލިވުން މިހާރުގެ ސްކޮޑުގެ ބޮޑު ބައެއް ކުޅުންތެރީން ހަނދާނުގައި ހުންނާނެކަން ޔަގީނެވެ. "ހޯމް"އަށް ގެންނަން އުޅުނު ފުޓުބޯޅަ ދިޔައީ "ރޯމް"އަށެވެ.
- 1968 ޔޫރޯ - ސެމީ ފައިނަލް
- 1970 ވޯލްޑް ކަޕް - ކުއާޓާ ފައިނަލް
- 1972 ޔޫރޯ - ކޮލިފައި ނުވޭ
- 1974 ވޯލްޑް ކަޕް - ކޮލިފައި ނުވޭ
- 1976 ޔޫރޯ - ކޮލިފައި ނުވޭ
- 1978 ވޯލްޑް ކަޕް - ކޮލިފައި ނުވޭ
- 1980 ޔޫރޯ - ގްރޫޕް ސްޓޭޖު
- 1982 ވޯލްޑް ކަޕް - ގްރޫޕް ސްޓޭޖު
- 1984 ޔޫރޯ - ކޮލިފައި ނުވޭ
- 1986 ވޯލްޑް ކަޕް - ކުއާޓާ ފައިނަލް
- 1988 ޔޫރޯ - ގްރޫޕް ސްޓޭޖު
- 1990 ވޯލްޑް ކަޕް - ސެމީ ފައިނަލް
- 1992 ޔޫރޯ - ގްރޫޕް ސްޓޭޖު
- 1994 ވޯލްޑް ކަޕް - ކޮލިފައި ނުވޭ
- 1996 ޔޫރޯ - ސެމީ ފައިނަލް
- 1998 ވޯލްޑް ކަޕް - ގަދަ 16
- 2000 ޔޫރޯ - ގްރޫޕް ސްޓޭޖު
- 2002 ވޯލްޑް ކަޕް - ކުއާޓާ ފައިނަލް
- 2004 ޔޫރޯ - ކުއާޓާ ފައިނަލް
- 2006 ވޯލްޑް ކަޕް - ކުއާޓާ ފައިނަލް
- 2008 ޔޫރޯ - ކޮލިފައި ނުވޭ
- 2010 ވޯލްޑް ކަޕް - ގަދަ 16
- 2012 ޔޫރޯ - ކުއާޓާ ފައިނަލް
- 2014 ވޯލްޑް ކަޕް - ގްރޫޕް ސްޓޭޖު
- 2016 ޔޫރޯ - ގަދަ 16
- 2018 ވޯލްޑް ކަޕް - ސެމީ ފައިނަލް
- 2019 ނޭޝަންސް ލީގު - ސެމީ ފައިނަލް
- 2020 ޔޫރޯ - ފައިނަލް
ވެމްބްލީގައި ހޯދި ވޯލްޑް ކަޕް ތަށްޓަށްފަހު 21،168 ދުވަސް ފާއިތުވެ ހިނގައްޖެއެވެ. އޭގެފަހުން އިނގިރޭސި 13 ޕްރައިމް މިނިސްޓަރަކު އެ ގައުމުގެ ޕްރައިމް މިނިސްޓަރުކަން ކުރައްވައިފިއެވެ. 4-2 އިން އެފަހަރުގެ ފައިނަލް މެޗު ޖަރުމަނު ބަލިކޮށް، އިންގްލެންޑުން ކާމިޔާބުކުރި އިރު، މިހާރުގެ ކޯޗު ގެރެތު ސައުތުގޭޓް އުފަންވެސް ނުވެއެވެ. އެ މޮޅުގެ ހަނދާން ހަގީގަތުގައި މިހާރު ގައުމުގައި ނުވެސް ނެތެވެ. އެ ތަށި އިންގްލެންޑްގެ އަތަށް އެރުވި ރާނީ، ކުއީން އެލިޒަބަތު 2 ވެސް އަވަހާރަވެއްޖެއެވެ. މިދިޔަ ޔޫރޯ 2020 ގެ ފައިނަލުގައި އިންގްލެންޑަށް ހިތްވަރު ދެއްވަން ރާނީ ވަނީ އެ ހަނދާންތަކާއެކު ޓީމަށް ހާއްސަ މެސެޖެއް ވެސް ދެއްވާފައެވެ.
ނާކާމިޔާބީތަކުގެ ލިސްޓާއެކު އިންގްލެންޑުގެ ސަޕޯޓަރުންނަށް އެތައް ދުވަހެއް ކަރުނައިގައި ވޭތުވެ ހިނގައްޖެއެވެ. 1966 ވަނަ އަހަރަށްފަހު ޔޫއެފާއާއި ފީފާގެ 16 މުބާރާތެއްގެ ނޮކްއައުޓް ބުރުގައި އިންގްލެންޑް ކުޅެފައިވާ އިރު، އެއީ 30 މުބާރާތެވެ. އެ 30 މުބާރާތުގައި އެތައް ކަމެއް ހިނގައި، އެތައް ކުޅުންތެރީންނެއް ފެނިގެން ގޮސްފައިވެއެވެ. އެތައް ކޯޗުންނެކެވެ. އާއެނކޭ، މިފަހަރު ތަށްޓެއް ލިބޭނެއޭ ބުނެ އެ ޔަގީންކަމާއެކު ނުކުތް ފަހަރުތަކުގައިވެސް ބަދު ނަސީބުގައި ޖެހިގެން އިންގްލެންޑަށް ނާކާމިޔަބީތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އެތައް ރަތް ކާޑެއްގެ ސަބަބުންނެވެ. ނާއިންސާފުގެ ގޯލުތަކެއްގެ ސަބަބުންވެސް މެއެވެ. ކޮންމެއަކަސް އަހަރުތަކުގެ ތެރެއިން އައިސް، 58 އަހަރު މިވީ އިންގްލެންޑް ސަޕޯޓަރުންނަށް އުފާފާޅުކުރުމަށް ހާއްސަ ޝަރަފެއް ނުހޯދިއެވެ.
1966 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު، އިންގްލެންޑް ގައުމީ ޓީމަށް މިރޭ އޮންނަ ޔޫރޯ ފައިނަލާއި ހަމައަށް 457 ކުޅުންތެރިން ކުޅެފައެވެ. އެއީ 70 ކްލަބެއްގެ ކުޅުންތެރީންނެވެ. އެއީ އިނގިރޭސި ލީގު ސްޓްރަކްޗާގައި ހިމެނޭ ޕްރިމިއާ ލީގާއި ޗެމްޕިއަންޝިޕް އަދި ލީގު ވަންގައި ހިމެނޭ ޓީމުތަކުގެ އަދަދު އެއްކޮށްލުމުން އަންނަ އަދަދަށްވުރެވެސް ގިނަ ކްލަބެވެ. އެ ދުވަސްތަކުގައި އިންގްލެންޑަށް ކުޅުނު އެންމެ ކުރީގެ ކުޅުންތެރިޔަކީ ރޭ ވިލްސަން އެވެ. އޭނާ އުފަންވެފައި ވަނީ 1934 ވަނަ އަހަރު ޑިސެމްބަރު މަހުގައެވެ. އެންމެ ފަހުން އުފަންވި ކުޅުންތެރިޔަކަށް މިދިޔަ 58 އަހަރުގައި އިންގްލެންޑަށް ކުޅުނީ މެންޗެސްޓާ ޔުނައިޓެޑްގެ ކޯބީ މައިނޫއެވެ. އޭނާއަކީ 2005 ވަނަ އަހަރު އޭޕްރީލް މަހު އުފަންވި ކުޅުންތެރިއެކެވެ.
މިދިޔަ 58 އަހަރު ތެރޭގައި އިންގްލެންޑަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔަކީ ޕީޓާ ޝިލްޓަން އެވެ. އޭނާ ވަނީ އެ މުއްދަތުގައި 125 މެޗު ގައުމީ ޓީމަށް ކުޅެދީފައެވެ. އަދި 1996 ވަނަ އަހަރު ވޯލްޑް ކަޕް ފަހުން އިންގްލެންޑަށް އެންމެ މެޗެއް ކުޅުނު 79 ކުޅުންތެރިޔަކު ފާހަގަވެފައިވެއެވެ.
ދެން އޮތީ މިދިޔަ 58 އަހަރު ތެރޭގައި ތަށްޓެއްގެ އިންތިޒާރުގައި ކުޅެމުން ދިޔަ އިންގްލެންޑުން ކުޅުނު މެޗުގެ އަދަދެވެ. އެ މުއްދަތުގައި އިންގްލެންޑުން 652 މެޗު ކުޅެފައިވެއެވެ. ބާލިންގައި މިރޭ ކުޅޭ ފައިނަލް މެޗު ވާނީ 653 ވަނަ މެޗަށެވެ. އޭގެ ތެރެއިން 362 މެޗު އިންގްލެންޑުން ކާމިޔާބުކުރި އިރު، ބަލިވީ 112 މެޗުންނެވެ. އެއްވަރުވީ 177 މެޗުންނެވެ.
ދިގު އިންދިޒާރެއްގައި އެތައް ބައެއްގެ ހިއްސާ އޮންނާނެވެސް ތާއެވެ. 1966 ވަނަ އަހަރަށްފަހު ސައުުތުގޭޓާ ހަމައަށް، 18 ކޯޗުން އެގައުމުގެ ގައުމީ ޓީމަށް ކޯޗުކަންވެސް ކޮށްދީފިއެވެ. އިންގްލެންޑަށް 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދައިދިން ކޯޗަކީ ސާ އެލްފް ރަމްސޭއެވެ. އެފަހުން އެޓީމު ގޮވައިގެން ސެމީއަކަށް ދެވުނީވެސް ސައުތުގޭޓާއި ސާ ބޮބީ ރޮބްސަން އަދި ޓެރީ ވެނަބެލްސްއަށް އެކަންޏެވެ. ސައުތުގޭޓަކީ ޖެހިޖެހިގެން ދެ ޔޫރޯ ފައިނަލަށް، އަދި ޔޫރޯގެ ހަމައެކަނި ފައިނަލަށްވެސް އިންގްލެންޑް ގެންދިޔަ ޝަރަފުވެރި ކޯޗެކެވެ.
އެންމެ ގާތުން އިންގްލެންޑަށް ލިބުނު ހިތްދަތިކަމެއްގެ ގޮތުގައި ޔޫރޯ 2020 ގެ ފައިނަލުގައި އިޓަލީ ކައިރިންވި ބަލި ހިމެނޭނެއެވެ. ވެމްބްލީގައި އިޓަލީން ދިޔައީ އިންގްލެންޑަށް އިތުރު އިންތިޒާރެއް ކުރަން ޖައްސާފައެވެ.
ތާރީހުގެ ތެރެއިން އިންގްލެންޑް ސަޕޯޓަރުންގެ ހިތުގައި އެކިއެކި މުބާރާތްތަކުން ކަޓައިގެން ދިޔުމުގެ ހައިރާންކުރުވަނިވި ކަންކަމުގެ ހަނދާންތައް އަދިވެސް ހުންނާނެއެވެ. 1970 ވަނަ އަހަރު މެކްސިކޯގައި އޮތް ވޯލްޑް ކަޕުގައި ޖަރުމަނުގެ ގާޑު މުލާ ޖެހި އާދަޔާ ހިލާފު މޮޅު ވޮލީ ގޯލާއި، 1986 ވަނަ އަހަރު ހަމަ މެކްސިކޯގައި އޮތް ވޯލްޑް ކަޕްގައި ޑިއޭގޯ މަރަޑޯނާ އަތުން އިންގްލެންޑު ކޮޅަށް ޖެހި "ހޭންޑް އޮފް ގޯޑް" ގޯލުވެސް އޭގެ ތެރޭގައި ހިމެނޭނެއެވެ. 1990 ވަނަ އަހަރާއި 1996 ވަނަ އަހަރު ޖަރުމަނު އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި ބަލިވުމުގެ އިތުރުން 2004 ވަނަ އަހަރު ޔޫރޯ ކުއާޓާ ފައިނަލުގައި ޓީމުގެ ތަރި ވޭން ރޫނީ ބާލަން ޖެހުމާއި، 2006 ވަނަ އަހަރު ރޫނީ ރޮނާލްޑޯ ގައިގައި ޖަހައިގެން ހޯދި ރަތް ކާޑުވެސް ހަނދާންތަކުގައި ހިމެނޭނެއެވެ.
އޭގެފަހުން 2010 ވަނަ އަހަރު އިންގްލެންޑުގެ ގޯލްޑަން ޖެނެރޭޝަން ވޯލްޑް ކަޕުން ކަޓައިގެން ދިޔައީ ޖަރުމަނު ކޮޅަށް ލެމްޕާޑު ޖެހި ސާފުސީދާ ގޯލެއް، ރެފްރީ ގޯލަކަށް ނުނިންމުމުންނެވެ. ލެމްޕާޑު ޖެހި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހި ގޯލުގެ ދެފޫޓެއްހާތަން އެތެރޭގައި ޖެހުނު ނަމަވެސް ލައިސްމަނަށް އެ ބޯޅަ ގޯލަށް ވަންތަން ނުފެނުނެވެ.
1966 ވަނަ އަހަރު އިންގްލެންޑް ކެޕްޓަންކަން ކުރި ބޮބީ މޫރު އޭރުގެ ވޯލްޑް ކަޕް ތަށި، ޖޫލްސް ރިމެޓް ޓްރޮފީ އުފުލައިލިތާ 55 އަހަރު ވެފައިވާއިރު، އެ ގައުމުން މިއަހަރު ޔޫރޯގެ ފައިނަލާ ހަމައަށް އައުމުގެ ކުރިން އެކިއެކި މުބާރްތަކުގައި ކުޅުނު މެޗުތަކަށް 54 ގައުމަށް ގޮސްފައިވެއެވެ. އެއީ ގާތްގަނޑަކަށް 150،000 މޭލުގެ ދަތުރެވެ. އިންގްލެންޑުން ތަށްޓެއްގެ އިންތިޒާރުގައި ދިޔަ ގައުމުތަކުގެ ތެރޭގައި މެކްސިކޯ، ޖަޕާން، ސައުތު ކޮރެއާއި ބްރެޒިލްގެ އިތުރުން ގަތަރާއި މިހާރު ޔޫރޯ ކުޅެމުން އަންނަ ޖަރުމަނު ހިމެނެއެވެ. އެތައް ދަތުރެއް ކޮށްގެންވެސް ނުލިބި އޮތް ތަށްޓަށް މިފަހަރު ނުކުންނާނީ ސްޕެއިނާ ދެކޮޅަށެވެ. 58 އަހަރުގެ ކަރުނައާއި ހިތްދަތިކަމަށް ނިމުން ގެންނާށެވެ. އަމިއްލަ ގައުމުން ބޭރުގައި އިންގްލެންޑަށް ލިބޭ ފުރަތަމަ ފައިނަލަކީ މިއެވެ. ޝަރަފުވެރި ޓީމެއް އޮތީ، ޝަރަފުވެރި ތަށްޓެއްގެ އިންތިޒާރުގައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް