އިންޑިއާގެ ކެރެލާއިން ''އެފްރިކަން ސްވައިން ފީވާ'' ފެނިއްޖެ އެވެ.

އިންޑިއާގެ ދެކުނުން އޮންނަ ކެރެލާ ސްޓޭޓުން ނުރައްކާތެރި ''އެފްރިކަން ސްވައިން ފީވާ'' ފެނިފައިވާކަން އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

''އެފްރިކަން ސްވައިން ފީވާ''ބަލި ފެނިފައި ވަނީ ކެރެލާގެ ތިރްސޫރް ޑިސްޓްރިކްޓްގެ ޖަނަވާރުން ގެންގުޅޭ ފާމަކުން ކަމަށް އޮފިޝަލުން ބުނެއެވެ. އެޑިސްޓްރިކްޓް އޮންނަނީ ޓްރިވެންޑްރަމާއި 277 ކިލޯމީޓަރު ދުރުގައެވެ.

''އެފްރިކަން ސްވައިން ފީވާ'' ފެނުމާއެކު އެ ސަރަހައްދުގައި އިތުރު ޓެސްޓުތައް ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ބަލި ފެނުނު ފާމްގައި ހުރި ޖަނަވާރުތައްވެސް ވަކިކޮށް ފާމް ބަންދުކޮށްފައިވާކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ކަމާބެހޭ ފަރާތްތަކުން ވަނީ ބަލި ފެނުނު ފާމާއި އެއް ކިލޯމީޓަރުގެ ސަރަަހައްދު އާންމުންނައް ބަންދުކޮށްފައެވެ. އެފާމުން ފެށިގެން 10 ކިލޯމީޓަރު ސަރަހައްދަކީ ބަލީގެ އިތުރު ކޭސްތަކެއް ފެނިދާނެ ކަމަށް ބެލެވޭ ސަރަހައްދު ކަމުގައި ކަނޑައަޅައި ވަނީ ބަންދުކޮށްފައެވެ.