މެލޭޝިއާގެ ކުއަލަލަމްޕޫރު އެއާޕޯޓުގައި ގޭސް ލީކުވެ 39 މީހުން ބަލިވެއްޖެއެވެ.

މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގައި އޮންނަ ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގޭސް ލީކުވެފައި ވަނީ އެ އެއާޕޯޓުގެ އިންޖިނިއަރިންގް ސެކްޝަނުގައި ކަމަށް އިމަޖެންސީ ސާވިސްގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި 39 މީހަކަށް ބޯއެނބުރުމާއި މޭނުބައިވެ ހޮޑުލުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ބަލިވި 39 މީހުންގެ ތެރެއިން 24 މީހަކު ގެއަށް ދޫކޮށްފައިވާއިރު 14 މީހަކަށް އެއާ ޑިޒާސްޓަރ ޔޫނިޓުގައި އަދި އެކަކަށް ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

ގޭހުގެ އަސަރުކޮށް ބަލިވެފައިވަނީ އެސަރަހައްދުގައި މަސައްކަތް ކުރާ މީހުންނަށް ކަމަށް އޮފިޝަލުން ބުނެއެވެ. އަދި އެހާދިސާގެ ސަބަބުން އެއާޕޯޓުގެ އެއްވެސް އޮޕަރޭޝަނަކަށް ބުރޫ އަރާފައި ނުވާކަމަށްވެސް އޮފިޝަލުން ފާހަގަކުރެއެވެ.

ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުން ލީކުވެފައިވަނީ މެތީލް ގޭސް ކަމަށް އޮފިޝަލުން ބުނެއެވެ. އަދި އެ ގޭސް ލީކުވާން ދިމާވި މައްސަލަ ބަލައި އިމަޖެންސީ ޓީމުން ވަނީ އެމައްސަލަ ހައްލުކޮށްފައެވެ.