ޔޫރޯ 2024ގެ ގަދަ 16 އަށް ދަތުރުކުރި ރުމޭނިއާއަށް މިފަހަރުގެ މުބާރާތުގެ ތަޖުރިބާ ތަފާތެވެ. ރުމޭނިއާއިން މިފަހަރުގެ ޔޫރޯގައި ގްރޫޕް އީގައި ވާދަކޮށް ގަދަ 16 އަށް ނުކުތީ އެ ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. އެޓީމުން ގްރޫޕްގެ އެއްވަނަ ހޯދީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. ރުމޭނިއާއިން ވަނީ ޔުކްރެއިން ބަލިކޮށް، ސްލޮވޭކިއާއާ އެއްވަރުކޮށްފައެވެ. އެޓީމު ބަލިވީ ބެލްޖިއަމް އަތުން އެކަންޏެވެ. މިފަހަރު ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު ގަދަ 16 ގެ މެޗަކީ 2000 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދާން މަސައްކަތް ކުރަން ލިބުނު ފުރުސަތެވެ.
އެ ފުރުސަތުގެ ބޭނުން ނުހިފި ކަޓައިގެން ދާން ޖެހުނު ނަމަވެސް، ރުމޭނިއާއަށް މާޔޫސްކަމެއް ނެތެވެ. އެގައުމުގެ ފުޓުބޯޅައަށް މިފަހަރުގެ ޔޫރޯއިން ލިބުނީ ފެހި ސިގުނަލެކެވެ. ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެއްޓުނު ވެއްޓުމުން އަރައިގަންނަން މަގެއް ކޮށުން އެއީ ރުމޭނިއާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ. އެ ހިތްހަމަޖެހުމާއެކު ރުމޭނިއާ މުބާރާތުން ވަކިވެގެން ދިޔައީ ރީތި ނަމޫނާއެއް ދައްކާފައެވެ. ވޯލްޑް ކަޕްތަކުގައި ޖަޕާނުގެ ޓީމުން ފެންނަ ކަހަލަ ނަމޫނާ މަންޒަރެކެވެ.
ރުމޭނިއާ ދިޔައީ ޑްރެސިން ރޫމް އެއްކޮށް ސާފުކޮށް، އިހު ހުރި ގޮތަށް ތަރުތީބު ކޮށްފައެވެ. އެޓީމުން ޑިސިޕްލިންގެ އެ ހިތްގައިމު މަންޒަރު ދައްކައި، ޖަރުމަނަށް ހާއްސަ މެސެޖެއްވެސް ދިނެވެ. އެއީ މުބާރާތުގެ ހޯސްޓް ގައުމުގެ މަސައްކަތަށް ތައުރީފުކޮށް ދީފައިވާ ހާއްސަ މެސެޖެކެވެ.
"މި ޔޫރޯއަކީ އަހަރެމެން ހުރިހާ ކުޅުންތެރިންނަށްވެސް ހަޔާތުގައި ކުރެވުނު އެންމެ މުހިއްމު އެއް ތަޖުރިބާ. އެ ތަޖުރިބާ ކުރަން ލިބުނީ ޖަރުމަނުގައި ކަމަށްވީތީ އަހަރެމެން އުފާކުރަން. މި ޔޫރޯއިން އަހަރެމެންނަށް ކުރެވުނު ތަޖުރިބާގައި ފުޓުބޯޅައިގެ ޖާދުވީ އިހުސާސް ހުރިހާ މެޗަކުންވެސް ކުރެވުނު. އަހަރެމެން ޖަރުމަނު ދޫކޮށް މިދަނީ ގައުމަށްޓަކައި ހުރިހާ ހަކަތައެއް ހުސްކޮށްލެވުނު ކަމުގެ ޔަގީންކަމާއެކު. މިދިޔަ ދެތިން ހަފުތާގެ ހުރިހާ ކަމަކަށް އަހަރެމެން ޝުކުރުވެރިވަން،" ރުމޭނިއާގެ ސިޓީގައިވެއެވެ.
އޭގެ އިތުރުން ސިޓީގައި ބުނީ ޔޫރަޕްގެ ފުޓުބޯޅަ އާއިލާގެ ތެރޭގައި ހިމެނި މުބާރާތް ކުޅުމަކީ ލިބުނު ޝަރަފެއް ކަމަށެވެ.
ރުމޭނިއާއިން 24 އަހަރުގެ އިންތިޒާރަކަށްފަހު ނޮކްއައުޓް ބުރުގައި ކުޅެ، ކޯޗު އެޑްވާޑް އިއޮޑަނެސްކޫއާއެކު ވަކިވެގެން ދިޔައީ އެންމެންގެ ތައުރީފު ހޯދައިގެންނެވެ. އެތައް ބަޔަކު ސޯޝަލް މީޑިއާގައި ރުމޭނިއާއަށް ތައުރީފު ބަންޑުން ކޮށްލާފައިވާ އިރު، އެޓީމުން ދެއްކި މިސާލަށްވެސް ގިނަ ބަޔަކު ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އެޓީމާމެދު ރުމޭނިއާ ރައްޔިތުން ފަހުރުވެރިވާނެ ކަމަށް ބުނެފައިވެއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024