ޗައިނާގެ މަކާއުގައި ބޭއްވި އޭޝިއާ އެންޑް އޯޝޭނިއާ ސާންބޯ ޗެމްޕިއަންޝިޕުގައި ވާދަކޮށް އެ މުބާރާތުން ލޯ މެޑަލް ހޯދައި، ރާއްޖޭގެ އަހުމަދު ސިނާނު ސާމްބޯ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވެއްޖެއެވެ.
ޗައިނާގެ މަކާއުގައި ބޭއްވި އޭޝިއާ އެންޑް އޯޝޭނިއާ ސާންބޯ ޗެމްޕިއަންޝިޕް ކުރިއަށް ގޮސްފައި ވަނީ މިދިޔަ މަހު 29 އިން 30 ގެ ނިޔަލަށެވެ. ސިނާން ލޯ މެޑަލް ހޯދާފައިވަނީ ކޮމްބެޓް ސާންބޯ 79 ކިލޯގްރާމް ކެޓަގަރީގައި ވާދަކޮށްގެންނެވެ. އެ ކެޓަގަރީގެ އެއްވަނަ ހޯދީ ކަޒަކިސްތާނުގެ ބަކީޓްޒާން ޑޫސްބެމްކޯވްއެވެ. ދެވަނަ ހޯދީ އިރާގުގެ އަބްދުލްހާދީ އަބްދުލްކަރީމެވެ. ތިންވަނަ ދެ އެތުލީޓުންނަށް ލިބިފައިވާ އިރު، ސިނާނުގެ އިތުރުން ދެން ތިންވަނަ ހޯދީ ތުރުކެމެނިސްތާނުގެ މަސްކަޓް އަމަގީލީޖޯވްއެވެ.
ސިނާން ވަނީ ސަމްބޯގައި މިހާތަނަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން މިދިިޔަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ދެވަނަ ބަންގަބަންދު ސައުތު އޭޝިއަން ސަމްބޯ ޗެމްޕިއަންޝިޕުގައި ވާދަކޮށް އޭނާ ވަނީ ވާދަކުރި ސްޕޯޓްސް ސާމްބޯ 79 ކިލޯގްރާމް ވެއިޓް ކެޓެގަރީން ރިހި މެޑަލް ހޯދައިފައެވެ. އޮލިމްޕިކް ކުޅިވަރަކަށް އަދި ނުވި ނަމަވެސް ސަމްބޯ އަކީ ހަލުވިކަމާއެކު މުޅި ދުނިޔޭގައި މަގުބޫލުވަމުން އަންނަ ކުޅިވަރެކެވެ. ރަޝިޔާއިން އުފަންވި މި ކުޅިވަރަކީ މާޝަލް އާޓްސްގެ ވައްތަރެކެވެ. އަދި ވޯލްޑް ރެސްލިން ޗެމްޕިއަންޝިޕުންވެސް ފާހަގަކުރާ ކުޅިވަރެކެވެ.
ސާމްބޯގެ މަގުބޫލުކަމާ އެކު 2028 ގެ އޮލިމްޕިކްސްގައި ހިމެނުމަށް ވަނީ ނިންމައިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު