މާލޭގައި މީހަކު ރަހީނުކޮށް އެ މީހާގެ އިނގިއްޔެއް ބުރިކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ތިން ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ 18 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

އެ މީހުން ބަންދުކުރަން ނެރުނު ކޯޓު އަމުރުގައިވާ ގޮތުން، އެ މީހުންގެ މައްޗަށް ފުލުހުން ކުރަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ޖެހުމާއި ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ތުހުމަތެވެ.

ކޯޓު އަމުރުގައިވާ ގޮތުގައި ރަހީނުކުރި މީހާއަކީ ކުށުގެ ތުހުމަތުވާ ތިން މީހުންނާއެކު އެއް ތަނެއްގައި މަސައްކަތްކުރި މީހެކެވެ. އަދި އޭނާގެ އެއް އިނގިލި ބުރިކޮށްލިކަން އެނގެން އޮތް ނަމަވެސް، ކޯޓުގައި ތިން މީހުން ބުނެފައިވަނީ އެ މީހާ ރަހީނުނުކުރާ ކަމަށާއި އޭނާގެ އިނގިލި ބުރިވެފައިވަނީ ޕަވާޓޫލެއް ބޭނުން ކުރަނިކޮށް ކަމަށެވެ.