ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މާލިއްޔަތާބެހޭ ދެ ބިލް މަޖިލީހަށް ބަލައިގެން އިތުރަށް ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.
އޭގެ ތެރޭގައި ހިމެނެނީ މިހާރު އަމަލު ކުރާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހެޅުއްވި ފިސްކަލް ޒިންމާގެ ބިލެއެވެ. ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި ދައުލަތުގެ ދަރަންޏާ ބެހޭ ބިލެވެ.
ދެ ބިލް ވެސް ބަލައިގަތީ މިއަދުގެ ޖަލްސާގައި ތިއްބެވި 79 މެނބަރުންގެ ތެރެއިން 78 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ފިސްކަލް ޒިންމާގެ ބިލަކީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ފައިސާ ނެގޭނެ ވަރު ނުވަތަ ފައިސާ ޗާޕް ކުރެވޭނެ އަދަދު މިހާރަށް ވުރެ އިތުރުކުރުން ހިމެނޭ އެގޮތަށް ނަގާ ފައިސާ މާކެޓް އިންޓަރެސްޓް ރޭޓުގައި ތިން މަސް ތެރޭ އަނބުރާ ދައްކަން ޖެހޭގޮތަށް ބަދަލު ގެންނަން ހުށަހެޅި ބިލެކެވެ.
ބިލްގައިވާ ގޮތުން އެގޮތަށް ފައިސާ ނެގޭނީ މިދިޔަ ތިން އަހަރު ދުވަހު ސަރުކާރުގެ އެވްރެޖް އާމްދަނީން ކޮންމެ އަހަރަކަށް ޖެހޭ އަދަދުގެ 2.5 ޕަސެންޓަށް ވުރެ ބޮޑު ނުވާނެ ވަރަށެވެ.
ދައުލަތުގެ ދަރަންޏަށް ޒިންމާވުމުގެ ބިލުގައި ވަނީ ދައުލަތުން ދަރަނި ނަގައި ބަލަހައްޓައި މެނޭޖް ކުރަނީ ގައުމުގެ އިގުތިސޯދަށާއި މުސްތަގުބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަންކުރެވިގެން އަދި ގައުމުގެ އިގުތިސޯދީ ފުދުންތެރިކަމާއި ދައުލަތުގެ ފިސްކަލް އަދި މާލިއްޔަތުގެ ނިޒާމް ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ.
ދައުލަތުގެ ދަރަނި ނެގުމާއި ބެލެހެއްޓުމާއި މެނޭޖުކުރުމާއި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވެރިން ގެރެންޓީ ދޫކުރުމާއި އަދި ދައުލަތުގެ ދަރަންޏާ ގުޅޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓުކުރުމާއި މޮނިޓާކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުންވެސް މި ބިލްގައި ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު