އިނގިރޭސި ވިލާތުގެ އާންމު އިންތިހާބު ލޭބާ ޕާޓީއަށް ކާމިޔާބުވުމާ އެކު އިންތިހާބީ ބޮޑުވަޒީރު ކެޔާ ސްޓާމާއަށް ރައީސް މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ލޭބާ ޕާޓީއަށް މަރުހަބާ ވިދާޅުވެ ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާ ބޮޑުވަޒީރުގެ ލީޑާޝިޕްގެ ދަށުން އިނގިރޭސި ވިލާތަށް ތަރައްގީގެ އާ ފަތިހެއް ފެންނާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

އަދި ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިވެ އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ދިވެހި ސަރުކާރާއި ރައްޔިތުން އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުގެ އާންމު އިންތިހާބުގެ އެގްޒިޓް ޕޯލުން ދައްކާ ގޮތުން ލޭބާ ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގެ 410 ގޮނޑި ލިބެއެވެ. މިހާރު ވެރިކަމުގައި އޮތް އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކުގެ ކޮންޒަވެޓިވް ޕާޓީ އަށް ލިބެނީ އެންމެ 131 ގޮނޑިއެވެ.

މިއީ 2010 ވަނަ އަހަރަށް ފަހު ޔޫކޭގެ ވެރިކަމަށް ލޭބާ ޕާޓީން އަންނަ ފުރަތަމަ ފަހަރެވެ.