ދިރާގުން އެ ކުންފުންޏަށް އަގުހުރި ހިދުމަތްތައް ކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފިއެެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބޭއްވި އެ އިވެންޓަކީ ދިރާގުގެ މުވައްޒަފުން ކުންފުންޏަށް ހޯދައިދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިވެންޓެކެވެ.

އެ އިވެންޓުގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ ޗީފް އެގްޒެކްޓިވް، އިލްޔާސް އަހުމަދެވެ. އޭގެ އިތުރުން ދިރާގުގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުން، ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި ދިރާގުގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ މުވައްޒަފުންވެސް ވަނީ އެ އިވެންޓުގައި ބައިވެރިވެފައެވެ.

އެ އިވެންޓުގައި އެ ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތްކުރި މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް 79 މުވައްޒަފަކަށް ވަނީ އެވޯޑު ހަވާލުކޮށްފައެވެ.

ދިރާގުން ބުނީ އެކުންފުންޏަށް 10 އަހަރާއި 15 އަހަރާއި އަދި 25 އަހަރު ހިދުމަތްކޮށްދީފައިވާ 45 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފައި ކަމަށާއި އަދި ވޭތުވެދިޔަ އަހަރު ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ 34 މުވައްޒަފުންނަށްވެސް އެވޯޑު ހަވާލުކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި 15 ޑިވިޝަނަލް މެރިޓް އެވޯޑު، 11 ސްޕެޝަލް މެރިޓް އެވޯޑު، ފަސް އިނޮވޭޝަން އެވޯޑު އަދި ދެ އައުޓްސްޓޭންޑިން ލީޑާސް އެވޯޑު ހިމެނެއެވެ.

ރޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޗެއާމަންގެ އެވޯޑު ލިބިފައިވަނީ ދިރާގުގެ އިންޖިނިއާ ކޯ ސިސްޓަމްސް، އިސްމާއިލް ސަމާހަށެވެ.

ދިރާގުން ބުނީ ސަމާހުގެ ފަންނީ ތަޖުރިބާ އާއި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދިރާގުގެ މައި ސިސްޓަމް ޕްރޮޖެކްޓުތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ.

ދިރާގުން އަބަދުވެސް އަންނަނީ އެކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް މުވައްޒަފުން ކުރަމުންދާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުންނެވެ.