ޔޫރޯ 2024 ގެ ނޮކައުޓް ބުރުގެ މެޗުތައް ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށްދާއިރު ބައެއް ކުޅުންތެރިންގެ ނަން އަޑުއިވުމުން އެއީ ވަރަށް ފަރިތަ ނަންތަކެއް ކަމުގެ އިހުސާސް ކުރެވެއެވެ. އެހެން އެވަނީ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ މައުލޫމާތު ގެނެސްދިނުމުގެ ދާއިރާގައި ހޭދަކުރެވުނު މުއްދަތުގެ ދިގުކަމާއި މިހާރު މިފެންނަ ބައެއް ކުޅުންތެރިންނަކީ ކުރިން ފެނިފައިވާ އަދި އެމީހުންގެ ވާހަކަ އެކިގޮތްގޮތަށް ގެނެސްދެވިފައިވާ މަޝްހޫރު ތަރީންގެ ދަރިންކަމަށް ވުމުންނެވެ. އެއް އާއިލާއެއްގެ އެއްޖީލަށްވުރެ ގިނަ ޖީލުތަކުގެ ކުޅުންތެރިންގެ ވާހަކަ ދައްކާން ޖެހުމުންނެވެ. މީގެ 28 އަހަރު ކުރިން ޔޫރޯ 1996 ގައި ޗެކް ރިޕަބްލިކާ ދެކޮޅަށް އިޓަލީގެ ފޯވާޑް އެންރީކޯ ކިއޭޒާ ޖެހި ގޯލުގެ ވާހަކަ ދެއްކީ ޓީވީ ލައިވް ޝޯއެއްގައެވެ. އޭގެ 24 އަހަރު ފަހުން ޔޫރޯ 2020ގައި އޭނާގެ ދަރިފުޅު ފެޑެރީކޯ ކިއޭޒާ އޮސްޓްރިޔާއާ ދެކޮޅަށް ޖަހައިދިން ގޯލުގެ ވާހަކަ ދައްކަންޖެހުނީވެސް ހަމަ ލައިވް ޓީވީ ޝޯއެއްގައެވެ.

އެ ދެބަފައިންގެ ކުޅުން ބަލައި އެވާހަކަ ދައްކަން ފުރުސަތު ލިބުމަކީ ނުހަނު ބޮޑު އުފަލެއްވެސްމެއެވެ. ކިއޭޒާގެ ދެބަފައިން ހިމެނުނީ ޔޫރޯގެ މުޅި ތާރީޚުގައިވެސް ލަނޑުޖެހި ފުރަތަމަ ދެބަފައިން ކަމުގައެވެ. މިހާރު ޖަރުމަންވިލާތުގައި ކުރިއަށްއެދާ ޔޫރޯ މުބާރާތުގައި ވާދަކުރި އިޓަލީ ޓީމުގައި އަނެއްކާވެސް ފެޑެރީކޯ ކިއޭޒާ ވަނީ ހިމެނިފައެވެ. އޭނާގެ ކުޅުންވަނީ ފެނިފައެވެ. ފެޑެރީކޯ ފެންނަ ކޮންމެފަހަރަކު އޭނާގެ ބައްޕަ އެންރީކޯގެ ކުޅުން ހަނދާންވެއެވެ. މުބާރާތުގެ ދެވަނަ ބުރުގައި ސުވިޒަރލެންޑް އަތުން ބަލިވެ އިޓަލީ ވަނީ ކަޓައިފައެވެ. އެހެންވީމާ މިފަހަރު ދެން ފެޑެރީކޯގެ ކުޅުން އިތުރަކަށް ނުފެންނާނެއެވެ. އެކަމަކު އަދިވެސް ބައްޕަގެ ފިޔަވަޅުމަތީގައި ދެމިތިބި އެހެން ބައެއް ދަރިން އެކި ޓީމުތަކުން އެބަފެނެއެވެ. މުބާރާތުގެ ދެވަނަ ބުރުގައި ޖަރުމަންވިލާތާ ވާދަކޮށް ބަލިވުމުގެ ސަބަބުން ޑެންމާރކް ކަޓާފައިވާތީ ޑެންމާރކުގެ ކެޕްޓަން އަދި ގޯލްކީޕަރު ކެސްޕަރ ޝުމައިކަލްގެ ކުޅުންވެސް ދެން މިފަހަރަކު ނުފެންނާނެއެވެ.

ކެސްޕަރ ފެންނަ ކޮންމެފަހަރަކު އޭނާގެ ބައްޕަ ޕީޓަރ ޝުމައިކަލްގެ މަތިން ހަނދާންވެއެވެ. ޕީޓާރއަކީ އަދި ކެސްޕަރއަށްވުރެވެސް މަޝްހޫރު ވަރުގަދަ ގޯލްކީޕަރެކެވެ. އޭނާވަނީ 1992 ގެ ޔޫރޯވެސް ޑެންމާރކަށް ކާމިޔާބުކޮށްދީފައެވެ. ޕީޓަރގެ ވާހަކަ އެތައް ޔޫރޯއަކާއި އެތައް ވޯލްޑްކަަޕެއްގައި ކުރުނުކޮށް އަޅުގަނޑުމެންނަށް ދައްކަން ޖެހުނެވެ. މިފަހަރުގެ ޔޫރޯގެ މެޗުތައްވެސް ހިމަމައިގެން ކެސްޕަރ ވަނީ ޑެންމާރކުގެ ގައުމީ ޓީމަށް 108 މެޗު ކުޅެދީފައެވެ. އެކަމަކު އަދިވެސް ބައްޕަގެ ރިކޯޑާ ހަމައެއް ނުކުރެވެއެވެ. މިހާރު އުމުރުން 37 އަހަރުވީ ކެސްޕަރ ކުޅުން ހުއްޓައިލާނެ ކަމަށް ބެލެވެނީ ބައްޕަގެ ރިކޯޑު މުގުރައިލެވުނު އިރަކުންނެވެ. މި ދެބަފައިންވެސް އެންމެ ބޮޑަށް ވިދައިލީ އިނގިރޭސި ލީގުގައެވެ. ބައްޕަ ޕީޓަރ ވިދައިލީ މެންޗެސްޓަރ ޔުނައިޓެޑްގައެވެ. ދަރިފުޅު ކެސްޕަރ ވިދައިލީ ލެސްޓަރ ސިޓީގައެވެ. އެ ދެކުލަބާއެކު މި ދެބަފައިންވެސް ވަނީ އިނގިރޭސި ލީގު ކާމިޔާބުކޮށްފައެވެ.

ކިއޭޒާގެ ދެބަފައިންނަކީ ޔޫރޯގައި ލަނޑުޖެހުމުގެ ރިކޯޑުހެދި ފުރަތަމަ ދެބަފައިންނަށްވާއިރު ޕޯޗުގަލްގެ ފްރަންސިސްކޯ ކޮންސެއިސާއޯގެ ދެބަފައިން ވަނީ މިފަހަރުގެ ޔޫރޯގައި މި ރިކޯޑާ އެއްވަރުކޮށްފައެވެ. އުމުރުން 21 އަހަރުވީ ފްރަންސިސްކޯ ކޮންސެއިސާއޯ ވަނީ މިފަހަރުގެ ޔޫރޯގައި ޗެކްރިޕަބްލިކާ ދެކޮޅަށް ޕޯޗުގަލްއަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ. އޭނާގެ ބައްޕަ ސާޖިއޯ ކޮންސެއިސާއޯ ވަނީ 2000 ވަނަ އަހަރުގެ ޔޫރޯގައި ޖަރުމަންވިލާތާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކް ހަދައިފައެވެ. އޭނާގެ ހެޓްރިކުން ޖަރުމަނީ ކެޓިގޮތުގެ ވާހަކަ ވަރަށް ދިގުކޮށް އަޅުގަނޑުމެން ޓީވީގައި ދެއްކީމެވެ. ކޮންމެއަކަސް ދެބަފަޔަކަށް ޔޫރޯ ކާމިޔާބުކުރުމުގެ ރިކޯޑެއް އަދި ނުހެދެއެވެ. މިފަހަރުގެ ޔޫރޯގައި މި ރިކޯޑު ހެދުމުގެ ފުރުސަތު އެއް ކުޅުންތެރިއަކަށް އެބައޮތެވެ. އެއީ ފްރާންސްގެ ފޯވާޑް މާކަސް ތުރަމްއެވެ. އޭނާގެ ބައްޕަ ލިލިއަން ތުރަމް ވަނީ 2000 ވަނަ އަހަރުގެ ޔޫރޯ ފްރާންސަށް ކާމިޔާބުކޮށްދީފައެވެ. އެވާހަކަވެސް ޓީވީގައި ދައްކަންތިބީ އަޅުގަނޑުމެންނެވެ.

ޝުމައިކަލްގެ ދެބަފައިންނަކީ ކީޕަރުންނެވެ. ކިއޭޒާގެ ދެބެފައިންނަކީ އެޓޭކަރުންނެވެ. އެކަމަކު ތުރަމްގެ ދެބަފައިންގެ މަގާމު ވަރަށް ތަފާތެވެ. ލިލިއަން ތުރަމަކީ ޑިފެންޑަރެކެވެ. މާރކަސް ތުރަމަކީ ފޯވާޑެކެވެ. ފްރާންސަކީ މިފަހަރުގެ ޔޫރޯ ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއްޓީމެވެ. އެހެންވީމާ ޔޫރޯ ކާމިޔާބުކުރާ ފުރަތަމަ ދެބަފައިންނަކީ ތުރަމްގެ ދެބަފައިންނަށްވުން ވަރަށް ކައިރިއެވެ. އެހެންވިޔަސް އެވާހަކަ ދައްކަން ޓީވީއަކުން މިފަހަރު އަޅުގަނޑެއް ނުފެންނާނެއެވެ. ލިލިއަން ތުރަމް ތަށި އުފުލައިލި ވާހަކަ އޭރު ދެއްކި ކަމަށްވިޔަސްމެއެވެ. ޖަރުމަންވިލާތާ ކުޅެ މިފަހަރު ޑެންމާކް ބަލިނުވިނަމަ ކެޕްޓަން ކެސްޕަރ ޝުމެއިކަލަށްވެސް ބައްޕަގެ ކާމިޔާބީ ތަކުރާރު ކުރުމުގެ ފުރުސަތު އޮންނާނެއެވެ. ޕީޓަރ ޝުމައިކަލް 1992 ގައި ޑެންމާރކާއެކު ޔޫރޯ ކާމިޔާބުކުރިއިރު އަޅުގަނޑުމެން ޓީވީގައި އެވާހަކަ ދައްކާކަށް ނެތީމެވެ. އޭރު އަދި ޔޫރޯއާއި ވޯލްޑްކަޕުގެ ޕްރީޝޯތައް ރާއްޖޭގައި ނުހަދާތީއެވެ. އެކަން އަލަށްފެށީ 1994 ގައެވެ. އަޅުގަނޑުމެންނެވެ.

ބައްޕައެއްގެ މަތިން ހަނދާންވާ ކުޅުންތެރިންނަކަށް މިިފަހަރުގެ ޔޫރޯއިން ދެން ފެންނަ ދެ ކުޅުންތެރިންނަކީ ނެދަރލެންޑުގެ ޑެލީ ބްލިންޑާއި ރުމޭނިއާގެ ޔާނިސް ހަޖީއެވެ. ޑެލީ ބްލިންޑަކީ ނެދަރލެންޑުގެ ކުރީގެ މަޝްހޫރު ޑިފެންޑަރު ޑެނީ ބްލިންޑްގެ ދަރިފުޅެވެ. ޔޫރޯއާއި ވޯލްޑްކަޕްގައި ޑެނީ ބްލިންޑްގެ ވާހަކަ ވަރަށް ގިނައިން އަޅުގަނޑުމެންނަށް ވާނީ ދެއްކިފައެވެ. ހަމައެގޮތަށް ޔާނިސް ހަޖީގެ ބައްޕަ ޖޯގޭ ހަޖީގެ ވާހަކައަކީ 1994 ގެ ވޯލްޑްކަޕް ތެރޭގައި އެންމެ ގިނައިން ދެކެވުނު އެއްވާހަކައެވެ. އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާގެ ވާހަކަ ފިޔަވައި ދެން އެންމެ ގިނައިން ދެކެވިފައިވާނީ ހަޖީގެ ވާހަކައެވެ. އޭނާގެ ދަރިފުޅު ޔާނިސްއަކީ ބައްޕަ ކަހަލަ ސުޕަރ ސްޓާރެއް ނޫނެވެ. އެކަމަކު އެއީ މިފަހަރުގެ ޔޫރޯގައި ރުމޭނިޔާގެ މުހިންމު ކުޅުންތެރިއެކެވެ. ކޮންމެއަކަސް ބައްޕައިންގެ މޮޅު ކުޅުން ބަލައިފައި އެމީހުންގެ މޮޅުކަމުގެ ވާހަކަ ދައްކާން ވަގުތު ހޭދަކުރި ބަޔަކަށް އެވެރިންގެ ދަރިންގެ މޮޅު ކުޅުން ފެނުނީމާ ލައްކަ ހަނދާންތަކެއް އާވާނެތާއެވެ.