ސަރުކާރުގެ ހަރަދުގައި، އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފް އަދި އައިޔޫއައި ހަދަން ހުޅުވާލި ފުރުސަތަސް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހަމަވާނެ ކަމަށް އެންސްޕާއިން ބުނެފިއެވެ.
އާސަންދަ މެދުވެރިކޮށް "އައިޔޫއައި" އަދި "އައިވީއެފް" ގެ ފަރުވާ ފޯރުކޮށްދިނުމުގެ މަސައްކަތަކީ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރަން ނިންމި ވައުދެކެވެ. އެންމެ އިސްކަމެއް ދީގެން ކުރަން ނިންމާފައިވާ ހަފުތާ-14 މަގުޗާޓުގައި ހިމެނިފައިވާ މުހިންމު މަސައްކަތެވެ
އެގޮތަށް ކަނޑައަޅައި އައިވީއެފް އަދި އައިޔޫއައި ހެދުމަށް އެހީއަށް އެދުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލީ މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހުއެވެ.
15 މެއިގެ ނިޔަލަށް ލިޔެކިޔުން ހަމަކޮށް ހުށަހަޅުއްވާފައިނުވާ ފަރާތްތަކާއި، އަލަށް އެހީއަށް އެދި ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 31 ވަނަ ދުވަހުގެ 14:00 ނިޔަލަށް ފޯމާއި، ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑި ވަނީ އިތުރުކޮށްފައެވެ.
ސަރުކާރުން ވީ ވައުދާ އެއްގޮތަށް މި އަހަރު އައިވީއެފްގެ ފަރުވާއަށް އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށެވެ. ފުރަތަމަ ބުރަށް ކުރިމަތިލި މީހުންގެ ތެރެއިން އާސަންދަ މެދުވެރިކޮށް އައިވީއެފް ފަރުވާގެ އެހީގެ ޝަރުތު ހަމަވީ 37 މީހެކެވެ.
އެގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ މިނިސްޓްރީން އެންސްޕާއާ އެކު ކުރި މަސައްކަތްތަކުގެ ތެރޭގައި އާސަންދަ މެދުވެރިކޮށް "އައިޔޫއައި" އަދި "އައިވީއެފް" ގެ ފަރުވާ ފޯރުކޮށްދޭނެ އުސޫލެއް ވަނީ ގާއިމްކޮށްފައެވެ.
އެއާއެކު އެ އުސޫލުގެ ދަށުން މި އަހަރުގެ މެއި 15 ވަނަ ދުވަހުގެ ނިޔަލަށް، "އައިވީއެފް" ގެ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުގެ ތެރެއިން އެހީއަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ލިސްޓު ވަނީ މިމަހުގެ ދެ ވަނަ ދުވަހު ގެޒެޓުކޮށްފައެވެ.
އެންސްޕާއިން ބުނީ، އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފް އަދި އައިޔޫއައި ހަދަން ހުޅުވާލި ފުރުސަތު މިދިޔަ މެއި މަހުގެ 15ގެ ނިޔަލަށް ހަމަވި އިރު، އެހީއަށް އެދި 153 މީހުން ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން ކަނޑައެޅި ޝަރުތު ހަމަވި 37 މީހުންނަށް މި މަހުގެ 30ގެ ކުރިން ފަރުވާ ކުރިއަށްގެންދާނެ ގޮތުގެ ޕްލޭން ހިއްސާކުރުމާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.
ދަރިމައިވުމުގެ ދަތިތަކާއި ކުރިމަތިލާން ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އާއިލީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މުހިންމު ސިޔާސަތުތަކެއް އެކަށައަޅައި ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުން ކަމަށް އެންސްޕާއިން ބުނެއެވެ.
އޭގެތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުން އައިވީއެފް ފަރުވާ ހޯދި ދެ މީހަކު މި އަހަރުގެ މެއި 15 ވަނަ ދުވަހު ވަނީ ވިހާފައެވެ. އެއީ ރާއްޖޭގައި އައިވީއެފް ހަދައިގެން ލިބުނު ފުރަތަމަ ދެ ކުދިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު