ސަރުކާރުގެ ކުންފުނިތަކުގެ ތެެރެއިން އުވާލާނެ ކުންފުނިތަކާއި އެއްކޮށްލާނެ ކުންފުނިތަކުގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން (ޕީސީބީ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕީސީބީގެ މަަސައްކަތްތަކާ ގުޅޭ މައުލޫމާތު ދެއްވަމުން އެ ބޯޑުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޔާމީން ވިދާޅުވީ، އުވާލާނެ ކުންފުނިތަކާއި އެއްކޮށްލާނެ ކުންފުނިތަކުގެ ލިސްޓެއް ބޯޑުން ތައްޔާރުކޮށް ފާސްކޮށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ނިންމާ ގޮތެއްގެ މަތިން ކުންފުނިތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އުވާލަން އަދި އެއްކޮށްލަން ނިންމާފައިވަނީ ކޮން ކުންފުނިތަކެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.
ޔާމީން ވިދާޅުވި ގޮތުގައި، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ފައިދާ ނުވާ ކުންފުނިތަކާމެދު އަމަލުކުރާނެ އެސްއޯޕީއެއް އެކުލަވާލާފައިވާއިރު، ޕްރައިވަޓައިޒް ކުރާނެ ކުންފުނިތަކެއް ކަނޑައެޅުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އަދި ކުންފުނީގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމުގައި ބަލާނެ މިންގަނޑުތަކެއް ހިމަނައިގެން ހަރުދަނާ އާ ގަވާއިދެއް އެކުލަވާލުމުގެ މަަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ، ކުންފުނިތަކުގެ ޕާފޯމަންސް މޮނިޓަރިން ސިސްޓަމެއް ގާއިމުކުރުމަށް ޕީސީބީން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ކަމާބެހޭ ރިޕޯޓުތައް ނުފޮނުވުމާއި އެއްބާރުލުން ނުދޭ ކުންފުނިތަކަށް ފިޔަަވަޅު އެޅުމުގެ ކަންތައް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު