އީރާނުގެ އާ ރައީސަކަށް އިންތިހާބުވެވަޑައިގަތް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ޑރ. މަސްއޫދު ޕެރެޝްކިއަން 71އ. އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
އީރާނުގެ އާ ރައީސެއް އިންތިހާބުކުރުމަށް މިއަދު އިންތިހާބެއް ބޭއްވީ، އެ ގައުމުގެ ރައީސްކަމުގައި ހުންނެވި އިބްރާހިމް ރައީސީ ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި މިދިޔަ މޭ މަހުގެ 19 ވަނަ ދުވަހު އަވަހާރަވުމުންނެވެ.
އީރާނުގެ އާ ރައީސަކަށް މަސްއޫދު ޕެޒެޝްކިއަން އިންތިހާބުވެފައި ވަނީ މިއަދު ބޭއްވި އިންތިހާބުގައި ވޯޓުދިން 30 މިލިއަނަށް ވުރެ ގިނަ މީހުންގެ ތެރެއިން 53.4 ޕަސަންޓު ވޯޓާއެކުގައެވެ. އެ އިންތިހާބުގައި 60 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވެއެވެ.
އީރާނުގެ އިންތިހާބީ ރައީސްއަށް މަރުހަބާ ވިދާޅުވެ، އެކްސްގައި ރައީސް މުއިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ އާއި އީރާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް އެކުގައި މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށާއި މި ސަރަޙައްދުގައި ސުލްހަ މަސަލަސްކަމާއި ފާގަތިކަން ގާއިމުކުރުމަށް އީރާނުން ކުރަމުންގެ ގެންދާ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސީ އަވަހާރަވުމުން އިންތިހާބީ ރައީސެއް ކަނޑައެޅެންދެން، އެ ގައުމުގެ ވެރިކަން ހަވާލުކުރައްވާފައިވަނީ ނައިބު ރައީސް މުހައްމަދު މޮހްބެރްއާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު