ދެކުނު އެމެރިކާގެ އެންމެ ބޮޑު މުބާރާތް، ކޮޕާ އެމެރިކާގައި ވާދަކުރަމުންދާ އެމެރިކާ ޓީމު، ރޭ އުރުގުއާއީ އަތް ދަށުވެގެން ކަޓައިފިއެވެ.

އެމެރިކާއަކީ މިފަހަރު މުބާރާތުގެ ހޯސްޓް ގައުމެވެ. އެޓީމުން ގްރޫޕް ސީގައި ރޭ ކުޅުނު މެޗުގައި އުރުގުއާއީ އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެމެރިކާއިން ފުރަތަމަ މެޗުގައި ބޮލީވިއާ ބަލިކުރި ނަމަވެސް، ދެން ކުޅުނު މެޗުގައި ޕެނަމާ ކައިރިން އެޓީމު ވަނީ ބަލިވެފައެވެ. ރޭގެ މެޗަށް ނުކުތްއިރުވެސް އުރުގުއާއީ ކުއާޓާއަށް ގޮސްފައި އޮތް އިރު، އެ ގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ކުއާޓަށް ދިޔައީ ޕެނަމާއެވެ.

ޕެނަމާއިން ރޭ ކުޅުނު މެޗުގައި ބޮލީވިއާ 3-1 އިން ބަލިކޮށްފައިވާ އިރު، މިއީ އެޓީމުން ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގައި އުރުގުއާއީން ޖެހި ހަމައެކަނި ގޯލު، މެޗުގެ 68 ވަނަ މިނެޓުގައި ޖެހީ މަތިއަސް އޮލިވިއޭރާއެވެ. މާސެލޯ ބިއެލްސާގެ ކޯޗުކަމުގެ ދަށުގައި ކުޅެމުންދާ އުރުގުއާއީން މިފަހަރުގެ ތަށްޓަށް ވާދަކުރާނެ ކަމަށް ގިނަ ބަޔަކު ދެކޭ އިރު، އެޓީމުން ކުއާޓާގައި ނުކުންނަން ޖެހޭ ޓީމު އިނގޭނީ މިރޭ ގްރޫޕް ސްޓޭޖު މެޗުތަކަށްފަހުއެވެ.

ރޭގެ މެޗުގެ ރެފްރީގެ ފަރާތުން ފެނުނު ބައެއް ކަންތައްތަކަށް އެމެރިކާއިން ވަރަށް ބޮޑަށް ޝަކުވާ ކޮށްފައިވެއެވެ. ހާއްސަކޮށް އެޓީމުގެ ކެޕްޓަން ކްރިސްޓިއަން ޕުލިސިޗް މެޗު ތެރެއިންވެސް ރެފްރީއަށް ޝަކުވާކޮށްފައިވެއެވެ. އެ ޝަކުވާތަކުގެ ސަބަބުން މެޗު ނިންމާފައި ޕުލިސިޗް ސަލާމް ކުރަން އަތްދިއްކޮށްލުމުންވެސް ރެފްރީ ޕުލިސިޗާ ސަލާމް ކޮށްފައެއް ނުވެއެވެ.