މާލޭގެ ގެއެއްގެ ތެރޭގައި ކުޑަކުދިން ހިމެނޭހެން އާއިލާއެއް ތިއްބައި، ވަދެނުކުމެވޭނެ ގޮތެއް ނެތް ގޮތަށް ފާރެއް ރާނައި ބަންދުކޮށްފިއެވެ.

ފާރެއް ރާނައި ބަންދުކޮށްފައިވަނީ ހ. ހުދުފިނިފެންމާގެއެވެ. މީގެ ކުރިން އެ ގޭގައި ދިރިއުޅުނު މީހުން އެ ގެއަށް ވަނީ، އެހެން ގެއެއްގެ ގޯތި ތެރެއިން ކަނޑާފައިވާ ދޮރަކުންނެވެ. އެ ގޭގެ މަގަތު ދޮރު، ހުންނަ ތަނުގައި ގަރާޖެއް ހަދާފައިވުމުން އެ ނޫން ގޮތަށް އެގެއަށް ވަދެވެން ނޯވެއެވެ.

"ވަން" އަށް މައުލޫމާތު ދެމުން ފާރު ރޭނި ފަރާތުގެ އާއިލީ މީހެއް ބުނި ގޮތުގައި، ހުދުފިނިފެންމާގެއަށް ވަދެނުކުމެވާ ދޮރާ ދިމާލުގައި ފާރު ރޭނީ މާލެ ސިޓީ ކައުންސިލުން ދިން ހުއްދައަކުން ކަމަށެވެ.

"މިވާ ގޮތަކީ ހުދުފިނިފެންމާގެ އަސްލު މިއޮތީ މީހަކު ފޭރިގެންފައި. އެ ގޭގެ އަސްލު ވެރިފަރާތަށް މި އޮންނަނީ ކުޑަ ގޮޅިއެއް ދީފައި. މި ބުނާ ވެރިކުރި ފަރާތުން، އެ ގޭގެ މަގަތު ގޯޅިވެސް ބަންދުކޮށް، މަގުގެ ދޮރު ހުންނަ ޖެހޭ ތަނުގައި މިހުރީ ވޯކްޝޮޕްއެއް ހަދާފައި. އެހެންވެ، މީގެ ކުރިންވެސް އެ މީހުން ވަދެ ނުކުމެ އުޅުނީ އަހަރެމެންގޭ ތެރެއިން،" އޭނާ ބުންޏެވެ.

ހުދުފިނިފެންމާގެއަށް ވަންނަ ދޮރު، ފާރެއް ރާނައި ބަންދުކުރީ ރޭގެ ވަގުތެއްގައެވެ. އެ ގޭގައި އަށް މީހުން ދިރިއުޅޭ އިރު، މިވަގުތުވެސް އެ ގޭތެރޭގައި ދިހަ މަހުގެ އަންހެން ކުއްޖަކާއި އެއް އަހަރުގެ އަންހެން ކުއްޖަކާއި ދިހަ އަހަރުގެ އަންހެން ކުއްޖަކާއި 65 އަހަރުގެ އަންހެނެއްގެ އިތުރުން އިތުރު އަންހެނެއްވެސް ތާށިވެފައި އެބަ ހުއްޓެވެ.

ހުދުފިނިފެންމާގެ ވެރިފަރާތަށް މާމަ ކިޔާ މީހަކު "ވަން" އަށް ބުނީ، އެ ގޭގެ މައްސަލަ ސިޓީ ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ނަމަވެސް އެދެވޭ ހައްލެއް ނުލިބޭ ކަމަށެވެ.

"މިއަދު ފާރު ރޭނީމާ ނީންނާނެތާ ވަދެ ނުކުންނާނެ އެއް ގޮތެއްވެސް. އަސްލު ގޭގެ ކުރެހުން އިންނަ ގޮތުން މި ގެއަށް ވަންނަ ގޯޅިއެއް އިދޭ. އެތަނުން ދޮރުވެސް ކެނޑޭ ގޮތަށް އިންނަނީ. އެކަމު މިގޭ ވެރިކޮށްގެން އުޅޭ ފަރާތުން، އިންނަނީ އެތަންވެސް ބަންދުކޮށްފައި. މިއަދު މިތިބީ މަގުމަތިވެފައި،" އޭނާ ބުންޏެވެ.

ފުލުހުން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.