ހަތަރު އަހަރު ދުވަހު، ފީފާގެ ދުނިޔޭ ރޭންކިންގެ އެއްވަނައިގައި އޮތެވެ. 11.5 މިލިއަން މީހުންގެ އާބީދީއަކަށް އެއީ ބޮޑު ފަހުރެކެވެ. އެ ފަހުރުވެރި ލަގަބުން ހާސިލުވި މާ ބޮޑު އެއްޗެއް ނެތުމަކީ އެންމެ ބޮޑު ވެއްޓުމެވެ. ބެލްޖިއަމް ފުޓުބޯޅައިގެ ވާހަކައެވެ. ބެލްޖިއަމްގައި އޮތް އެންމެ ވަރުގަދަ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ކެރިއަރުގެ 'ޕީކް'ގައި ސްކޮޑުގެ އަގު ގާތްގަނޑަކަށް ބިލިއަނަކަށް އަރައެވެ. އެއީ ކުޅުންތެރިން ބާޒާރުގެ އަގުތަކުން މިނެކިރާލުމުންނެވެ. ފީފާގެ ލިސްޓެއްގެ އެއްވަނައިގައި އޮތުން ފިޔަވައި މާ ބޮޑު ކަމެއް އެ ޖީލަކަށް ނުކުރެވުން އެއީ ފުޓުބޯޅައިގައިވެސް ފާހަގަވާ، "އަންޑާ އެޗީވިން" ވާހަކައެކެވެ. 'ރަން ޖީލަށް' ރަނެއް ނުހޯދުނެވެ. ރިއްސެއްވެސް ނުހޯދުނެވެ. ހޯދުނީ ލޯ މެޑައްޔެއް އެކަންޏެވެ.
ރޭ ޔޫރޯ 2024 ގައި ބެލްޖިއަމުން ކުޅުނު ގަދަ 16 ގެ މެޗުގައި ފްރާންސް ކައިރިން ބަލިވީ 1-0 އިންނެވެ. ފަހަތަށް ފައިބައިގެން ކުޅުނު ފޫހި ކުޅުމަކާއެކުގައި ކެޓީ އެކަންޏެއް ނޫނެވެ. ހަގީގަތުގައި ބެލްޖިއަމް ޓީމަކީ މިހާރު ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފައިވާ ޓީމެކެވެ. ފްރާންސް ކައިރިން ރޭ ވި ބައްޔަކީ 'ރަން ޖީލު'ގެ ނަމުން މަޝްހޫރުވި ޖީލަށް ފަސް އަޅައި، ފޮރުވާލި ބައްޔެކެވެ. 2022 ވަނަ އަހަރު ގަތަރު ވޯލްޑް ކަޕުން ބެލްޖިއަމަށް އިރުއޮއްސިންޖެ ކަމަށް ބުނި ބުނުން، ރޭ ސަރީހަވެގެން ދިޔައެވެ.
ބެލްޖިއަމުން ގަދަ 16 އަށް ރޭ ފްރާންސާ ދެކޮޅަށް ނުކުތީ ގްރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމަށް ގްރޫޕް ސްޓޭޖް ވެފައި ވަނީ ބޮޑު މާޔޫސް ކަމަކަށެވެ. ފުރަތަމަ މެޗުގައި ސްލޮވޭކިއާ އަތުން 1-0 އިން ބަލިވެފައިވާ އިރު، ބެލްޖިއަމް މޮޅުވީ 2-0 އިން ރުމޭނިއާ އަތުން އެކަންޏެވެ.
އެންމެފަހު މެޗުގައި ޔުކްރެއިން ކައިރިންވީ އެއްވަރެވެ. އެ މެޗަށްފަހު ސަޕޯޓަރުން ބައެއް ކުޅުންތެރިންނަށް "ބޫ" ކޮށް، ފާޑު ކިޔާފައިވެއެވެ. އެ ފާޑު ކިޔުންތަކަށް ހިތްހަމަ ނުޖެހި، ކެޕްޓަން ކެވިން ޑި ބްރޭނާ ސަޕޯޓަރުންނާ ދިމާއަށް ދިޔަތަންވެސް ފެނިގެން ގޮސްފައިވެއެވެ. ޑި ބްރޭނާ ފަހުން ބުނީ "ބޫ" ކުރުން އެއީ ހިތްހަމަ ނުޖެހޭ ކަމެއް ކަމަށެވެ. އެ ހިތްހަމަ ނުޖެހުމާއެކު ސަޕޯޓަރުންނަށް ބަހުންވެސް އޭނާ ޖެހިއެވެ.
އެ މެޗުގައި ބެލްޖިއަމް ކުޅުންތެރިންގެ ފަރާތުން ފެނުނު ދަށް ކުޅުމަށް ފާޑުކިޔައި، ސަޕޯޓަރުންގެ ފަރާތުން ޓީމަށް ހާއްސަ ސިޓީއެއް ފޮނުވާފައިވެއެވެ. އެ ސިޓީގައި ފުރަތަމަވެސް ކޮށްފައިވަނީ ސުވާލެކެވެ.
"ގްރޫޕް ސްޓޭޖުގައި ކުޅުނު އެންމެ ފަހު މެޗުގައި ޔުކްރެއިން ބަލިކޮށް، ގްރޫޕްގެ އެއްވަނަ ހޯދަން މަސައްކަތް ނުކުރީ ކީއްވެ؟ އެ މެޗުގައި މަސައްކަތްކޮށް އެއްވަނަ ހޯދިނަމަ، ތި ހުރިހާ ކުޅުންތެރިންނާއި އަހަރެމެންނަށްވެސް ފަސޭހަ ގޮތަކަށް ފައިނަލަށް ދެވޭނެ ކަމަށް އުންމީދު ކުރެވުނީސް. އަހަރެމެން ސަޕޯޓަރުން އެތައް ހަރަދެއްކޮށްގެން މިތަނަށް އައިސް ތި ޓީމަށް ސަޕޯޓް މި ކުރަނީ. އަހަރެމެން އައީ އެތައް ގަޑިއިރަކު ދުއްވައިގެން، އެތައް ގޮތަކުން ފައިސާވެސް ހޯދައިގެން. އަހަރެމެން އަބަދުވެސް ތި ކުޅުންތެރިންނާއެކު ތިބޭނަން. އެކަމަކު އެންމެ ޝަރުތެއް އެބައޮތް. އެއީ ގައުމީ ޓީމަށް ލޯބި ދީގެން، އެ ރޫހުގައި ކުޅުން. ގައުމަށް ޖާނުދޭން ޖެހޭނެ،" ސަޕޯޓަރުންގެ ސިޓީގައިވެއެވެ.
އެ ނުތަވަސްކަމަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓަން ކޯޗު ޑޮމިނިކް ޓެޑެސްކޯ ނިންމި ނަމަވެސް، އެހެނެއް ނުވާނެތާއެވެ. މަންޒަރުތަކުން ސަޕޯޓަރުން މާޔޫސްވީއެވެ. އެ މާޔޫސްކަމުގެ ޖަޒުބާތުގައި ޓީމަށް މާ ބޮޑަށް އުންމީދު ކުރެވެނީއެވެ. އެ އުންމީދަށް ވާސިލް ނުވެވުމުން ނުރުހުންވެސް ވެވެނީއެވެ. އެ ނުރުހުމުގައި ސަޕޯޓަރުން ގްރޫޕް ސްޓޭޖު ނިންމާލި ނަމަވެސް، ރޭ ފެނިގެން ދިޔައީ މެޗަށްފަހު ސަޕޯޓަރުން ކުޅުންތެރިންނަށް ހިތްވަރުދީ، އަތް ޖެހިތަނެވެ. ހަގީގާތުގައި ސަޕޯޓަރުންނަށް އިހުސާސް ކުރެވުނީ 'ރަން ޖީލު' ނިމި، އެ ޖީލަށް އިހުތިރާމާއެކު އަލްވަދާއެއް ދޭން ޖެހިފައި އޮތް ކަމެވެ.
ބެލްޖިއަމް އެންމެ ވިދާލީ 2018ގައި ބޭއްވި ވޯލްޑް ކަޕުގައެވެ. އެ މުބާރާތުގެ ގްރޫޕު ސްޓޭޖު ބެލްޖިއަމް ނިންމާލީ ކުޅުނު ތިން މެޗުންވެސް މޮޅުވެ، ގްރޫޕުގެ އެއްވަނައިގެ ގޮތުގައެވެ. ގްރޫޕު ސްޓޭޖުގައި ބެލްޖިއަމުން ވަނީ ވަރުގަދަ އިންގްލެންޑު ވެސް ބަލިކޮށްފައެވެ. ގަދަ 16ގައި ބެލްޖިއަމުން ޖަޕާނު ބަލިކޮށް ކުއާޓާ ފައިނަލުގައި ނުކުތީ ވަރުގަދަ ބްރެޒިލްއާ ދެކޮޅަށެވެ. ކުއާޓާގައި ބްރެޒިލް ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކުރި ނަމަވެސް، ސެމީގައި ބަލިވީ އެ ފަހަރުގެ ޗެމްޕިއަންކަން ހޯދި ފްރާންސް އަތުންނެވެ. ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ބެލްޖިއަމުން ވަނީ މުބާރާތުގައި ދެވަނަ ފަހަރަށް އިންގްލެންޑް ބަލިކޮށްފައެވެ.
އެޓީމުގައި އެޑެން ހަޒާޑާއި ޒުވާން ޑި ބްރޭނާ، ރޮމެލޫ ލުކާކޫ، ތީބޯ ކޯޓުއާ، ވިންސެންޓް ކޮމްޕެނީ، ޓޮބީ އަލްޑާވެރެލްޑް އަދި ޔޭން ވާޓޮންގަން ހިމެނެއެވެ. އޭގެ ކުރިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބެލްޖިއަމުން އެ ކުޅުންތެރިން ތައާރަފް ކޮށްފައިވާ އިރު، އެފަހަރުގެ ސްކޮޑުގައި 30 އަހަރުން މަތީގެ ހިމެނުނީ ޑެނިއަލް ވޭން ބިއުޓެން އެކަންޏެވެ.
ޔޫރޯ 2016ގައި ބެލްޖިއަމް ވާދަކުރީ 16 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެ ޔޫރޯގެ ގްރޫޕު ސްޓޭޖުގެ ދެވަނައިގެ ގޮތުގައި ގަދަ 16އަށް ދަތުރުކޮށް، ފަސޭހަކަމާއެކު ހަންގޭރީ ބަލިކުރުމަށްފަހު ބެލްޖިއަމުން ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފައެވެ. ނަމަވެސް މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ނުކުތް ބެލްޖިއަމްއަށް ކުއާޓާގައި ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. ބެލްޖިއަމް އެފަހަރު ކުއާޓާގައި ބަލިވީ ވޭލްސް އަތުންނެވެ. އެއީ މި ފަހުގެ ތާރީހުގައި ޔޫރޯގައި ފެނުނު އެންމެ ސަޕްރައިޒިން އެއް ބައްޔެވެ.
އެ ހުރިހާ އަހަރުތަކަކަށްވެސް އެތައް ބަޔަކު ބެލްޖިއަމަށް އިންތިޒާރުތަކެއް ކުރިއެވެ. އެންމެ ދަށްވެގެން ފައިނަލެއް ކުޅޭތޯ އިންތިޒާރު ކުރިއެވެ. އެވަރުވެސް ނުވެ، އެފަދަ ސުވާލެއް އައުމުން ރޭ ޑި ބްރޭނާއަށް ގޯސްވީވެސް ނޫސްވެރިޔާއެވެ.
ރޭގެ މެޗަށްފަހު ޖެހިލުން ކުޑަ ނޫސްވެރިޔަކު ޑި ބްރޭނާއާ ކުރި ސުވާލަކީ، "ރަން ޖީލަކީ ކޮބާތޯ؟،" އަހާފައި ކުރި ސުވާލެވެ. އެ ނޫސްވެރިޔާ ބުނީ ހަޒާޑާއި ކޮމްޕެނީގެ އިތުރުން ކޯޓުއާއާއި ލުކާކޫ ފަދަ ކުޅުންތެރިންނާއެކު ނުކުތް ރަން ޖީލަށް ފައިނަލެއްގައި ކުޅެލެވިފައި ނުވާ އިރު، އެ ޖީލަށް ރަން ޖީލެކޭ ބުނެވިދާނެތޯއެވެ.
"ކޮބާ ތިބުނާ އެހާ ކާމިޔާބު ރަން ޖީލުތަކަކީ؟ އެހިސާބުން ޑި ބްރޭނާ ރުޅި އައިސްގެން އެހިއެވެ.
"އިންގްލެންޑާއި ފްރާންސް، ސްޕެއިން އަދި ޖަރުމަނަށްވެސް ތި ކިޔާ ރަން ޖީލެއްގައި އެހާ ކާމިޔާބު؟ ތިޔައީ މޮޔަ ސުވާލެއް. އަމިއްލައަށް ޖަވާބު ހޯދާ،" ޑި ބްރޭނާ ޕްރެސް ދޫކޮށް ދަމުން ބުންޏެވެ.
ޑި ބްރޭނާ ބުނި ގޮތަށް ސުވާލު މޮޔަ ނޫންކަން ސާބިތުކޮށްދޭން ސުވާލުކުރި ނޫސްވެރިޔާ އެކްސްގައި އޭނާއަށް ރައްދު ދީފައިވެއެވެ. ނޫސްވެރިޔާ ބުނީ ޑި ބްރޭނާއަށް އަމިއްލައަށް ވިސްނާލިޔަސް އެހެން ރަން ޖީލުތަކާ ބެލްޖިއަމާ އަޅުވާ ނުކިޔޭކަން އެނގެންވާނެ ކަމަށެވެ. ސްޕެއިންގެ ރަން ޖީލުން ދެ ޔޫރޯއާއި ވޯލްޑް ކަޕެއް ހޯދިއެވެ. ޖަރުމަނުގެ ރަން ޖީލުން ފައިނަލްތަކުގައި ކުޅެ، ވޯލްޑް ކަޕްވެސް ހޯދިއެވެ. އިންގްލެންޑުން އެންމެ ދަށްވެގެން މިދިޔަ ޔޫރޯ 2020 ގެ ފައިނަލްގައި ކުޅުނެވެ. ފްރާންސުން ވޯލްޑް ކަޕް ހޯދިވެސް މެއެވެ. އެއީ ނޫސްވެރިޔާ ޑި ބްރޭނާއަށް ދިން ތަފްސީލެވެ.
ހަގީގަތުގައި އެ ނޫސްވެރިޔާގެ ތަފްސީލު ރަނގަޅަށް އޮތް އޮތުން ބާއްވާ، އެ ގައުމުތަކުގެ ފުޓުބޯޅަ ސިސްޓަމަށް ވިސްނާލިޔަސް ތަފާތުތަކެއް ފެނެއެވެ. އެއީ އަދިވެސް ބޮޑެތި ނަންތަކެވެ. ތަރިން އުފައްދާ ނިސްބަތް ގިނައެވެ. އޮއްސިގެން ދިޔަ ނުދީ ހިފަހައްޓަމުން ދެއެވެ. އެހެންނަމަވެސް، ބެލްޖިއަމްގެ ސިސްޓަމުން އަންނަ ތަރިން ކުއްލިއަކަށް ވަނީ މަދުވެފައެވެ.
ޑި ބްރޭނާއަށް ކުރިމަތިލާން ޖެހުނު ހަގީގަތް ހިތި ނަމަވެސް، ކާމިޔާބީއަށް ބަލައި، ބެލްޖިއަމުން ނިމި ދަނީ 'ރަން ޖީލެއް' ނޫނެވެ. އެއީ ހުސްއަތާ ނިންމާލާ ޖީލެކެވެ. ދެން އަންނަ ވޯލްޑް ކަޕަކަށް ކެޕްޓަން ޑި ބްރޭނާއަށް 35 އަހަރުވާނެއެވެ. ރޭ އޭނާ ބުނީ އަދި ބައިނަލްއަގުވާމި ކެރިއަރަށް ވަކި ގޮތެއް ނުނިންމާ ކަމަށެވެ. ބެލްޖިއަމްގައި ހުނަރުވެރި ތަރިން އުފެދޭ ނަމަވެސް، 2014 އިން 2022 އަށް ގައުމީ ޓީމު ދުށް ޖީލެއް ދެން އަންނާނެހެން ހީޔެއް ނުވެއެވެ. އަގުބޮޑެތި ނަންތައް ދިޔައީ ޗޮކުންނެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024