މޯލްޑިވްސް ހާފް މެރެތަން 2024 ގައި މިފްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެއްޖެއެވެ.

މިފްކޯއިން މިއަދު ބުނީ އެ މެރެތަންގައި އެ ކުންފުނީގެ 31 މުވައްޒަފުން ބައިވެރިވި ކަމަށެވެ.

މޯލްޑިވްސް ހާފް މެރެތަންއަކީ ދުވުމާއި ކަސްރަތުގެ އެކި ހަރަކާތްތައް އިންތިޒާމު ކުރަމުން އަންނަ "އައި ރަނާސް" އިން ބޭއްވި މެރެތަންއެކެވެ. އެ މެރެތަން ބާއްވައިފައިވަނީ މިއަދު ފަތިހު ސެންޓްރަލް ޕާކު ސަރަހައްދުގައެވެ.

މިފްކޯގެ ކްލަބްގެ މެންބަރު އަބްދުﷲ މުޝްއިލް ވިދާޅުވީ ސިއްހަތާ ގުޅުން ހުންނަ އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް އެ ކްލަބުން އަބަދުވެސް އިސްކަންދޭ ކަމަށެވެ.

"ދުޅަހެޔޮ ސިއްހަތެއްގައި ދެމި ތިބުމަށް މިފަދަ ހަރަކާތްތައް ވަރަށް މުހިންމު. އެގޮތުން މި މަސައްކަތް ކުރިއަށް ގެންދިއުމުގައި މިފްކޯގެ މެނޭޖުމެންޓާއި ހީވާގި މުވައްޒަފުންގެ ފަރާތުން ލިބުނު ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." މުޝްއިލް ވިދާޅުވިއެވެ.

ފަސް ކިލޯ މީޓަރުގެ ސެގްމެންޓުގައި މިފްކޯގެ މުވައްޒަފުން ބައިވެރިވި އިރު، އެ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް ޖެނެރަލް މެނޭޖަރު ސަނިއްޔާ އަބުދުﷲ ވަނީ 21 ކިލޯ މީޓަރުގެ ހާފް މެރެތަން ނިންމައިފައެވެ.