ޔޫރޯ 2024 ނިމުމަކާ ގާތްވެއްޖެއެވެ. ފައިނަލްގެ ވަރުގަދަ ކުރިމަތިލުމަށް އިންގްލެންޑާއި ސްޕެއިން ތައްޔާރުވެއްޖެއެވެ. ބޮޑު އީދަކަށްފަހު ދިވެހީންގެ ތެރޭގައިވެސް ޔޫރޯ ވައިގައި ހިފި ފަހަރެކެވެ. ރަށްރަށުގެ ކައުންސިލްތަކާއި ރަސްމީ އިދާރާތަކުން، ނުވަތަ ބޮޑެތި ވިޔަފާރިތަކުން މާ ބޮޑަށް ޔޫރޯއަށް ޝައުގު ނުބެހެއްޓި ނަމަވެސް، ކުދި ގާޑިޔާތަކާއި ކެފޭ ރެސްޓޯރަންޓްތަކުގެ އިތުރުން ބައެއް ކަންކަން މަތީގައިވެސް ޔޫރޯ ފޯރިގައެވެ. އޭގެ އިތުރުން ފޭސްބުކާއި ސޯޝަލް މީޑިއާގެ އެހެން ބައެއް އެޕްލިކޭޝަންތަކުގައިވެސް ޔޫރޯގެ ފޯރި ގަދައެވެ. ދިމާކޮށްލުމާއި، ޖޯކު ޖަހާލުންވެސް ގިނައެވެ. ގޭގޭގެ ސިޓިން ރޫމްތަކުގައި އާއިލީ ޔޫރޯ ބެލުންތައް ހިންގާލިއެވެ. ކެއުންތައްވެސް ތައްޔާރުކުރާތަން ފެނެއެވެ.

ބޮޑު އީދާ ދިމާކޮށް އައި ޔޫރޯއަށް ވަރަށް ބޮޑު ޝައުގެއް ދިވެހީން ބެހެއްޓިއެވެ. އެހެންނަމަވެސް، އެންމެ އާންމުކޮށް ދެކެވޭ ވާހަކައަކަށްވީ، މިއީ ވަރަށް ފޫހި ޔޫރޯއެއް ކަމަށް ބުނެ ދެކެވޭ ވާހަކައެވެ. އެއް ކަމެކެވެ. ތަރިންގެ ގޮތުގައި ލިސްޓުކުރެވުނު ގިނަ ކުޅުންތެރިންނަކަށް މި ޔޫރޯ ދިޔައީ ޗޮކުންނެވެ. އެހެންނަމަވެސް އާ ތަރިން އުފެއްދިކަން ޔަގީނެވެ. ޒުވާން ނަންތަކެއް ދިވެހީންނާ ހަމައަށް ތިލަވެއްޖެއެވެ. ދެން އޮތް އަނެއް ވާހަކައަކީ ގޯލު މަދުކަމާއި، ބައިކޮޅަށް ޖަހާ ގޯލުވެސް ގިނަވުމެވެ. އަދި އޭގެ އިތުރުން، ހަނި ގޮތްގޮތަށް ގޯލެއްވެސް އޯޕަން ޕްލޭގައި ނުޖެހި ބޮޑެތި ޓީމުތަކަށްވެސް އުނދަގޫތަކާ ކުރިމަތިވުމެވެ. އަދި ކުދި ޓީމުތަކަށް ކިޔާ ޓީމުތައް ސަޕްރައިޒްވެސް ދިނެވެ.

ވެދާނެ ގޮތެކެވެ. ސަޕޯޓް ކުރާ ޓީމު ކެޓުމުން ޔޫރޯ ފޫހިވީއެވެ. ނޫންނަމަ، އެންމެ ސަޕޯޓްކުރާ ކުޅުންތެރިޔާއަށް މާ ބޮޑު ކަމެއް ނުކުރެވުމުން ޔޫރޯ ފޫހިވީއެވެ. އެއީ ޖަޒުބާތީ ކަމެކެވެ. ޖަޒުބާތީ ފަޅިއަށް އެކަނި ބިނާކޮށް، ޔޫރޯއާ މެދު ގޮތެއް ނިންމުމުގެ ކުރިން އަދަދުތަކަށް ބަލައިލަމާ ހިނގާށެވެ.

ޔޫރޯ 24 ޓީމަށް، 2016 ވަނަ އަހަރު ބަދަލުކުރި ފަހުން، ގަދަ 16 ގެ ބުރަކަށް ހަތަރު ޓީމަކުން 16 ޓީމު ދަތުރުކުރެއެވެ. އޭގެ ސަބަބުން ގްރޫޕް ސްޓޭޖުން ކަޓަނީ އަށް ޓީމެވެ. ހަ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނައިގެ އިތުރުން ހަތަރު ގްރޫޕަކުން އެންމެ ބޮޑު ތިން ޓީމަށް އަނެއް ބުރަށް ދެވެއެވެ. ޔޫއެފާގެ ނަޒަރުގައި އެއީ ގައުމުތަކަށް ފަހިވާ އިތުރު ފުރުސަތެކެވެ. އެ ފުރުސަތުން ނަތީޖާ ލިބެނީ، ފުރުސަތެއް ލިބުން ހައްގު ކަހަލަ ޓީމުތަކަށް ކަމަށްވެސް ޔޫއެފާއިން ބުނެއެވެ. އެގޮތުން 2016 ވަނަ އަހަރު ވޭލްސް ސެމީއަށް ދިއުމާއި އެ އަހަރު އައިސްލޭންޑުން ކުރިއަށް ގޮސް، ގަދަ 16 ގައި އިންގްލެންޑް ބަލިކޮށްލުން ހިމެނެއެވެ.

އޭގެ އިތުރުން ޔޫރޯ 2020 ގައި ޑެންމާކު ސެމީ ފައިނަލަށް ގޮސްފައިވާ އިރު، ޔޫއެފާއިން ގަބޫލުކުރާ ގޮތުގައި ގްރޫޕް ސްޓޭޖު ވާދަވެރިވާ އެއް ސަބަބަކީ ގިނަ ޓީމުތަކަކަށް އުންމީދު ބޮޑުވުމެވެ. އަދި ހާއްސަކޮށް މިހާރު އޮންނަ ސިސްޓަމުން ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ދާއިރުވެސް ގްރޫޕަށް އެއްވެސް ގޮތެއް ނުނިމި އޮތުމަކީ ގްރޫޕް ސްޓޭޖުވެސް ވަރަށް ބޮޑަށް ފޯރިގަދަވާ ސަބަބެއް ކަމަށް ޔޫއެފާއިން ގަބޫލުކުރެއެވެ. އެގޮތުން މިފަހަރުގެ ފަހު މެޗު ދުވަހަށް ދިޔަ އިރު، 24 ޓީމުގެ ތެރެއިން ކަޓާފައި އޮތީ އެންމެ ޓީމެކެވެ. އެއީ ޕޮލެންޑް އެކަންޏެވެ.

ޔޫއެފާގެ ހިސާބުތަކުން ދައްކާ ގޮތުގައި 16 ޓީމު ހަ ގްރޫޕުން އަނެއް ބުރަށް ދިއުމަކީ ކުރިއެރުމެކެވެ. އެ އުސޫލުގެ ދަށުން ބޮޑެތި ޓީމުތައްވެސް ހަނި ގޮތަކަށް ސަލާމަތްވެފައި އެބަހުއްޓެވެ. ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި މިހާރު އޮންނަ އުސޫލުން ބޮޑެތި ޓީމުތަކުން ގްރޫޕް ސްޓޭޖުގައި "ރިސްކް" ފްރީކޮށް، ޑިފެންސް ކޮށްލަން ކުޅޭތަން ފެނެއެވެ. ހާއްސަކޮށް ނޮކްއައުޓަށް ނުކުތުމުގެ ކުރިން ހަނި ގޮތަކަށް ފުރުސަތު ޔަގީންވާނެ ކަމުގެ އުންމީދު ޓީމުތަކަށް މާ ބޮޑަށް އޮތުމަކީވެސް ތަޖުރިބާކާރުންގެ ނަޒަރުގައި މައްސަލައަކަށް ވެދާނެއެވެ.

ޔޫރޯ 2024 ގައި ފެނުނު އެއް ކަމެއް ޔަގީނެވެ. މެޗުތައް ދިޔައީ ހަމަ ކިރިޔަ ކިރިޔާއެވެ. ނަތީޖާ ޔަގީންކޮށް ނެރެލި ޓީމަކަށް ފެނުނީ ސްޕެއިނެވެ. އެޓީމުން ފައިނަލަށް ދިޔައީ ހުރިޙާ މެޗަކުން މޮޅުވެގެންނެވެ. ހަމައެކަނި އިތުރު ވަގުތަކަށް ދިޔައީ ޖަރުމަނު ކައިރިންނެވެ. މި ޔޫރޯގައި ތަފާތު ބޮޑުކޮށް ފެނުނީ ވަރަށް މަދު މޮޅެކެވެ. އެވަރެޖް ޓީމެއް މެޗަކުން މޮޅުވެފައި އޮތީ 1.08 ގޯލުންނެވެ. އެއީ 1992 ވަނަ އަހަރު އަށް ޓީމުން ކުޅުނު ޔޫރޯއިން ފެށިގެން މިހާތަނަށް އެ ރޭޓް ވެއްޓުނު އެންމެ ދަށް އަދަދެވެ.

މީގެ ކުރިން އެންމެ ތަފާތު ކުޑަކޮށް ޓީމުތަކުގެ މެދުގައި ކުޅެވުނު ޔޫރޯ އަކީ 2008 ވަނަ އަހަރު ޔޫރޯއެވެ. އެފަހަރު މޮޅުވި މާޖިންގެ އެވަރެޖަކީ 1.39 ގޯލެވެ. މިފަހަރު ޔޫރޯގެ ގްރޫޕް ސްޓޭޖު ނިމުނު އިރު، އަދި އެ އަދަދު ހުރީ 1.03 ގައެވެ.

މިފަހަރު ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ކޮންމެ ޓީމަކުންވެސް އެންމެ ދަށް ވެގެން ޕޮއިންޓެއް ހޯދިއެވެ. އަދި ގްރޫޕްގެ އެއްވަނަ ޓީމާއި ހަތަރު ޓީމުގެ މެދުގައި އޮތް އެވަރެޖް ޕޮއިންޓް ފަރަގު ވަރަށް ދަށެވެ. އެ އަދަދަކީ 4.5 ޕޮއިންޓެވެ. އެއީ 16 ޓީމާއެކު ބޭއްވި 1996 ވަނަ އަހަރު ބޭއްވި ޔޫރޯގެ ފަހުން އެންމެ ފަރަގު ކުޑަކޮށް ނިމުނު ގްރޫޕް ސްޓޭވެ.

މީގެ ކުރީގެ އަދަދުތަކަށް ބަލާ އިރު، މިއީ އެންމެ ވާދަވެރި އެއް ގްރޫޕް ސްޓޭޖެވެ. މީގެ ކުރިން ދެ ޔޫރޯގެ ގްރޫޕް ސްޓޭޖު، 5.5 ގެ ފަރަގެއްގައި އެއްވަނައާއި ހަތަރުވަނަ ނިންމާލި ނަމަވެސް، ދެން އެހެން އަހަރުތަކުގައި އެއަށްވުރެ ފަރަގު ބޮޑެވެ.

މިފަހަރު ޔޫރޯގެ ސެމީއަށް ދިޔަ ހަތަރު ޓީމުގެ ތެރެއިން ހުރިހާ މެޗުން މޮޅުވެގެން ނުކުތީ ސްޕެއިން އެކަންޏެވެ. ނެދަލޭންޑްސްއިން އޮސްޓްރިއާ ކައިރިން ބަލިވި އިރު، އިންގްލެންޑާއި ފްރާންސުން ސެމީއާ ހަމައަށް ދާން ގަދަ 16 އަށް ނުކުތީ ގްރޫޕް ސްޓޭޖުގައި އެންމެ މޮޅެއް ހޯދައިގެންނެވެ.

ޔޫއެފާއިން ޔޫރޯ ފަދަ ބޮޑެތި މުބާރާތްތަކުން ހޯދާ މާލީ މަންފާ ހަރަދުކުރަމުންދަނީ ފުޓުބޯޅައިގައި ކުދި ގައުމުތަކަށެވެ. އެގައުމުތަކުގެ ގްރާސް ރޫޓް ވަރުގަދަކޮށް، ވަސީލަތްތައް ގާއިމުކުރުމަށް ޔޫއެފާ އެސިސްޓް، ޔޫއެފާ ހެޓްރިކް ފަދަ ޕްރޮގްރާމްތައް ޔޫއެފާއިން ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ޔޫއެފާއިން ވަނީ ޖޯޖިއާގެ ނަން ވަކިން ފާހަގަކޮށްފައެވެ. އެގައުމަކީ ޔޫއެފާ އެސިސްޓްކޮށްގެން ފުޓުބޯޅައިގެ ބޮޑު ޕްލޭނެއް ތަންފީޒުކުރަމުންދާ ގައުމެކެވެ.

އޭގެ އިތުރުން އެހެނިހެން ފުރުސަތުތައްވެސް އެއީ މިފަހަރު ޔޫރޯ 2024 ގެ މެޗުތައް ހަމަހަމަކޮށް ފެނިގެން ދިއުމުގެ އަސްލެއް ކަމަށް ޔޫއެފާއިން ގަބޫލުކުރެއެވެ. އެގޮތުން ނޭޝަންސް ލީގުގައި ގިނަ ގައުމުތަކަކަށް މެޗުތައް ކުޅެން ފުރުސަތު ލިބުމުގެ އިތުރުން ނޭޝަންސް ލީގު ތެރެއިން ކޮލިފިކޭޝަން ފުރުސަތުތައް ފަހިވެފައި އޮތުމަކީވެސް ޔޫއެފާއިން ގަބޫލުކުރާ ގޮތުގައި ކުދި ޓީމުތަކަށް ބޮޑެތި ޓީމުތަކާ އަރައި ހަމަކުރަން ލިބޭ ފުރުސަތުތަކެވެ.

ޔޫއެފާގެ ގަބޫލުކުރުންތައް އެހެން ހުރި ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ ޔޫރޯއިން ފެނުނީ ކުޅުންތެރިންގެ ވަރުބަލިކަން ކަމަށެވެ. ހާއްސަކޮށް ބޮޑެތި ޓީމުތަކުގައި ކުޅެމުންދާ ކުޅުންތެރިންނަށް ސީޒަން ތެރޭގައި މާ ބޮޑަށްވެސް މެޗު ގިނަވެ، އެއްވެސް ރެސްޓެއް ނުލިބި ޔޫރޯ ކުޅެން ޖެހުން އެއީ ބޮޑު ތަކުލީފެއް ކަމަށްވެސް ބައެއް ކުޅުންތެރިން ސިފަކޮށްފައިވެއެވެ. އެގޮތުން ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީވެސް ވަނީ އެކަމާ ވާހަކަ ދައްކައިފައެވެ. ރޮޑްރީ ބުނީ ކުޅުންތެރިން ހިމާޔަތް ނުކުރާ ނަމަ، މިހާރު ކުޅޭ ގޮތަށް ގިނަ މެޗުތަކެއް ނުކުޅެވޭނެ ކަމަށެވެ.

ކޮންމެއަކަސް، ޔަގީނުންވެސް އެނގޭ އެއްކަމަކީ މިފަހަރުގެ ޔޫރޯގައި ގޯލުތައް މެދުވެ، ވަރަށް ބޮޑަށް ހަމަލާތައްވެސް މަދުވެއްޖެ ކަމެވެ. އަދި ރަތް ކާޑުތައްވެސް މަދުވެ، ކުޅުމުގެ ސްޓައިލް ވަރަށް ބޮޑަށް "ސޭފް" ކޮށްފިކަމެވެ. އެއީ ބެލުންތެރިންނަށް އެހާ ކަމުދާ މަންޒަރެއް ނޫނެވެ.