މާލޭގައި މީހަކު ރަހީނުކޮށް ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ހުއްދަ ނޫން ގޮތެއްގައި މީހުން ހިފެހެއްޓުމާއި ފޭރުމާއި ބިރުދެއްކުމުގެ އިތުރުން، އޮރިޔާންކާޑު އުފެއްދުމުގެ ތުހުމަތެވެ.

ކޯޓު އަމުރުގައި ބުނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ސީސީޓީވީ ސްނެޕްޝޮޓާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާން ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން އަނިޔާ ލިބުނު ފަރާތުން ފާހަގަކުރި ގަޑިތަކުގައި އޭނާ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ މަންޒަރު ފެންނަ ކަމަށް ފޫޓޭޖުން ފެންނަ ކަަމަށް މައްސަލަ ބަލާ ފުލުސް މީހާ ބުނެފައި ވާ ކަމަށެވެ.