(28 ޖޫންގެ އަދަދާ ގުޅޭ)

1. އިސްލާމްދީން ޤަބޫލުކޮށް محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) އާ ތަބާވަމާ ހިނގާށެވެ. އޭރުން އަހަރެމެންނާއި އަހަރެމެންގެ އަނބިދަރީންނާއި މުދާ ރައްކައުތެރިވެދާނެއެވެ. ތިޔަބައިމީހުން އެންމެންނަށްވެސް އެކަލޭގެފާނަކީ ނަބީ މުރްސިލެއްކަން އެނގޭނެއެވެ. އަހަރެމެންގެ ފޮތްތަކުގައިވެސް އެކަލޭގެފާނުގެ ވާހަކަ ބަޔާންކުރައްވައިފައި އެބަހުއްޓެވެ. ތިޔަބައިމީހުން ޤުރައިޝުންނާ ބައިވެރިވެ މި މުސީބަތް ލިބިގަތްއިރުވެސް އަހަރެން ހުރީ މިކަމާ ނުރުހިކަން ތިޔަބައިމީހުން ދަންނާނޫއެވެ. މިހުރިހައި ބަލާއާފާތެއް ހޯދާބަޔަކީ މިތިބަ މީހުންނެވެ. އޭނާ މިހެންބުނީ حُــيَـيُّ بــن أخطب އެތާ އިންދައި އޭނާ ހަށަކޮށްފައެވެ. ތިޔަބައިމީހުން އީމާންނުވާން ތިޔަތިބީ ޙަސަދަވެރިކަމުންނެވެ. ބަނީއިސްރާއީލް ބާގައިން ނަބީކަންނެގި ޢަރަބީންނަށް ނަބީކަން ލިބުމުންނެވެ. إسحــاق ގެފާނުގެ ދަރިކޮޅުން ނަބީކަން ނެގި إسمـــــاعـــيــــل ގެފާނުގެ ދަރިކޮޅަށް އެކަން ލިބުމުން އެކަމާ އައިރުޅީގައެވެ. މިހާރު ދެން ދެކޮޅުވެރިކަން ބޮޑުކުރަމުން ޙަސަދަވެރިކަން އިތުރުކުރަމުންގޮސް ތިޔަބައިމީހުން ފެށުނުތަން ހަނދާންހުރިކަމަކަށެއްވެސް ނުވެއެވެ. މިހާރު ތިޔަބައިމީހުންނަށް ޢަރަބީންގެ ތެރެއިންވެސް ކާފަރު އަބާއްޖަވެރިޔަކު ފެނިއްޖެކަމުގައިވާނަމަ ހީވަނީ إسحــاق ގެފާނަށްވުރެވެސް މޮޅުހެންނެވެ. އެއީވެސް އަޖައިބުވާންޖެހޭ ކަމެއްނޫނެވެ. ޙަސަދަވެރިކަމަކީ މިކަހަލަ ކަމެކެވެ.

ޤުރައިޡަތުވަންހައިގެ މީހުން ޖަވާބު ދިނެވެ. "ކޮންމެގޮތެއްވެގެންވެސް އެކަލޭގެފާނު މިރަށަށް ވަޑައިގެންނެވިތާ ކުރީކޮޅަކު އީމާނެއް ނުވެވުނެވެ. މިހާރު ދެން އެކަލޭގެފާނު ވަޑައިގެން މިހާވަރަށް ދަތިކުރެއްވުމުން އީމާންވުމުން ލިބޭނީ ކޮންރީއްޗެއް ހެއްޔެވެ؟ އަހަރެމެންނަކަށް ތައުރާތު ދޫކޮށެއް ނުލެވޭނެއެވެ. ދެން އޮތީ ކޮންގޮތެއްތޯއެވެ؟"

2. كــعب ޖަވާބުދިނެވެ. "މިގޮތާ އިންކާރުކުރާކަމުގައިވާނަމަ ދެވަނަގޮތަކީ އަހަރެމެން ކަނޑި ހިފައިގެން ނުކުމެ އަނބިދަރީން ޤަތުލުކޮށް މުދާ ހަލާކުކޮށް ގެދޮރު އަންދައިފައި محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ގެ އެކުވެރީންނާ ދިމާކޮށްލަމާ ހިނގާށެވެ. މާތް اللّــــه އަހަރެމެންނާ އެބައިމީހުންނާ ދެމެދު ނިޔާކަނޑައަޅުއްވާނެއެވެ. އަހަރެމެން ބަލިވެއްޖެކަމުގައިވާނަމަ ނިކަމެތިވާކަށެއް ދަރިފަސްކޮޅެއް ނޯންނާނެއެވެ. އެކަމާ ފިކުރުކުރާކަށެއް ނުޖެހޭނެއެވެ. އަހަރެންގެ ފުރާނަ ގަންދީ ބުނަމެވެ. އަހަރެމެން ގަދަވެއްޖެ ކަމުގައިވާނަމަ މާތްކަލާނގެ މުދަލާއި އަނބިދަރީން ދެއްވާނެއެވެ.

ޤުރައިޡަތުވަންހައިގެ މީހުން ޖަވާބުދިނެވެ. "އެތިބަ މިސްކީނު ދަރީންނާއި ހިތާވާ އަނބީން ޤަތުލުކޮށްފައި ދިރިތިބުމުގެ އޮތީ ކޮންމީރުކަމެއް ހެއްޔެވެ؟ ދެން އޮތްގޮތަކީ ކޮބައިތޯއެވެ؟"

3. كــعب ޖަވާބުދިނެވެ. ތިޔަބައިމީހުންނަށް މިގޮތްވެސް ކަމުނުދާކަމުގައިވާނަމަ މިރެޔަކީ ހޮނިހިރު ވިލޭރެއެވެ. محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) އާއި އެކަލޭގެފާނުގެ ޞަޙާބީން ތިއްބަވާނީ ތިޔަބައިމީހުންނާމެދު ވަރަށްބޮޑު އަމާންކަމެއްގައެވެ. ތިޔަބައިމީހުން މިރެއާއި މާދަމާ ހަނގުރާމަ ނުކުރާނެކަމަށް ވަރަށްބޮޑަށް ހިތްޕުޅު ހަމަޖައްސަވައިގެންނެވެ. އެކަން ޔަޤީންކުރައްވައިގެންނެވެ. އެހެންކަމުން މިރޭ ކުއްލިޔަކަށް ނުކުމެ ޙަމަލަދީ ކޮންމެވެސް ކަންފުޅެއްވޭތޯ ބަލަމާ ބަހީއެވެ."

ޔަހޫދީން ޖަވާބުދިނެވެ. "އަޅުގަނޑުމެންނަކަށް ހޮނިހިރުދުވަހުގެ ޙުރުމަތް ކަނޑައެއް ނުލެވޭނެއެވެ." كــعب ނުޤަބޫލުވެފައި ޖަވާބުދިނެވެ. "ނަބީބޭކަލަކާމެދު އެއީ ނަބީބޭކަލެއްކަން އެނގިތިބެ އެބޭކަލެއްގެ ޙުރުމަތް ކަނޑައިލި ބަޔަކަށް އޮންނާނީ ކޮން ހޮނިހިރެއް އާދީއްތައެއްގެ ޙުރުމަތެއް ހެއްޔެވެ؟ ތިޔައިގެ ތެރޭގައި އެމީހެއްގެ އަމާގެ ބަނޑުން އުފަންވިފަހުން ހަމަހޭގައިތިބެ އެންމެ ރެއެއްވެސް ހޭދަކުރި މީހަކު ނެތެވެ."

ޤުރައިޡަތުވަންހައިގެ މީހުން އެބައިމީހުންގެ ރައީސް كــعب بـــن أســــد ގެ ތިން ހުށަހެޅުން ޤަބޫލުނުކޮށް ދޫކޮށްލުމުން ދެންއޮތީ އެންމެ ގޮތެކެވެ. އެގޮތަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ކުރައްވާ ކޮންމެ ޙުކުމްފުޅެއް ޤަބޫލުކޮށް އެގޮތާ ރުހިގެން ހަތިޔާރު ބަހައްޓައިފައި ކިއްލާތަކުން ނުކުތުމެވެ. ކީރިތި ޤުރްއާނުގައި އެކަމެއްގެ ޞަރީޙު ޙުކުމް ބާވައިނުލައްވާ ކަންކަމުގައި ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޢަމަލުކުރައްވަމުން ގެންދެވީ ތައުރާތުގެ ޙުކުމާ އެއްގޮތަށެވެ. ޤިޞާޞް ހިފުމާއި ރަޖަމުކުރުމާ މިބާވަތުގެ އެތައްކަމެއް މިދެންނެވި ބަހުގެ ހެތްކެއްގެގޮތުން ހުށަހެޅިދާނެއެވެ. ޤުރައިޡަތުވަންހައިގެ މީހުނާމެދުވެސް ޢަމަލުކުރެވުނީ ތައުރާތުގެ ޙުކުމާ އެއްގޮތަށެވެ.

ޤުރައިޡަތުވަންހައިގެ މީހުން ބޭނުންވީ ހަތިޔާރު ބެހެއްޓުމުގެކުރީން އެބައިމީހުންގެ މުސްލިމު ޙަލީފުންނާ މަޝްވަރާ ކުރާށެވެ. ހަތިޔާރު ބެހެއްޓުމުގެ ނަތީޖާއަކީ ކޮބައިކަން ލަފާކޮށްލެވޭތޯ ބެލުމަށްޓަކައެވެ. އެގޮތުން އެމީހުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހުގައި ދެންނެވިއެވެ. أبــــولُـبــابــــة އަޅުގަނޑުމެންނާ ހަމަޔަށް ފޮނުއްވައިދެއްވާށެވެ. އަޅުގަނޑުމެން އެކަލޭގެފާނާ މަޝްވަރާކޮށްލާން ބޭނުމެވެ. އެކަލޭގެފާނަކީ އަޅުގަނޑުމެންގެ ޙަލީފެކެވެ. އަޅުގަނޑުމެންގެ ތެރޭގައި އެކަލޭގެފާނުގެ ބޭފުޅުން އެބަތިއްބެވިއެވެ. މި ސަރަޙައްދުގައި އެކަލޭގެފާނުގެ ބަގީޗާތައް އެބަހުއްޓެވެ. أبــــولُـبــابــــة رضـــى اللّـــه عــنـــــه ގެ އަސްލު ނަންފުޅަކީ بشــيــر بـــن عــبــد المــنــذر އެވެ. أبــــولُـبــابــــة އަކީ އެކަލޭގެފާނުގެ ކުންޔަތުގެ ނަންފުޅެވެ. އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ ކުންޔަތުގެ ނަންފުޅުންނެވެ.

أبــــولُـبــابــــة رضـــى اللّـــه عــنـــــه އެބައިމީހުންގެ ގާތަށް ވަޑައިގެންނެވުމާއެކު އެންމެން ދުވެފައި އައިސް އެކަލޭގެފާނު ވަށައިލައިފިއެވެ. މުސްކުޅީންނާއި އަންހެނުންނާއި ކުޑަކުދީން އަޑުން އަޑުނަގައި ރޯންފަށައިފިއެވެ. أبــــولُـبــابــــة رضـــى اللّـــه عــنـــــه އަށް އެމަންޒަރު ފެނިވަޑައިގެންނެވުމުން އެކަލޭގެފާނުގެ ހިތްޕުޅުގައިވެސް ވަރަށްބޮޑަށް ރަޙްމުވެރިކަން އުތުރިގަތެވެ. ޔަހޫދީން ދަންނަވައިފިއެވެ. "އޭ أبــــولُـبــابــــة އެވެ! محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ކުރައްވާނެ ޙުކުމަކަށް ރުހިގެން އަޅުގަނޑުމެން ހަތިޔާރު ބަހައްޓާންވީތޯއެވެ؟" أبــــولُـبــابــــة އާނއެކޭ ވިދާޅުވިއިރު އެކަލޭގެފާނުގެ ކަނާތްޕުޅުގެ ޝަހާދަތް އިނގިލިފުޅު ކަނދުރާފުޅުގައި ކާއްތަވައިލެއްވިއްޖެއެވެ. މި އިޝާރަތުގެ މަޠުލަބަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙުކުމްފުޅަކަށްވާނީ އެބައިމީހުން ޤަތުލުކުރެއްވުމޭ ވިދާޅުވުމެވެ. أبــــولُـبــابــــة رضـــى اللّـــه عــنـــــه އަށް ބޭއިޚްތިޔާރުގައި އެހެން ހައްދަވައިލެއްވެވުމާއެކު އެކަލޭގެފާނަށް އެކުރެއްވުނީ އެ މާތް اللّــــه އާއި އެކަލާނގެ ރަސޫލާގެ ޙައްޤުގައި ޚިޔާނަތެއްކަން ވިސްނިވަޑައިގެންފިއެވެ. އެހެންކަމުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް ވަޑައިގެންނެވުމުގެ ބަދަލުގައި ބިރުފުޅުން ސީދާ ވަޑައިގެންނެވީ المـسجــد الــنّـــبــوى އަށެވެ. ވަޑައިގެން މިސްކިތުގެ މުޑިއެއްގައި (ތަނބެއްގައި) އަމިއްލަފުޅަށް ހިލިހިލާއަކުން ބަނދެވިވަޑައިގެން އޮންނަވައިފިއެވެ. އެކަލޭގެފާނު ހުވާކުރައްވައިފައި ވިދާޅުވިއެވެ. ދެން ދުވަހަކުވެސް ޤުރައިޡަތުވަންހައިގެ މީހުން ދިރިއުޅޭ ސަރަޙައްދަކަށް ވެދެވަޑައެއް ނުގަންނަވާނަމެވެ. ތިމަންކަލޭގެފާނުގެ މައްޗަށް ތައުބާލައްވައި މާތް اللّــــه ގެ ރަސޫލާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަތްޕުޅުން ތިމަން މޮއްސަވައިދެއްވައިފުމަށް ދާންދެން އޮންނަވާނީ މިގޮތަށެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން ކޮންމެ ނަމާދު ވަގުތެއްގައި ވަޑައިގެން އެކަލޭގެފާނުގެ ހިލިހިލާ ނައްޓަވައިދެއްވައެވެ. ނަމާދުކުރައްވައި ނިމިވަޑައިގެންނެވުމުން އަލުން ހިލިހިލާ ޖައްސަވަނީއެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އެޚަބަރު ލިބިވަޑައިގެންނެވުމުން ޙަދީސުކުރެއްވިއެވެ. "أبــــولُـبــابــــة މިތަނަށް ވަޑައިގެންނެވިނަމަ އެކަލޭގެފާނުގެ ފާފަ ފުއްސަވާތޯ ދުޢާކުރެއްވީމުހެވެ. މިހާރު މިވީގޮތުން އިންތިޒާރުކުރައްވާނީ މާތް اللّــــه ގެ ނިޔާފުޅަކަށެވެ."

أبــــولُـبــابــــة رضـــى اللّـــه عــنـــــه ގެ ތައުބާ ޤަބޫލުކުރެއްވީ ހައެއްކަ ދުވަހުގެ ތެރޭގައެވެ. أبــــولُـبــابــــة رضـــى اللّـــه عــنـــــه ގެ ތައުބާ ޤަބޫލުކުރެއްވިކަން އެންގެވީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، أمّ المــؤمــنـــيـــن السّــيّــدة أمّ سـلـمــة رضــــى الـلّــه عــنـــه ގެ ކޮޓަރިކޮޅުގައި ވަޑައިގެން ހުންނަވަނިކޮށެވެ. أمّ المــؤمــنـــيـــن السّــيّــدة أمّ سـلـمــة رضــــى الـلّــه عــنـــهـــا ރިވާކުރައްވައިފައިވެއެވެ.

"ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެރޭ ވަޑައިގެން ހުންނެވީ އަހަރެންގެ ކޮޓަރީގައެވެ. އެމާތް ސާހިބާ މާރީތިކޮށް ހިނިވަރުނަކުރައްވާތީ އަހަރެން ދެންނެވީމެވެ. އޭ މާތް اللّــــه ގެ ރަސޫލާއެވެ! ކަލޭގެފާނު މާރީތިކޮށް ހިނިވަރުނަކުރައްވާތީ އަޅުގަނޑު އެބަދެކެމެވެ. މާތް اللّــــه ކަލޭގެފާނު ތިޔަގޮތަށް ހިނިވަރުނަކަންމަތީ އަބަދަށް ލަހައްޓަވާށިއެވެ. ކަލޭގެފާނު ހިނިވަރުނަކުރައްވަނީ ކޮންކަމަކާތޯއެވެ؟"

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީސުކުރެއްވިއެވެ. "އަރަހުށި މާތް اللّــــه أبــــولُـبــابــــة ގެ ތައުބާ ޤަބޫލުކުރައްވައިފިއެވެ. އެކަމާ އަހުރެން އުފާވަނީއެވެ." އަހަރެން ދެންނެވީމެވެ. "އަޅުގަނޑު ތިޔަ އުފާވެރި ޚަބަރު أبــــولُـبــابــــة އަށް ދަންނަވަންތޯއެވެ؟" ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم "އެންމެރަނގަޅޭ" ޙަދީސުކުރެއްވިއެވެ.

އޭރަކު އަދި އަންހެނުން ފަރުދާގައި ތިބުމުގެ އާޔަތް ބާވައެއް ނުލައްވައެވެ. އަހަރެން ކޮޓަރީގެ ދޮރުމައްޗަށް ނުކުމެފައި أبــــولُـبــابــــة رضـــى اللّـــه عــنـــــه އަށް ގޮވައިލައިފައި ދެންނެވީމެވެ. "އޭ أبــــولُـبــابــــة އެވެ. ކަލޭގެފާނު އުފާކުރައްވާށެވެ. މާތް اللّــــه ކަލޭގެފާނުގެ ތައުބާ ޤަބޫލުކުރައްވައިފިއެވެ." އަހަރެން އެހެން ބުނިއަޑު އިވުމާއެކު މީހުންތައް أبــــولُـبــابــــة މޮހައިލާން އަވަސްވެގަތެވެ. أبــــولُـبــابــــة އެވަގުތު ވިދާޅުވިއެވެ. "މާތް اللّــــه އަށްޓަކައި ނޫނެކެވެ. އަހަރެން އެދެނީ رســـول اللّــــه ގެ އަތްޕުޅުން އަހަރެން މޮއްސަވައިދެއްވުމެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެރޭގެ ފަތިސްނަމާދަށް މިސްކިތަށް ވަޑައިގެންފައި އެމާތް ސާހިބާގެ އަތްޕުޅުން أبــــولُـبــابــــة މޮއްސަވައިދެއްވައިފިއެވެ."

أبــــولُـبــابــــة رضـــى اللّـــه عــنـــــه އަމިއްލަފުޅަށް ބަނދެވިވަޑައިގެންއޮންނެވި މުޑިހުރިތާނގައި މިހާރު އެހެރީ أسْـطُـــوانــــه أبى لُـبــابــــة އެވެ ކިޔުކު ތަނބުކޮޅެވެ. (އުސްޠުވާނާ އައްތައުބާ) އެ ތަނބުކޮޅު އެހެރީ روضـــــة شــــريـف ގައެވެ.

(ނުނިމޭ)