ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ، އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމްއާއި އެ ކުންފުނީގެ އެންމެ ދުވަސްވީ މުވައްޒަފު އަދި ބޯޑު މެންބަރު އިބްރާހިމް އާސިމް (އައިބީ) މަގާމުން ވަކިކޮށްފިއެވެ.
އެކަމުގެ މައުލޫމާތު އެނގޭ އެމްއެމްޕީއާރުސީގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މިއަދު ވިދާޅުވީ، ޑީއެމްޑީ ބައްްސާމާއި އައިބީ މަގާމުން ވަކިކުރަން ނިންމީ އިއްޔެ ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގައި ކަމަށެވެ. ނަމަވެސް ވަކިކުރި ސަބަބެއް ވިދާޅެއް ނުވިއެވެ.
އެކަމާ ގުޅޭ ގޮތުން އެ ދެ ބޭފުޅުންގެ ބަހެއް ހޯދުމަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ބޭފުޅުންގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.
އެމްއެމްޕީއާރުސީ އުފެދުނީއްސުރެ އެ ކުންފުނީގައި މަސައްކަތް ކުރައްވަމުން އަންނަ އާސިމް ވަނީ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގައިވެސް މަސައްކަތް ކުރައްވައިފައެވެ.
އެމްއެމްޕީއާރުސީން ބައްސާމާއި އައިބީ ވަކިކުރި އިރު، މިދިޔަ ހަފުތާގައި އެ ކުންފުނީގެ ބޯޑަށް ވަނީ ދެ މެންބަރަކު އައްްޔަންކޮށްފައެވެ. އެއީ އއ. އުކުޅަސް/ އައްސޭރި، އަބްދުއްސަމީއު އިމާދާއި ދަފްތަރު ނަންބަރު 12480، އާއިޝަތު ހަމީދެވެ. އާއިޝަތު އެމްއެމްޕީއާރްސީގެ ބޯޑަށް އައްޔަން ކުރީ އާންމު މެންބަރެއްގެ ގޮތުގައެވެ. އިމާދަކީ ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ބޯޑު މެންބަރެކެވެ.
އެ ދެ ބޭފުޅުން ވަކިކުރި އިރު، އެ ކޯޕަރޭޝަންގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި އާއިޝާ ނޫރައިން ޖަނާހު އަދި ބޯޑުގައި ސަރުކާރު ތަމުސީލު ކުރެއްވި ރާފިލް މުހައްމަދު ވަނީ މީގެ ކުރިން އިސްތިއުފާ ދެއްވައިފައެވެ. އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުންވެސް އިސްތިއުފާ ދެއްވީ އެމްއެމްޕީއާރުސީގެ އެތެރޭގެ މައްސަލަތަކެއްގައެވެ.
އެ ދެ ބޭފުޅުންގެ އިސްތިއުފާއަށް ފަހު، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) ވަނީ، މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު މަގާމުން ވަކިކޮށްފައެވެ. އޭގެ ފަހުން، އެ ކުންފުނީގެ ހިންގުން މެއި 23 ވަނަ ދުވަހު ހަވާލުކުރީ ބައްސާމާއެވެ. އެމްއެމްޕީއާރުސީ އަށް އާ އެމްޑީގެ މަގާމަކަށް ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އިބްރާހިމް ޝިއުރީ އައްޔަންކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު