ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަރުކަޒެއް ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސް މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށެވެ.
ހޯމްލޭންޑް މިނިސްޓްރީން ހުށަހަޅާފައިވާ ގޮތަށް ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކި ސަބަބުތަކަށްޓަކައިކު ށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާ އާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ބަޔާންކުރާ "ލޯންގް ޓާމް ރެސިޑެންޝަލް ކެއާ ފެސިލިޓީ" މީހުން ދިރިނޫޅޭ ވަކި ރަށެއްގައި (ކުރިން މީހުން ދިރިއުޅެފައި، އުމްރާނީ ތަރައްގީގެ ކަންކަން ހަމަޖެހިފައިވާ ރަށެއްގައި) ގާއިމުކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ރައީސް އޮފީހުން ބުނީ އެފަދަ މަރުކަޒެއްގައި ހުންނާނެ ފެސިލިޓީތަކާއި މަރުކަޒުގައި ހިންގާނެ ޕްރޮގްރާމުތަކުގެ ތަފުސީލުތައް އެ ކަރުދާހުގައި ހިމަނާފައިވާ ކަމަށެވެ.
ކުށުގެ މާހައުލުން ތަކުރާރުކޮށް ހައްޔަރުކުރާ ކުޑަކުދިން ބަލަހައްޓަން ވަކި ރަށެއްގައި ހާއްސަ ފެސިލިޓީއެއް ތަރައްގީކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ކުރިން ވިދާޅުވެފައިވެއެވެ.
"އަދުގެ ސަރުކާރުގެ ވިސްނުމަކީ އަޅުގަނޑުމެން މި ފެސިލިޓީއަށްޓަކައި ވަކި ރަށެއް ޑިވެލޮޕްކުރުން. އެޓް ރިސްކުގައި ތިބޭ ކުދިން އާއިލާތަކުން ނުބެލެހެއްޓި ނުވަތަ އަހުލާގީ ގޮތުން އަޅުގަނޑުމެންނަށް މުޖުތަމައުން އެކަހެރިވެދާތަން ފެނި އަދި އެކިއެކި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާ އެކު އުޅެ، ކުށުގެ މާހައުލުން ތަކުރާރުކޮށް ފުލުހުންނާއި ހިދުމަތްދޭ ފަރާތްތަކާ ދިމާވާ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން،" އިހުސާން ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ގޮތަށް ކުދިން ނަގާނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި ކުއްޖަކު ނެގުމަށްފަހު އެ ކުއްޖާއަށް 18 އަހަރު ވަންދެން އެ ފެސިލިޓީގައި ބަހައްޓާނެ ކަމަށެވެ. އަދި އެ ފެސިލިޓީގައި އެ ކުދިން ދީނަށް އަހުލުވެރިކޮށް، ރަސްމީ ތައުލީމުދީ، އަހުލާގީ ކަންކަމާއި ހުނަރު ތަރައްގީކުރުމުގެ އިތުރުން ސައިކޯ ސޯސަލް ސަޕޯޓް ލިބޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު