ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށް ބެލުމަށްފަހު މިފްކޯއިން މަސް ގަންނަން ފެށުމުން މަސްވެރިން ކިރާ މަހަށް ދެ ހަފުތާގެ މުއްދަތެއްގައި ފައިސާ ދެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މީގެ ކުރިން މަސް ގަންނަމުން އައީ ކިލޯއެއް 20 ރުފިޔާ އަށެވެ. ނަމަވެސް މިފްކޯއިން ވަނީ މިއަދުން ފެށިގެން ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގަށް ބަލައި މަސް ގަންނަ އަގު ކަނޑައަޅަން ފަށައިފައެވެ.
ނޫސްވެރިންނާ އެކު ސޮލައިޓް ރެސްޓޯރެންޓުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، އެ ބަދަލު ގެނައުމުގެ މައިގަނޑު ސަބަބަކީ ދެމެހެއްޓެނިވި ގޮތަކަށް މަސްވެރިން އަތުން މަސް ގަނެވޭނެ ގޮތެއް ހޯދުން ކަމަށާއި އެކަމުގެ ސަބަބުން ދައުލަތުން މިފްކޯއަށް ސަބްސިޑީގެ ގޮތުގައި ދޭން ޖެހޭ އަދަދު މަދުވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އަލަށް ގެނައި ބަދަލާއެކު، 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމުގެ ވައުދު ނުފުއްދޭނެ ކަމަށާއި ނަމަވެސް މަސްވެރިންނަށް މިހާރު ކޮންމެ ދެ ހަފުތާއަކުން ފައިސާ ދޫނުކުރެވޭނެ ކަމަށެވެ.
"ސީދާ ފަށާއިރު 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެ ކަމަށް ގަބޫލެއް ނުކުރެވޭ. ނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ ދެ ހަފުތާ ތެރޭގައި ފައިސާ ދިނުން. މިވަގުތު މި ގެނެވުނު ބަދަލާ އެކީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށޭނީ މިފްކޯގެ ކޭޝް ފްލޯ ރަނގަޅުކޮށްގެން ކަމަށާއި އެކަން ކުރެވޭނީ މިފްކޯއަކީ ގެއްލުން ނުވެ ފައިދާގައި ހިންގޭ ކުންފުންޏަކަށް ހެދިގެން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މާކެޓް އަގަށް މަސް ގަތް ނަމަވެސް އަދިވެސް މިފްކޯ ހިންގަން ޖެހޭނީ ސަބްސިޑީ ދީގެން ކަމަށެވެ.
އެކަމުގެ ތަފްސީލް ދެއްވަމުން، މިފްކޯގެ ސީއެފްއޯ އިލްޔާސް ހަނީފް ވިދާޅުވީ، މާކެޓް އަގަށް މަސް ގަތަސް މަހަކު 20-25 މިލިއަން ރުފިޔާގެ ސަބްސިޑީ ބޭނުންވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު