އިނގިރޭސިވިލާތުގައި ބޭއްވުނު އާއްމު އިންތިޚާބުގައި ލޭބަރ ޕާޓީން ހޯދި ބޮޑުވެގެންވާ ކާމިޔާބީއަށްފަހު އެ ޕާޓީގެ ލީޑަރު ކިއަރ ސްޓާމަރ ވަނީ ހުކުރު ދުވަހު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންފައެވެ. އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ ނުވަތަ ހައުސް އޮފް ކޮމަންސްގެ ޖުމްލަ ގޮނޑީގެ އަދަދަކީ 650 އެވެ. މީގެތެރެއިން 412 ގޮނޑި ލޭބަރ ޕާޓީން ވަނީ ކާމިޔާބުކޮށްފަައެވެ. ކުރީގެ ބޮޑުވަޒީރު ރިޝީ ސުނާކްގެ ކޮންޒަރވެޓިވް ޕާޓީއަށް ނެގުނީ އެންމެ 121 ގޮނޑިއެވެ. ލިބަރަލް ޑިމޮކްރެޓުންނަށް އެންމެ 71 ގޮނޑިއެވެ. މިއީ ކޮންޒަރވެޓިވް ޕާޓީގެ މުޅި ތާރީޚުގައިވެސް އަދަދުގެ ގޮތުން އެ ޕާޓީގެ އެންމެ ބޮޑު ވެއްޓުމެވެ. ކޮންމެއަކަސް މިނަތީޖާއާއެކު ފާއިތުވި ސާދަ އަހަރު ކޮންޒަރވެޓިވް ޕާޓީން ކުރި ވެރިކަން ވަނީ ނިމިފަައެވެ. ލޭބަރ ޕާޓީން އެންމެފަހުން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކީ 2010 ވަނަ އަހަރު ގޯޑަން ބްރައުންއެވެ. އާއްމު އިންތިޚާބެއްގައި ލޭބަރ ޕާޓީއަށް އެންމެ ފަހުން ކުރިހޯއްދަވައިދެއްވި ލީޑަރަކީ 2005 ވަނަ އަހަރު ޓޯނީ ބްލެއަރއެވެ.

އުމުރުފުޅުން މިހާރު 61 އަހަރުވީ ސްޓާމަރއަކީ އިލްމީގޮތުން ގާނޫނީ ވަކީލެކެވެ. މިހާތަނަށް އޭނާއާމެދު ބެލެވެމުން އައީ އެއީ އިޒްރޭލުގެ މިތުރެއް ކަމުގައެވެ. މީގެ ހަތަރު އަހަރު ކުރިން ލޭބަރ ޕާޓީގެ ލީޑަރޝިޕާ ހަވާލުވެވަޑައިގަތުމަށްފަހު އިޒްރޭލާ ދެކޮޅު ފިކުރު ޕާޓީގެ ތެރެއިން ފޮހެލުމަށް އޭނާ ވަނީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. ސްޓާމަރގެ އާއިލާއަކީ ޔަހޫދީ އާއިލާއެކެވެ. ސްޓާމަރއަކީވެސް ޒުވާން އުމުރާ ހަމައަށް ޔަހޫދީއެކެވެ. މިހާރުވެސް އަޅުކަމުގެ ގޮތުގައި ކުރައްވަނީ ޔަހޫދީންގެ ކަންކަމެވެ. އެކަމަކު ރަސްމީގޮތުން އެއީ ވަކި ދީނެއް ގަބޫލު ނުކުރައްވާ ބޭފުޅެކެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ ސިޔާސީގޮތުން ކުރިއަށް ވަޑައިގަތުމަށްޓަކައި ނިންމެވި ސިޔާސީ ނިންމެވުމެކެވެ. ލޭބަރ ޕާޓީއަށް ޕާލަމެންޓުގެ ސުޕަރ މެޖޯރިޓީއެއް ލިބުމާއެކު ސުޕަރ ބޮޑުވަޒީރެއްގެ ގޮތުގައި ސްޓާމަރ ގެންގުޅުއްވާނީ ކޮންކަހަލަ ސިޔާސަތެއް ބާވައެވެ. ބަލައިލަމާބަހީއެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު ކުރީފަހަރުތަކަށް ބަލާއިރު ވަރަށްވެސް މަދެވެ. މިއީ ފާއިތުވި ވިހި އަހަރުގެ ތެރޭގައި ވޯޓުލާން އެންމެ މަދުން މީހުން ނުކުތްފަހަރެވެ. މިއިން ދައްކައިދެނީ އިނގިރޭސިވިލާތުގެ ސިޔާސީ މުޅި ނިޒާމާމެދު އިތުބާރު ކުޑަވަމުންދާ މިންވަރެވެ. ލޭބަރ ޕާޓީއަށް ޕާލަމަންޓުގެ ސުޕަރ މެޖޯރިޓީއެއް ލިބުނުއިރު ކުރީގެ ސަރުކާރު ހިންގި ކޮންޒަރވެޓިވް ޕާޓީއަށް މުހިންމު އެތަކެއް ގޮނޑި ވަނީ ގެއްލިފައެވެ. ކުރީގެ ކޮންޒަރވެޓިވް ބޮޑުވަޒީރުންގެ ތެރެއިން ލިޒް ޓްރަސް ފުރުއްވަމުން ގެންދެވި ގޮނޑިއާއި ތެރީސާ މޭ ފުރުއްވަމުން ގެންދެވި ގޮނޑިއާއި ބޮރިސް ޖޮންސަން ފުރުއްވަމުން ގެންދެވި ގޮނޑި އާއި ޑޭވިޑް ކެމެރަން ފުރުއްވަމުން ގެންދެވި ގޮނޑި އެ ޕާޓީއަށް ވަނީ ގެއްލިފައެވެ. މި ހަތަރު ގޮނޑީގެ ތެރެއިން ދެ ގޮނޑި ކާމިޔާބުކުރީ ލޭބަރ ޕާޓީގެ ކެންޑިޑޭޓުންނެވެ. އަނެއް ދެ ގޮނޑި ކާމިޔާބުކުރީ ލިބަރަލް ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓުންނެވެ.

ކުރީގެ ކޮންޒަރވެޓިވް ބޮޑުވަޒީރު ރިޝީ ސުނަކް ފުރުއްވަމުން ގެންދެވި ގޮނޑި މިފަހަރު އޭނާއަށް ދިފާއު ކުރެއްވުނީ ހަމަ ކިރިޔަކިރިޔާއެވެ. ލޭބަރ ޕާޓީއަށް މިފަހަރު ކިތަންމެ ފުރިހަމަ އަޣުލަބިއްޔަތެއް ލިބުނަސް ފަލަސްތީނުގެ މައްސަލައިގައި ލޭބަރ ޕާޓީގެ ސިޔާސަތު ކަމުނުގޮސްގެން އެ ޕާޓީން ވަކިވެގެން އަމިއްލަގޮތުން ކިތަންމެ ކެންޑިޑޭޓަކު ވަނީ އެކި ގޮނޑިތަކަށް މިފަހަރު ވާދަކޮށްފަައެވެ. ލޭބަރ ޕާޓީގެ ކެންޑިޑޭޓުން ބަލިކޮށްފައި މީގެތެރެއިން ހަތަރު ގޮނޑި އަމިއްލަ ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފަައެވެ. މިއިން އެނގެނީ އިނގިރޭސިވިލާތުގެ ރައްޔިތުންގެ ތެރޭގައި ފަލަސްތީނާމެދު ވިސްނާ އަދި ހަމްދަރުދީވާ މީހުން އިތުރުވަމުން އަންނަކަމާއި ފަލަސްތީނުގެ މައްސަލަޔާމެދު އައު ވިސްނުމަކުން ވިސްނަން އައު ސަރުކާރަށް މަޖުބޫރުވެފައިވާ ކަމެވެ. އައު ބޮޑުވަޒީރު ސްޓާމަރގެ ޚާރިޖީ ސިޔާސަތަކީ ކޮބައިބާވައެވެ. ޚާއްސަގޮތެއްގައި ފަލަސްތީނުގެ މައްސަލައިގައި އޭނާގެ ވިސްނުންފުޅަކީ ކޮބައިބާވައެވެ.

މިނިވަން ދައުލަތެެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް އޭނާ ހުންނެވީ ތައްޔާރަށެވެ. އެކަމަކު އެކަން ކުރައްވާނީ ސުލްހައިގެ މަޝްވަރާތަކެއް ފެށި އޭގެ ނަތީޖާ ފެންނާން ފެށުމުން ކަމަށް ސްޓާމަރ ވަނީ ވިދާޅުވެފައެވެ. ސްޓާމަރގެ ނަޒަރުގައި މެދުއިރުމަތީގެ މައްސަލައިގެ ހައްލަކީ ދެ ދައުލަތެއް އޮތުމެވެ. އިޒްރޭލާއެކު ފަލަސްތީނެއްވެސް އޮތުމެވެ. ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމާމެދު ސްޓާމަރގެ ވިސްނުން ކުޑަކޮށް ތަފާތެވެ. މި ގަތުލުއާއްމުގައި މިހާތަނަށް ފަލަސްތީނުގެ ސާޅީސްހާސް މީހުން ޝަހީދުވެފައިވާއިރު މިއީ ގަތުލުއާއްމެއް ކަމަށް ނުވަތަ ނޫންކަމަށް ނިންމަން އޭނާ ދެކޮޅެވެ. ހަނގުރާމަ ހުއްޓައިލުމަށް އިލްތިމާސްކޮށް އިނގިރޭސި ޕާލަމެންޓަށް ހުސްވި އަހަރުގެ ނޮވެމްބަރު މަހު ހުށައެޅުނު ގަރާރާ ދެކޮޅަށް އޭނާ ވަނީ ވޯޓުވެސް ދެއްވައިފައެވެ. އިޒްރޭލަށް އަމިއްލަ ދިފާއުގައި ކަންކަން ކުރެވޭނެ ކަމަށް ވިދާޅުވެފަައެވެ. އެކަމަކު އޭގެފަހުން އޭނާގެ ބަސްމަގަށް ހިސާބެއްގެ ބަދުތަކެއް ވަނީ އައިސްފަައެވެ.

މިހާރު ސްޓާމަރ ވިދާޅުވަނީ މިހެންނެވެ. އިޒްރޭލަކަސް އެހެން ބަޔަކަސް ގާނޫނުތަކަށްވުރެ މަތީގައި ނުތިބެވޭނެއެވެ. ޖަރީމާތަކެއް ހިންގައިފިއްޔާ ޒިންމާވާން ޖެހޭނެއެވެ. ބައިނަލްއަގުވާމީ ކޯޓުތަކުގެ އެންގުންތަކަށް ތަބާވާން ޖެހޭނެއެވެ. އިޒްރޭލަށް ހަތިޔާރާއި ފައިސާ ފޯރުކޮށްދިނުމާމެދު ސްޓާމަރ މިހާރު ވިދާޅުވަނީ ލޯމަރާލައިގެން ތިބެ އިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓާލައި އިޒްރޭލުގެ އަމަލުތަކަށް ރިއާޔަތްކޮށް ގާނޫނީ މާހިރުންގެ ލަފާގެމަތިން ނޫނީ އޭނާގެ ވެރިކަމެއްގައި އިޒްރޭލަށް ހަތިޔާރު ފޯރުކޮށްނުދޭނެ ކަމުގައެވެ. އެމެރިކާޔާއި އިނގިރޭސިވިލާތުގެ ގުޅުމާމެދު ސްޓާމަރ ވިދާޅުވެފައިވަނީ އެގުޅުމަކީ ވެރިކަމަށް އަންނަ މީހެއްގެ ގޮތާއި ބާވަތަށް ބިނާވެފައިވާ ގުޅުމެއް ނޫންކަމުގައެވެ. އެއީ ވަކިވަކި ފަރުދުންގެ ވިސްނުމާއި ފިކުރަށްވުރެ މަތީގައިވާ ގައުމީ ގުޅުމެއް ކަމުގައެވެ. ޗައިނާއާމެދު ސްޓާމަރ ވިދާޅުވެފައިވަނީ އައު ހަގީގަތްތަކަށް ރިއާޔަތްކޮށް އައު ސިޔާސަތެއް އިޚުތިޔާރުކުރަން ޖެހިފައިވާކަމުގައެވެ.