އިންގްލެންޑް އަސްލު ފެންވަރުގައި ކުޅެފިނަމަ، އެޓީމު ބަލި ނުކުރެވޭނެ ކަމަށް ބުނެ ސްލޮވޭކިއާގެ ކޯޗު، އިޓަލީގެ ފްރެންސެސްކޯ ކަލްޒޯނާ އިންގްލެންޑަށް ތައުރީފް ބަންޑުން ކޮށްލައިފިއެވެ.
ސްލޮވޭކިއާއިން ގަދަ 16 އަށް ދިޔައީ ގްރޫޕް ޑީގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ގްރޫޕް ސްޓޭޖުގައި ތަފާތު ރޫހެއް ދެއްކި އިރު، މުޅި ގްރޫޕް ސްޓޭޖުގެ އެންމެ ބޮޑު ސަޕްރައިޒެއްގެ ގޮތުގައި އެޓީމުން ބެލްޖިއަމް ބަލިކުރި ކުރުން ފާހަގަކުރެވެއެވެ. އޭގެފަހުން ޔުކްރެއިނުން ސްލޮވޭކިއާ އަތްދަށުވި ނަމަވެސް، ރުމޭނިއާއާ ފަހު މެޗު އެއްވަރުކޮށް، އެޓީމުން ވަނީ ގަދަ 16 ޔަގީން ކޮށްފައެވެ. މިއީ 2016 ވަނަ އަހަރު ފަހުން އެޓީމުން ޔޫރޯގެ ގަދަ 16 ގައި ކުޅޭ ފުރަތަމަ ފަހަރެވެ.
"އިންގްލެންޑުން ޓީމެއްގެ ގޮތުގައި ކުޅެ، އަސްލު ފެންވަރު ދައްކާލައިފިނަމަ، އަހަރެމެންނަށް އެޓީމު ބަލި ނުވެސް ކުރެވޭނެ. އަހަރެމެން ސަމާލުވާން ޖެހޭނެ އިންގްލެންޑްގައި އޮތީ ވަރަށް ޓޮޕް ޓީމެއް. އެއީ މުބާރާތުގައި އޮތް އެންމެ މޮޅު ސްކޮޑު. އެއީ އަހަރެން ގަބޫލުކުރާ ގޮތް. އެޓީމުގައި ފިޒިކާލިޓީ، ޓެކްނީކްގެ އިތުރުން ކްރިއޭޓިވިޓީވެސް ތަފާތު،" އިޓަލީއަށް އުފަން ކަލްޒޯނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ އިންގްލެންޑުން ސްކޮޑު ނެގިއިރު ބާކީ ކޮށްފައި ތިބި ކުޅުންތެރިންނަށް ބަލައިލިޔަސް، އެޓީމުގެ ފެންވަރު ސާފުވާނެ ކަމަށާއި އެހެން ހުރިހާ ޓީމަކުން ބޭނުން ކުރާނެ ކަހަލަ ފެންވަރު ރަނގަޅު ކުޅުންތެރިން އިންގްލެންޑުން ސްކޮޑުން ބޭރުކުރުމަކީ ޓީމުގެ ފެންވަރު ސާބިތުވާ ސަބަބެއް ކަމަށެވެ. ކަލްޒޯނާ ބުނީ އިންގްލެންޑްގެވެސް ބަލިފައެއް އޮންނާނެ ކަމަށާއި އެ ބަލިފަޔަށް ޓާގެޓްކޮށް ސްލޮވޭކިއާއަށް ފުރުސަތެއް ހޯދިދާނެ ކަމަށެވެ.
މިރޭ ސްލޮވޭކިއާ މޮޅުވެއްޖެ ނަމަ، ކުއާޓާ ފައިނަލް ފުރުސަތު ވެގެންދާނީ ވަކި ގައުމެއްގެ ގޮތުގައި އެގައުމުން މުބާރާތުގައި ބައިވެރިވެ، ހޯދާ ފުރަތަމަ ފުރުސަތަަށެވެ.
އިންގްލެންޑާއި ސްލޮވޭކިއާ ވާދަކުރާ ގަދަ 16 ގެ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024