އޮޔާ ދަނިކޮށް ފެނުނު ފުޅިއެއް ބޮއިގެން މަރުވި ލަންކާގެ މަސްވެރީންގެ އަދަދު ފަހަކަށް އަރައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ކަނޑުމަތިން ފެނުނު ފުޅިތަކުގެ ތެރެއިން ފުޅިއެއް އެއީ ބަނގުރާ ކަމަށް ބަލައި އެ ބުއިމުގެ ސަބަބުން މަރުވި މަސްވެރީންގެ އަދަދު މިހާތަނަށް ފަހަކަށް އަރާފައިވާކަމަށް ލަންކާގެ ނޭވީއިން ބުނާއިރު އެބޯޓުން ދަތުރުކުރި ހަ މީހުންގެ ތެރެއިން ބާކީ ހުރި މީހާގެ ހާލުވެސް ގޯސް ކަމަށް ނޭވީ އިން ބުނެފައިވެއެވެ.

ހަ މީހުން ދަތުރުކުރި އެބޯޓުން އެންމެ ފުރަތަމަ ލަންކާގެ ނޭވީއަށް މައުލޫމާތު ދީފައިވަނީ އެފުޅި ބުއިމުގެ ސަބަބުން ދެމީހުންގެ ހާލު ދެރަވެ މަރުވެފައިވާކަމަށެވެ. ނޭވީއިން އެބޯޓު އޮތް ހިސާބު ދުރުކަމުން ފަހުން ވަނީ ރޭޑިއޯ މެދުވެރިކޮށް އަވަސް ފަރުވާ ދޭނެ ގޮތް ކިޔައިދީފައި ކަމަށް ނޭވީ އިން ބުނެއެވެ.

ލަންކާގެ ނޭވީ އިން އިތުރު ދެމީހުން މަރުވެ ބޯޓުން ދަތުރުކުރި ޖުމުލަ ހަތަރު މީހުން މަރުވި ކަމަށް ފަހުން މައުލޫމާތު ދީފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.

ލަންކާގެ އެމަސްބޯޓު އެނބުރި އައްސޭރިއަށް ދަތުރުކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި އެ ސަރަހައްދުން ދަތުރުކުރި ސިންގަޕޫރުގެ ބޯޓަކަށް ފެނި ބާކީ ތިބި ދެމީހުން އެބޯޓަށް ނެގި ކަމަށް ލަންކާގެ ޑިޕާޓްމަންޓް އޮފް ފިޝަރީސް އެންޑް އެކުއާޓިކް ރިސޯސަސް އާއި ހަވާލާދީ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ސިންގަޕޫރު ބޯޓަށް ނެގި ދެމީހުންގެ ހާލު ދެރަކަމަށް ރިޕޯޓު ކޮށްފައިވާއިރު އެތަނުން އެކަކު މަރުވެފައިވާ ކަމަށްވެސް އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެބޯޓަށް އޮޔާ ދަނިކޮށް ފެނުނުކަމަށް ބުނާ އެ ފުޅިތަކުން ބައެއް ފުޅި އެސަރަހައްދުން ދަތުރުކުރި މަސްބޯޓުތަކަށް ދީފައިވާނެ ކަމަށް ރިޕޯޓު ލިބިފައިވާކަމަށް ލަންކާގެ ނޭވީ އިން ބުނެފައިވެއެވެ. އެ މައުލޫމާތާއި އެކު ނޭވީ އިން ވަނީ ރޭޑީއޯ މެދުވެރިކޮށް އެ ސަރަހައްދުން ދަތުރުކުރި ބޯޓުތަކަށް އެ މައުލޫމާތު ހިއްސާކޮށްފައެވެ.