ޔޫރޯ 2024ގެ ގަދަ ހަތަރު ޓީމަށް ވެއްޖެއެވެ. މުބާރާތުގައި ތަފާތު އެކިއެކި މަންޒަރު ފެނިއްޖެއެވެ. ތަފާތު ކަންކަން ފާހަގަވެއްޖެއެވެ. ދަނޑު ބޭރުންނާއި ދަނޑު ތެރެއިންވެސް މުބާރާތުގެ ތަފާތު ވާހަކަތައް އިވެއްޖެއެވެ. އޭގެ ތެރެއިން ފާހަގަވި އެއް ކަމަކީ އެފްރިކާގެ އާއިލާތަކަށް އުފަން، އެ ނަސްލުގެ ކުޅުންތެރިންގެ ފެނުން ގިނަ ކަމެވެ. ޔޫރޯއަކީ ޔޫރަޕްގެ ގައުމުތަކުގެ މުބާރާތެއް ނަމަވެސް، އެފްރީކާގެ ނުފޫޒާއި އެފްރިކާގެ ސަގާފަތާއި ނަސްލު، ޔޫރޯ އިން ވަރަށް ބޮޑަށް ފެނިގެން ގޮސްފިއެވެ. އެ މަންޒަރަކީ 1990ގެ އަހަރުތަކާއި 2000ގެ ކުރީކޮޅުގައި އެފްރިކާ ގައުމުތަކުން ޔޫރަޕަށް ހިޖުރަ ކުރި އާއިލާތަކުގެ ސަބަބުން ފެނިގެން ދިޔަ މަންޒަރެކެވެ. ޔޫރޯ މިހާރު ފެންނަނީ ކުރިއަށްވުރެވެސް "ޑައިވާސް" މުބާރާތެއްގެ ގޮތުގައެވެ.

އެ ކުޅުންތެރިންގެ ތެރެއިން ފާހަގަވާ އެންމެ ހާއްސަ އެއް ކުޅުންތެރިޔަކީ މި ފަހަރުގެ ގަދަ 16 އަށް ދިޔަ އޮސްޓްރިއާގެ ކެވިން ޑަންސޯއެވެ. އޭނާގެ ދިރުއުޅުން ބިނާވެގެންދިޔަ ގޮތް ތަފާތެވެ. އުމުރުން 25 އަހަރުގެ ޑިފެންޑަރު ޑަންސޯއަކީ އޮސްޓްރިއާއަށް އުފަން ކުޅުންތެރިއެކެވެ. އުޅެ ބޮޑުވީ އިންގްލެންޑްގައެވެ. މަންމައާއި ބައްޕައަކީ ގާނާއަށް ނިސްބަތްވާ ދެމަފިރިންނެވެ. އުމުރުން ހަ އަހަރުން ފެށިގެން އިންގްލެންޑުގައި ޑަންސޯ ދިރިއުޅުނު އިރު، އޭނާގެ ފުޓުބޯޅައިގެ ފެށުމަކީ ރެޑިންއާއި އެމްކޭ ޑޮންސް ފަދަ ކްލަބުތަކެވެ.

ތިން ގައުމަކަށް ކުޅެވެން އޮތް ޑަންސޯ ހޯދުމަށް، ޒުވާން އުމުރުގައި އެ ތިން ގައުމުން މަސައްކަތް ކުރިއެވެ. މިހާރު ފްރާންސްގެ ލެންސަށް ކުޅެމުންދާ ޑަންސޯއަށް އެ ޕްރެޝަރު އޮތް ނަމަވެސް، އޭނާ އުފަން ގައުމަށް ކުޅެން ދެވަނަ ވިސްނުމަކަށް ގޮސްފައެއް ނުވެއެވެ. ނަމަވެސް އަބަދުވެސް ގާނާއަށް ހާއްސަ ލޯތްބެއް އޮވެއެވެ. ގައުމީ ޓީމަކަށް އެންމެ ބޮޑަށް ސަޕޯޓްކުރާ ޓީމަކީވެސް އެއީއެވެ.

"އަހަރެންނަކީ ވަރަށް ނަސީބުގަދަ މީހެއް، އެއީ އަހަންނަށް އޮސްޓްރިއާއަކީ ހޯމް އޭ ބުނެފައި، ގާނާއަކީ އަހަރެންގެ ކާބަފައިންގެ ހޯމްއޭ ބުނެވޭތީ،" އެންމެ ފުރަތަމަ 2022 ވަނަ އަހަރު ގާނާއަށް ދިޔައި ޑަންސޯ ބުންޏެވެ.

ޑަންސޯ ބުނީ ގާނާއަކީ އޭނާގެ ދިރިއުޅުމުގެ ބައެއް ކަމަށާއި އޭނާގެ ކިބައިގައި ގާނާގެ ސަގާފަތާއި އާދަކާދަ، ގާނާގެ ކެއުންބުއިމުގެ ވައްޓަފާޅިވެސް ހުންނަ ކަމަށެވެ. އަދި ގާނާ ގައުމީ ޓީމަށް އަބަދުވެސް ހާއްސަ ލޯތްބެއް ދޭ ކަމަށް ޑަންސޯ ބުންޏެވެ.

ޑަންސޯ އަށް ޓީމު ތެރެއިންވެސް ގާނާގެ ކުލަވަރު ދައްކާލުމަށް ފުރުސަތުވެސް ލިބެއެވެ. އޭނާގެ ޓީމުގެ ކެޕްޓަން ޑޭވިޑް އަލާބާއަކީ ނައިޖީރިއާއަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. އަލާބާ މި ފަހަރު ޓީމާއެކު ކުޅުންތެރިއެއްގެ ގޮތުގައި ނުދިޔައީ އަނިޔާގެ ސަބަބުންނެވެ. ނަމަވެސް އޮފިޝަލެއްގެ ގޮތުގައި ޓީމުގައި ހުއްޓެވެ. ޑަންސޯ ދިން އިންޓަވިއުއެއްގައި ބުނީ "އެފްރީކާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ޖޮލޮފް ލިބޭނީ ގާނާ އިންކަން އަލާބާއަށްވެސް އެނގޭނެ،" ކަމަށެވެ. ނަމަވެސް އެކަމާ އަބަދުވެސް ބަހުސަކަށް ދާކަމަށް ބުންޏެވެ.

ސްޕެއިނުން މިފަހަރު ޔޫރޯއަށް އައިސް ތަފާތެއް ދައްކައިފިއެވެ. އެ ޓީމަކީ ޓިކި-ޓަކާއަށް އެކަނި ބަރޯސާވެފައި އޮތް ގައުމެއްގެ ގޮތުގައި 2000ގެ ކުރީކޮޅުން ފެށިގެން އޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ. މިހާރު އެ ޓީމަކީ ހަލުވި ވިންގުން ބޭނުން ކޮށްގެން އެޓޭކްވެސް ކުރާ ޓީމަކަށް ވެއްޖެއެވެ. އެ ބަދަލުގެ އެންމެ އިސް ދެ މޭސްތެރިންނަކީ އެފްރިކާ ނަސްލަތް ނިސްބަތްވާ ނިކޯ ވިލިއަމްސްއާއި ލަމީން ޔަމާލެވެ. ޔަމާލަށް އުމުރުން 16 އެވެ. ނިކޯއަށް އުމުރުން އެންމެ 21 އަހަރެވެ. މުސްތަގުބަލަށްވެސް ހެޔޮ ފާލަކެވެ.

ޔަމާލް އުފަންވީ ބާސެލޯނާގެ ކަޓަލޫނިއާގެ ސިޓީއަކަށް ނަމަވެސް އޭނާގެ ބައްޕައަކީ މޮރޮކޯ މީހެކެވެ. މަންމައަކީ އެފްރިކާގެ އެކުއަޓޯގީނިއަން އަށް ނިސްބަތްވާ އަންހެނެކެވެ. އަނެއްކޮޅުން ނިކޯގެ މަންމައާއި ބައްޕައަކީ ގާނާއަށް ނިސްބަތްވާ ދެ މީހުންނެވެ.

ނިކޯގެ ވާހަކަ އަދި ހާއްސައެވެ. ނިކޯގެ މަންމައާއި ބައްޕަ ސްޕެއިނާ ހަމައަށް އުނދަގޫ ދަތުރެއް ކޮށްފައިވާއިރު، އެ ދެމަފިރިން ދަރިންނަށްޓަކާ ސްޕެއިނަށް އެތެރެވީ އިމިގްރޭޝަނަށްވެސް އޮޅުވާލައިގެންނެވެ. އެއީ ހަނގުރާމައިގައި އޮތް ލީބިއާ އިން އައި އާއިލާއެއްގެ ގޮތުގައެވެ.

ނިކޯގެ މަންމައާއި ބައްޕަ ސްޕެއިނަށް ބަދަލުވި އިރު، އޭނާގެ ބޭބެ އިނާކީ ވިލިއަމްސްއަށް ބަނޑު ބޮޑެވެ. އިނާކީ ރަމްޒުކުރަނީ ސްޕެއިނެއްވެސް ނޫނެވެ. އިނާކީއަކީ ގާނާ ގައުމީ ޓީމަށް ކުޅެމުންދާ އެ ގައުމުގެ މުހިންމު ކުޅުންތެރިއެކެވެ.

މީގެ ކުރިން ޖަރުމަނުންވެސް އެފަދަ މަންޒަރެއް ފެނުނެވެ. ޖެރޯމް ބޯޓެންގް ޖަރުމަނަށް ކުޅުނު ނަމަވެސް، އޭނާގެ ކޮއްކޮ ކެވިން-ޕްރިންސް ބޯޓެންގް ކުޅުނީ ގާނާއަށެވެ. ނިކޯއާއި އިނާކީއަކީ އެގޮތަށް ކުޅެމުންދާ ދެބެންނެވެ. ނިކޯއާއި އިނާކީއަކީ ދެބެންގެ އެ އޮންނަ ގުޅުން ވަރަށް ވަރުގަދަކޮށް ފެންނަ ދެބެންނެވެ. ނަމަވެސް ތަފާތަކީ ކުޅޭ ގައުމީ ޓީމެވެ.

"އަހަރެމެން ދެ ގައުމީ ޓީމަކަށް ކުޅުނު ނަމަވެސް، އަހަރެން އަބަދުވެސް ބޭބެއެއްގެ ފަރާތުން ހޯދަންޖެހޭ އިރުޝާދުތައް ހޯދަން އިނާކީ ކައިރިން. 2022 ވަނަ އަހަރު އަހަރެމެން ދެބެންނަށް ދެ ގައުމަށް ވޯލްޑް ކަޕްގައި ކުޅެލަން ފުރުސަތު ލިބުމަކީ ހުވަފެނެއް ހަގީގަތަކަށްވުން. އެއީ އަހަރެމެންގެ އާއިލާގެ ރަމްޒު އެ ދައްކުވައި ދެވުނީ،" ނިކޯ ބުނެފައިވެއެވެ.

ނިކޯގެ އެންމެ ގާތް ޓީމްމޭޓް ޔަމާލް ހޯދަން އޭނާގެ ބައްޕަގެ މޮރޮކޯ އިން މަސައްކަތް ކުރިއެވެ. އެ މަސައްކަތް ކާމިޔާބުވިޔަ ނުދޭން ސްޕެއިނުން ވަނީ ޔަމާލްގެ އުމުރުން 15 އަހަރުގައި ގައުމީ ޓީމަށް ނެރެ ފީފާ ގަބޫލުކުރާ މެޗެއް ކުޅުވައިފައެވެ. އެއީ މީގެ ކުރިންވެސް މޮރޮކޯ އިން ސްޕެއިނަށް ކެހި ދީފައިވާތީއެވެ. ސްޕެއިނަށް އުފަން އަޝްރަފް ހަކީމީއާއި ބްރަހީމް ޑިއާޒް މި ވަގުތު ރަމްޒުކުރަނީ މޮރޮކޯއެވެ. އޭރު އެކަން އެހެންވި ނަމަވެސް، މި ފަހަރު ޔަމާލް ދޫނުކޮށްލުމުން ސްޕެއިނަށް ލިބުނީ ޖަވާހިރެކެވެ.

ޖަރުމަނުން ސްޕެއިން ކައިރިން ބަލިވެގެން ކެޓި ނަމަވެސް، މިއީ އެ ޓީމަށް ލަދުވެތި މުބާރާތަކަށް ނުވިއެވެ. ބޮޑެތި ތިން މުބާރާތަކުން ގްރޫޕް ސްޓޭޖުން ކަޓާފައި އޮތް އޮތުމަށް ނިމުން ގެނެސް ޖަރުމަނުން މިފަހަރު އެ ޓީމުގެ ފެންވަރު ސާބިތުކޮށްދިނެވެ. ޒުވާން ހުނަރުވެރިން ޓީމުން ނެރެންވެސް ނެރުނެވެ. އޭގެ ތެރޭގައި ފްލޯރިއަން ވާޓްސް ފަދަ ކުޅުންތެރިން ހިމެނުނެވެ. ނަމަވެސް އެންމެ ވިދާލީ އިންގްލެންޑަށްވެސް އަތުނުވެގެން ޖަރުމަނަށް ދިޔަ ޖަމާލް މުސިއާލާއެވެ.

އުމުރުން 21 އަހަރުގެ ޖަމާލަކީ ނައިޖީރިއަށްވެސް ކުޅެވެން އޮތް ކުޅުންތެރިއެކެވެ. އެއީ ޖަމާލްގެ ބައްޕައަކީ ނައިޖީރިއާ އަދި އިންގްލެންޑްގެ ރައްޔިތަކަށްވާތީއެވެ. މަންމައަކީ ޖަރުމަނު މީހެއް ނަމަވެސް، ޔަމާލަކީ އިންގްލެންޑްގެ އެކަޑެމީތަކުން ވިދާލައި، މަޝްހޫރުވި ތަރިއެކެވެ. ނައިޖީރިއާއި އިންގްލެންޑުން ބޭނުންވެގެން، ހާއްސަކޮށް އިންގްލެންޑުން ދަމަދަމާ އޮއްވާ ޖަމާލް ޖަރުމަނަށް ނުކުތުންވީ އިންގްލެންޑަށް ލިބުނު ދެރައަކަށްވެސް ވިއެވެ.

ދާދިފަހުން ދިން އިންޓަވިއުއެއްގައި މުސިއާލާ ވަނީ އޭނާގެ ބައްޕަގެ ނައިޖީރިއާ ދިރިއުޅުމުގެ ވާހަކަ ހިއްސާކޮށްފައެވެ. ހާއްސަކޮށް އިންގްލެންޑްގައި އުޅުނު ނަމަވެސް ނައިޖީރިއާގެ ކެޔުންތައް ކަމަށްވާ "ފޫފޫ" ކަހަލަ އެއްޗެހި ބައްޕަ އަބަދުވެސް ތައްޔާރުކުރާ ކަމަށް ޖަމާލް ބުންޏެވެ.

އޭގެ އިތުރުން ބަޔާން މިއުނިކްގެ ވިންގާ ޖަމާލް ބުނީ ގައުމީ ޓީމު ހިޔާރުކުރަން އޭނާއަށް އުނދަގޫވެސްވި ކަމަށެވެ. އެގޮތުން ނައިޖީރިއާ އަށް ކުޅެންވެސް ވަރަށް ގިނަ ފަހަރު ވިސްނި ކަމަށް ޖަމާލް ބުނެފައިވެއެވެ. އިންގްލެންޑަށް ކުޅެން ނުވިސްނި ނަމަވެސް ޖަރުމަނާއި ނައިޖީރިއާ އެފްއޭއާ ބަރާބަރަށް ވާހަކަ ދައްކައި، ނިންމުން ނިންމީ އެންމެ ފަސޭހައިން ކުޅެވޭނެ ގައުމަކަށް ބަލައިގެން ކަމަށް "ބަމްބީ"ގެ ނަމުން ކުޑައިރު މަޝްހޫރުވި ޖަމާލް ބުންޏެވެ. އޭނާ ގައުމީ ޓީމު ހިޔާރުކުރީ 2021 ވަނަ އަހަރުއެވެ.

އޭގެ އިތުރުންވެސް މިފަހަރުގެ ޔޫރޯ އިން އެފްރިކާ ނަސްލުގެ ރަމްޒު ވަރަށް ބޮޑަށް ފާހަގަވިއެވެ. ކުއާޓާއަށް ގޮސް، އިންގްލެންޑް ކައިރިން ބަލިވި ސްވިޒަލޭންޑާއި އިންގްލެންޑްގައިވެސް އެފްރިކާ ނަސްލުގެ ކުޅުންތެރިން ގިނައެވެ. ސްވިޒަލޭންޑްގެ ޑޭން އެންޑޯޔޭ މީގެ 12 މަސް ކުރިންވެސް އެފްރިކާގެ އޭރުގެ ޗެމްޕިއަން ސެނެގާލަށް ކުޅެން ވިސްނުން ގެންގުޅެފައިވެއެވެ. އޭގެ އިތުރުން އެ ޓީމުގެ ބަދަލު ގޯލްކީޕަރު ޔާން އެމްވޯގޯއާއި މިޑްފީލްޑަރު ޑެނިސް ޒަކަރިޔާ، ފޯވަޑް ބްރީލް އެމްބޯލޯ އަދި ވަޑްވޯ ޑުއާ އަދި ޒެކީ އަމްދޫނީއާއި ޑިފެންޑަރު މެނުއަލް އަކާންޖީއަކީވެސް އެފްރިކާގެ އާއިލާތަކަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

އޭގެ އިތުރުން ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭގެ މަންމައަކީ އަލްޖީރިއާއަށް ނިސްބަތްވާ މީހެކެވެ. ބައްޕައަކީ ކެމަރޫނަށް ނިސްބަތްވާ މީހެކެވެ. އަދި އެންގޯލޯ ކާންޓޭއަކީވެސް މާލީ ދަރިކޮޅު ކުޅުންތެރިއެކެވެ. އޭގެ އިތުރުން އުސްމާން ޑެމްބޭލޭއަކީވެސް އެފްރިކާ ނަސްލަށް ނިސްބަތްވާ އާއިލާއެއްގެ ކުޅުންތެރިއެކެވެ.

ޔޫރަޕްގައި ވަޒަންވެރިވެ އުޅޭ އާއިލާތައް ގިނަވުމުން ފުޓުބޯޅަ ޓީމުތަކަށް އޭގެ ހެޔޮ އަސަރު މިހާރު ވަރަށް ބޮޑަށް އޮތީ ފޯރައިފައެވެ. ރަނގަޅު ދިރިއުޅުމެއްގެ ބޭނުމުގައި ގައުމުތަކަށް ހިޖުރަ ކުރާ އާއިލާތަކުން ގައުމީ ޓީމުތަކުގެ ތަރިން ދަނީ ގެނެސްދެމުންނެވެ.