ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024 ވާދަކުރާ ހައި ޕްރޮފައިލް އެތުލީޓުން މިއަދު އިއުލާން ކުރަން ފަށައިފިއެވެ.
މި އަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯ އިވެންޓް އަންނަ އޮގަސްޓް މަހުގެ އެކަކުން ނުވައަކަށް ވަރުނުލާ ރާޅުގަނޑުގައި ބާއްވަން ތައްޔާރުވެފައިވާ އިރު، އެ އިވެންޓުގައިވެސް ދުނިޔޭގެ އެންމެ މޮޅެތި ބޮޑީބޯޑަރުން ބައިވެރިވާނެއެވެ. މިދިޔަ އަހަރުވެސް ރާއްޖޭގައި ވޯލްޑް ޓުއާގެ އިވެންޓްތައް ކާމިޔާބުކަމާ އެކު ހޯސްޓް ކޮށްފައިވާއިރު، އެ ދެ މުބާރާތާއި މި އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރަކީ ވިސިޓް މޯލްޑިވްސްއެވެ.
ވިސިޓް މޯލްޑިވްސް ޕްރޯގައި މި ފަހަރުވެސް ރާއްޖޭގެ 15 އެތުލީޓުން ފެނިގެންދާނެއެވެ. ބައިނަލްއަގުވާމީ ފެންވަރުގެ ހަތަރު ފަނޑިޔާރުން އިވެންޓުތައް އިންސާފުކުރަން ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން އެއް ފަނޑިޔާރަކީ ރާއްޖެއިން ނަގާ ފަނޑިޔާރެއް ކަމަށް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
އެސޯސިއޭޝަނުން މިއަދު ފުރަތަމަ އިއުލާން ކުރި އެތުލީޓަކީ މި ވަގުތު ވޯލްޑް ޓުއާ ފިރިހެން ރޭންކިންގެ އަށް ވަނައިގައި އޮތް ފްރާންސްގެ ހުނަރުވެރި އެތުލީޓް ޕިއޭ ލުއީ ކޮސްޓެސްއެވެ. އޭނާއަކީ މީގެ ކުރިން ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރަށް ހޯދާފައިވާ އެތުލީޓެކެވެ. މިދިޔަ އަހަރު ބޭއްވި ވިސިޓް މޯލްޑިވްސް، މޯލްޑިވްސް ޕްރޯ 2023ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޕިއޭ ލުއީ ކޮސްޓެސް އަކީ އަރީކާ ޗެލެންޖްގެ ޗެމްޕިއަންކަންވެސް ތިން ފަހަރަށް ހޯދާފައިވާ ފްރާންސްގެ މަގުބޫލު ބޮޑީބޯޑަރެކެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ އިވެންޓް މިހާތަނަށް ވެފައިވަނީ ކާމިޔާބު އިވެންޓަކަށެވެ. ފުރަތަމަ އަހަރު އަލީ ހުޝްރުވާން (ކުޑަ އައްޔަ) ޑްރޮޕް ނީ ކެޓަގަރީގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި އިރު، ޖޫނިއާ ބައިން އާމިން އުމަރު މޫސާ ވަނީ ފައިނަލަށްވެސް ގޮސްފައެވެ. އަދި އޭގެފަހުން މިދިޔަ އަހަރުވެސް އާމިން ސެމީގައި ވާދަކޮށްފައިވާ އިރު، މިދިޔަ އަހަރު ރާއްޖޭގެ އަލީ ޝާމް ވަނީ ފިރިހެން އޯޕަން ޑިވިޝަންގެ ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ނުވަ ފަހަރު ހޯދާފައިވާ މައިކް ސްޓެވާޓް ބަލިކޮށް ތަފާތު ދައްކައިފައެވެ.
އެއާއެކު މިދިޔަ އަހަރުގެ މުބާރާތް ތާރީހީ މުބާރާތަކަށްވީ ޑްރޮޕް ނީ ކެޓަގަރީގެ ދުނިޔޭގެ ޗެމްޕިއަންކަން ރާއްޖޭގެ މޯލްޑިވްސް ޕްރޯއިން ޑޭވިޑް ހުބާޑް ޔަގީންކުރުމުންނެވެ.
މި އަހަރުގެ ވޯލްޑް ޓުއާ އިވެންޓްތަކުގެ ތެރެއިން ދެން ބާކީ އޮތީ ތިން އިވެންޓްކެވެ. އެއީ ރާއްޖެއާއި ޕޯޗުގަލް އަދި ސްޕެއިންގައި އޮންނަ އިވެންޓްތަކެވެ. މިހާރު ޕޮއިންޓް ރޭންކިންއަށް ބަލާއިރު، ވާދަވެރިކަން އޮތް ވަރުން ރާއްޖޭގެ އިވެންޓް މި ފަހަރުވެސް ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ. މޯލްޑިވްސް ޕްރޯގެ ފައިސާގެ އިނާމުގެ އަގު، 60،000 ޑޮލަރަށް އަރައެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ