ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް މަސްވެރިން ކިރުވި މަހަށް ނުދެވި ހުރި ފައިސާ ޖަމާކުރަން ފެށުމުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މުޒާހަރާ ކުރަމުންދިޔަ މަސްވެރިން މުޒާހަރާ ހުއްޓާލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮޑިވެރިންނަށް ނުދެވި ހުރި 53 މިލިއަން ރުފިޔާ މިއަދު ޖަމާކުރަން ފަށާފައިވާއިރު، މިފްކޯ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި މުޒާހަރާ ކުރަމުންދިޔަ 15 މަސްދޯންޏަށް ނިސްބަތްވާ މަސްވެރިން 10 ދުވަހަށް ކުރި މުޒާހަރާ މިއަދު ހުއްޓާލާފައިވާ ކަމަށެވެ.
މިފްކޯ އިން ބުނި ގޮތުގައި މިއަދު ދޫކުރާ ފައިސާ އާއެކު މި އަހަރުގެ މިހާތަނަށް އައި އިރު ސަރުކާރުން ވަނީ މަސްވެރިންނަށް 353 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި މިފްކޯއަށް ލިބިފައިވާ އާމްދަނީން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ބުނެއެވެ.
މިފްކޯ އިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ބައިނަލްއަގުވާމީ ބާޒާރުގައި މަސް ވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ހަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައި ވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށެވެ.
ނަމަވެސް މިހާރު މަސް ގަންނަމުންދާ ގޮތަށް މާކެޓު އަގަށް ރިއާޔަތް ނުކޮށް މަސްވެރިންގެ އަތުން މަސް ގަނެ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަކީ މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށް ބުންޏެވެ.
އެހެންވެ މިފްކޯ އިން ވަނީ މިއަދުން ފެށިގެން ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަ މަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓް ކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅާ އަގައްގައި މަސް ގަންނަން ފަށައިފައެވެ. އެގޮތުން މި ހަފުތާގައި މިފްކޯ އިން ގަނޑުކުރި މަސް ކިލޯއެއް ގަންނާނީ 16 ރުފިޔާއަށެވެ. އަދި ގަނޑުނުކުރާ މަސް ކިލޯއެއް ގަންނާނީ 14 ރުފިޔާ އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު