ހ. ހުދުފިނިފެންމާގޭގައި މީހުން ތާށިވީ، އިމާރާތްކުރުމުގެ ހުއްދައަކަށް އެ ގޭގެ އެއްބައި ގާނޫނާ ހިލާފަށް ވަކިން ރަޖިސްޓަރީކޮށްދީފައި އޮތުމުން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ހުދުފިނިފެންމާގޭގައި 8 މީހަކު 24 ގަޑިއިރު ވަންދެން ބަންދުވެފައި ތިބުމުގެ ސަބަބުން އެކަން ދިމާވި ގޮތް ސާފުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކައުންސިލުގެ ވަކީލު އަބްދުﷲ އަބްދުލް ހަކީމް ވިދާޅުވީ، ހުދުފިނިފެންމާގޭގެ ގޯޅީގެ މައްސަލަ ހުށަހެޅިގެން އުޅޭތާ 27 އަހަރު ވެއްޖެ ކަމަށާއި އެކަމަށް އަދިވެސް އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށެވެ.

ވަކީލު ވިދާޅުވީ ހުދުފިނެފެންމާގޭގެ ބޮޑު މިނަކީ 3970 އަކަފޫޓް ކަމަށާއި، އެ ގޯތި ދެބައި ކުރުމުން ކޮންމެ ބަޔަކަށް 1985 އަކަފޫޓް ހިމެނޭ ގޮތަށް ދެބައި ކުރެވުނު ކަމަށެވެ. އަދި ދެބައި ކޮށްފައި އެއްބަޔަށް ކިޔާފައިވަނީ ހުދުފިނިފެންމާގެ އަދި އަނެއްބަޔަށް ކިޔާފައިވަނީ ހުދުފިނިގެންމާގެ އާގެ ކަމަށް ވަކީލު ވިދާޅުވިއެވެ. މީގެ ތެރެއިން ހުދުފިނިފެންމާގެ އަނެއްކާވެސް ދެބައި ކުރި ކަމަށާއި، އެއްބަޔަށް ކިޔަނީ ފުގުރާ އަދި އަނެއްބަޔަށް ކިޔާފައިވަނީ ހުދުފިނިފެންމާގެ ކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ، އެ ދެ ބަޔަށްވެސް ވަދެވެން އޮންނަނީ ހަދީބީ މަގުން ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން އެއް ބައިގެ ވެރިފަރާތް، ހަސަން ޝާކިރު، ވަނީ އަނެއް ބައިގެ ވެރިފަރާތް

ހައްވާ އިބްރާހީމަށް ނުވަދެވޭގޮތަށް ގޯޅިއެއް ނުކަނޑައި އެތަން ރަޖިސްޓްރީކޮށްފައި ކަމަށެވެ.

"ވަކި ރަޖިސްޓްރީއެއް ހަދާފައި އޮތީ ހުދުފިނިފެންމާގޭ ހަސަން ޝާކިރަށް. އަސްލު މާލެ ސިޓީ ކައުންސިލުން ހިންގާ އުސޫލުތަކަށް ބަލާއިރު ގޯއްޗެއް ދެބައިކޮށްފައި ގޯތި ބަހާއިރުގައި އެ ގޯތިން ޖެހޭނެ މަގަށް ނުކުންނަ ގޯޅިއެއް ނަގަން. އެހެންވީމާ ގޯޅިއެއް ނުނަގައި ހަސަން ޝާކިރަށްވި ބައިގައި ވަކި ރަޖިސްޓްރީއެއް ހަދާފައި އޮތީ. ހަސަން ޝާކިރަށް ވަކި ރަޖިސްޓްރީއެއް ހަދައިދީފައި އޮތް އިރު މާލެ ސިޓީ ކައުންސިލުން 2020 ގައި ވަކި ރަޖިސްޓްރީއެއް ހަދާފައި އޮތް އިރު، އެ ރަޖިސްޓްރީގައި ލިޔެފައި އޮންނަނީ "އިމާރާތްކުރުމަށް ދީފައިވާ ހުއްދައިގެ ދަށުން. މި ރަޖިސްޓްރީ ހެދުމުގެ ސަބަބުން ހުދުފިނިގެންމާގޭގެ ފަހަތުގައި އޮތް ބަޔަށް ނުވަދެވޭގޮތްވީ." ވަކީލު ވިދާޅުވިއެވެ.

ވަކީލު އިތުރަށް ވިދާޅުވީ، ހުދުފިނިފެންމާގޭގައި ބަޔަކު ތާށިވީ، ސިޓީ ކައުންސިލުގެ އިހުމާލުން، ހަސަން ޝާކިރަށް ވަކި ރަޖިސްޓްރީއެއް ގާނޫނާއި ގަވާއިދާ ހިލާފަށް ހަދައިދެވިފައިވުމުގެ ސަބަބުން ކަމަށެވެ.

ހުދުފިނިފެންމާގޭގައި ބަޔަކު ތާށިވުމުން ސިޓީ ކައުންސިލުގެ ހުއްދައަކަށް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އެ ގޭގެ ދެ ފާރެއް ތަޅާލައި އެ މީހުންނަށް ވަދެނުކުމެވޭނެ ގޮތް ހަދައިފައެވެ.