ހިޖުރީ އާ އަހަރާ އެކު މާދަމާ ގެފުޅުގެ އުރަކޮޅު ބަދަލު ކުރާނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފިއެވެ.

ސައުދީ އިން މިދިޔަ އަހަރުން ފެށިގެން ހިޖުރީ އާއަހަރު ފެށޭ ދުވަހު ގެފުޅުގެ އުރަކޮޅު ''ކިސްވާ'' ބަދަލު ކުރަން ވަނީ ފަށައިފައެވެ. މީގެ ކުރިން ގެފުޅުގެ އުރަކޮޅު ބަދަލު ކުރަނީ ކޮންމެ އަހަރެއްގެ ވެސް ހައްޖު މަހުގެ ނުވަ ވަނަ ދުވަހުއެވެ. ނަމަވެސް ސައުދީ ސަރުކާރުން މިދިޔަ އަހަރުން ފެށިގެން ގެފުޅުގެ އުރަކޮޅު ބަދަލު ކުރުން އާ އަހަރު ފެށޭ ދުވަހަށް ވަނީ ބަދަލުކޮށްފައެވެ.

ސައުދީގެ އޮފިޝަލުން ވަނީ ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމުގައި 159 ޓެކްނީޝަނުންނާއި އެކްސްޕާޓުން ބައިވެރިވާނެ ކަމަށް ބުނެފައެވެ.

ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރަނީ ރަނާއި ރިހީގެ ރޮދިން ވިޔެފައި ހުންނަ އާޔަތްތަކާ އެކު އެންމެ މޮޅު ފަށުވިންނެވެ. އެގޮތުން މިއަހަރު ވެސް ގެފުޅުގެ އުރަކޮޅު ތައްޔާރު ކޮށްފައިވަނީ 1000 ކިލޯގެ ފަށުތްވާއި 120 ކިލޯގެ ރަނާއި 100 ކިލޯގްރާމްގެ ރިހި ބޭނުންކޮށް ގެންނެވެ.

ހިޖުރީ އާ އަހަރުގެ ފުރަތަމަ ދުވަހަކީ މާދަމާއެވެ.