ސައްހަ ނޫން ލިޔެކިޔުންތަކެއް ބޭނުން ކޮށްގެން ނުވަތަ ކައުންޓާފީޓް، ނަކަލުކޮށްފައިވާ ޕާސްޕޯޓުތަކެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި ހަތަރު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ހަތަރު ބިދޭސީން ނަކަލުކޮށްފައިވާ ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

އެއީ 28 އަހަރުގެ ބިދޭސީއަކާއި 31 އަހަރުގެ ބިދޭސީއަކާއި 25 އަހަރުގެ ބިދޭސީއެއްގެ އިތުރުން 22 އަހަރުގެ ބިދޭސީއެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެއީ ހުސް ފިރިހެނުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއްގެ ބައެއްކަން އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ސައްހަ ނޫން ޕާސްޕޯޓުތަކާއި ސައްހަ ނޫން ލިޔެކިޔުންތައް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި ބިދޭސީން، އިމިގްރޭޝަނުން ވަނީ ހުއްޓުވައިފައެވެ.