އެމްއެސް ފައިނޭންސްއިން 776.000 ރުފިޔާ ދައްކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ އަނބުރާ ދައްކާގޮތަށް 2022 ވަނަ އަހަރުގެ އޮގަސްޓް 29 ގައި އެމްއެސް ފައިނޭންސްއިން އެފްއޭއެމުން ނަގާފައިވާ 771،000 ރުފިޔާ ދެއްކުމަށްޓަކައި 50،000 ޑޮލަރު ނެގޭ ގޮތަށް އެފްއޭއެމުން ދޫކޮށްފައިވާ ޗެކް ރިޓާންވެ، އެ ޗެކަށް ފައިސާ ލިބިފައިނުވާތީ، އެމްއެސް ފައިނޭންސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިަގައި އެފަރާތުން ވަނީ އެފްއޭއެމުން ދައްކަންޖެހޭ 771،000 އާއި އެފައިސާ ހޯދުމަށްޓަކައި ޝަރީއަތަށް މައްސަލަ ހުށަހަޅަން ޖެހުމުން، ގާނޫނީ ވަކީލުގެ ފީގެ ގޮތުގައި ހަރަދުވެފައިވާ 100،000 ރުފިޔާ ޝަރީއަތް މެދުވެރިކޮށް އެއްފަހަރާ ހޯދުމަށް ކޯޓުގައި އެދިފައެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، އެ މައްސަލަ އެފްއޭއެމްގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން އެމްއެސް ފައިނޭންސްއިން އެދިފައިވާ 771.000 ރުފިޔާ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޯދަން އެދިފައިވާ 5،000 ރުފިޔާއަކީ އެފްއޭއެމް އިން އެފަރާތަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ އެމްއެސް ފައިނޭންސްއަށް ދެއްލުމަށް އެފްއޭއެމްގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.