އިންޑިއާގައި މިހާރު ކުރިއަށްދާ އައިއެޗްއެފް ޓްރޮފީ 2024 ގައި ރާއްޖޭގެ 18 އަހަރުން ދަށުގެ ހޭންޑްބޯލް ޓީމާއި 20 އަހަރުން ދަށުގެ ހޭންޑްބޯލް ޓީމުން އިއްޔެ ކުޅުނު މެޗުތަކުގައި ނޭޕާލް ބަލިކޮށްފިއެވެ.

ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމުން ނޭޕާލުގެ މައްޗަށް ކުރި ހޯދީ ފޯރިގަދަކޮށް ފެނުނު މެޗުގައި 36-31 އިންނެވެ. ފުރަތަމަ ހާފު 17-15 އިން ލީޑުގައި އޮވެ ރާއްޖެއިން ނިންމާލި އިރު، މެޗުގެ ފަހު ހާފުގައިވެސް ދިވެހި ޓީމުން ވަނީ ހިތްވަރު ގަދަ ކުޅުމެއް ކުޅެފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއްޖޭގެ ޝަހީމް ލަހުފާނެވެ.

ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމު އިއްޔެ ނޭޕާލް ބަލިކުރީ 30-28 އިންނެވެ.

އެމެޗުގައިވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. ދާދި އެއްވަރުކޮށް މެޗުގެ ކުޅުން ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފު ނިމުނީ ނޭޕާލް 14-13 އިން ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފަށް ނުކުމެ ރާއްޖެއިން މުހިއްމު ލީޑެއް ނަގައި، މެޗު ނިންމާލީ އެ ލީޑާއެކުގައެވެ. ޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއްޖޭގެ ކީޕަރު ހުސެއިން ޔަނާލް އަކުރަމެވެ.

ހޭންޑްބޯލް ދެ މުބާރާތް ކަމަށްވާ 18 އަހަރުން ދަށުގެ މެޗުތަކާއި 20 އަހަރުން ދަށުގެ މެޗުތައް ވެސް ކުޅޭނީ ލީގު އުސޫލުންނެވެ. 18 އަަހަރުން ދަށުގެ މުބާރާތާއި 20 އަހަރުން ދަށުގެ މުބާރާތުގައިވެސް ދެން ރާއްޖެ ވާދަކުރަން ޖެހޭނީ އިންޑިއާ އަދި ބަންގްލަދޭޝްއާ ދެކޮޅަށެވެ.