ރާއްޖެއިން ބޭރުގައި ސަރުކާރުގެ ހަރަދުގައި ކިޔަވާ ދަރިވަރުންގެ ތައުލީމަށް ބުރޫއަރާ ފަދަ ކަމެއް ވިޔަނުދޭނެ ކަމުގެ ޔަގީންކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދީފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ ދަރިވަރުންގެ ކޯސްފީ އާއި ލިވިން އެލަވަންސާއި އެހެނިހެން ހަރަދުތައް ހަމަޖެހިފައިވާ އުސޫލުން، ކަނޑައެޅިފައިވާ މުއްދަތައް ބަރާބަރަށް، ދެއްކުމަކީ މިނިސްޓްރީން އަބަދު ވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ނަމަވެސް ބައެއް ފަހަރު ބައެއް ޕޭމަންޓްތައް ޖަމާވުމުގައި ލަސްތަކެއްވާ ކަމަށް ގަބޫލުކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ މިއަދަކު އެކަނިވީ ކަމެއް ނޫން ކަމަށާއި މީގެ ކުރިން ވެސް އެފަދަ ހާލަތްތައް މެދުވެރިވެފައި އެބަ ހުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

އާންމުކޮށް ޕޭމަންޓްތައް ލަސްވުމުގައި ދިމާވާ މައިގަނޑު ސަބަބަކީ ކަނޑައެޅިފައިވާ ވަގުތަށް، އެ މިނިސްޓްރީއަށް ލިބެންޖެހޭ ލިޔެކިއުންތައް ލަހުން ލިބުމާއި ދަރިވަރު ކިޔަވަމުން ދާކަން، ޔުނިވާސިޓީން ނުވަތަ ކޮލެޖުން ކަށަވަރު ކުރުމުގައި ނަގާ ވަގުތުގެ ސަބަބުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންވެ މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ އެފަދަ ހިދުމަތްތައް އޮޓެމޭޓްކޮށް، ކުދިން ކިޔަވަމުންދާކަން ވެރިފައި ކުރަން އޮންނަ ޕްރޮސެސް، މިއަށްވުރެ ހަލުވިކޮށް، ހިދުމަތުގެ އެފިޝެންސީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް ކަމަށެވެ.

"އެހެންކަމުން، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ އެންމެހައި ދަރިވަރުންނަށް، ދޭން އޮތް ޔަގީންކަމަކީ އެއްވެސް ދަރިވަރެއްގެ ކިޔެވުމަށް ބުރޫއަރާ ފަދަ ކަމެއް މެދިވެރިވިޔަ ނުދިމުނަށް، ކުރެވެން އޮތް ކޮންމެ ކަމެއް ދިވެހި ސަރުކާރުން ކުރާނެކަމެވެ. ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ދިވެހި ދަރިން ހެޔޮގޮތުގައި ބިނާކޮށް، މި ގައުމު އާރާސްތު ކުރުމުގައި އެ ދަރިންގެ ހިއްސާ އިތުރު ކުރުމެވެ." ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

ސަރުކާރުން އެހީ ފޯރުކޮށްދީގެން، ރާއްޖެ އާއި ރާއްޖޭން ބޭރުގައި 2163 ދަރިވަރަކު މި ވަގުތު ކިޔަވަމުން އެބަދެއެވެ.

ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ކުދިންނަށް ފައިސާ ނުލިބޭ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި އެމްޑީޕީގެ ޕީޖީން ވަނީ މިއަދު މަޖިލީހަށް ވެސް ހުށަހަޅައިފައެވެ. ނަމަވެސް ޕީއެންސީގެ މެޖޯރިޓީ މަޖިލީހުން ވަނީ އެ ކުއްލި މައްސަލަ ބޭރުކޮށްލައިފައެވެ.