ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރިއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހ. ފޯސީޒަން ފައިރޫޒު އިބްރާހިމް (36އ) އެވެ.

މުދަލަށް ގެއްލުންދިނުމުގެ ކުށުގައި ފުލުހުން އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށް ދައުލަތުން ވަނީ ކޯޓުގައި އެދިފައެވެ.

އެކަމާ ގުޅޭގޮތުން ކޯޓަށް ހުށަހެޅި ހުށަހެޅުންތަކަށް ބެލުމަށްފަހު، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުން ކުރިމަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.

މެދުޒިޔާރަތް މަގުގެ ހޮޓެލް ޖެން ކައިރީގައި އޮންނަ ސައިކަލު ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯކޮށްލާފައި ވަނީ ހުސްވި ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެރޭ، ދަންވަރު 3:03 ހާއިރުއެވެ.

އަލިފާން ރޯކޮށްލުމާ ގުޅިގެން ހަތް ސައިކަލަކާއި ވޭނަކަށް ގެއްލުން ލިބިފައިވާ އިރު، އޭގެތެރެއިން ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.