ޑެޓް މެނޭޖްމެންޓް އޮފީސްގެ ނަމުގައި ދައުލަތުގެ ދަރަނި ދެއްކުން ހަރުދަނާ ކުރުމަަށް ހާއްސަ އޮފީހެއް އުފައްދަން ހިމަނައިގެން ސަރުކާރުން ހުށަހެޅި ދައުލަތުގެ ދަރަންޏާ ބެހޭ ބިލްގެ ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދައުލަތުން ދަރަނި ނަގައި، ބަލަހައްޓައި މެނޭޖުކުރަނީ، ގައުމުގެ އިގުތިސޯދަށާއި މުސްތަގުބަލްގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަން ކުރެވިގެން، އަދި ގައުމުގެ އިގުތިސޯދީ ފުދުންތެރިކަމާއި ދައުލަތުގެ ފިޒްކަލް އަދި މާލިއްޔަތުގެ ނިޒާމު ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަން ކަށަވަރު ކުރުމެވެ. އަދި ދައުލަތުގެ ދަރަނި ނެގުމާއި ބެލެހެއްޓުމާއި މެނޭޖު ކުރުމާއި، ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވްރިން ގެރެންޓީ ދޫކުރުމާއި އަދި ދައުލަތުގެ ދަރަންޏާ ގުޅޭ މުއާމަލާތު ހާމަ ކުރުމާއި ރިޕޯޓް ކުރުމާއި މޮނީޓާ ކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން ވެސް މި ބިލް ހުށަހެޅި ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލު ހުށަހެޅި މަގުސަދެއް ކަަމަށް ބިލުގައި ބުނެފައި ވަނީ، ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ އާއި ޕަބްލިކްސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ދަރަނީގެ ހިރާސްތަކަށް ރިއާޔަތް ކުރެވިގެން އަދި އެންމެ ހަރަދު ކުޑަވާނެ ގޮތަކަށް، ރާއްޖޭގެ އެތެރެއިންނާއި ބޭރުން ދައުލަތުގެ ނަމުގައި ދަރަނި ނެގުމަށް ސަރުކާރު ބާރުވެރިކުރުވުން ކަމަށެވެ.

އެ ބިލްގައި ބުނަނީ އެ ގާނޫނަށް އަމަލުކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާގޮތަށް، ޑެޓް މެނޭޖްމެންޓް އޮފީހެއް ގައިމް ކުރަން ޖެހޭނެ ކަމަށެވެ.

އެ މިނިސްޓްރީގެ ދަށުން މިހާރު ހިންގާ ޑެޓް މެނޭޖްމެންޓުގެ ހުރިހާ ޒިންމާތަކާއި މުވައްޒަފުންނާއި މުދަލާއި ވަސީލަތްތަކާއި އިމްތިޔާޒުތައް ބިލުގައި ބުނެފައިވާ ޑެޓް މެނޭޖްމެންޓް އޮފީހަށް ބަދަލުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ އޮފީސް ހިންގާނީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ޕްރޮފެޝަނަލް ކަމާ އެކު ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެ އޮފީހުގެ ކަންކަމާ ގުޅޭ ގޮތުން މަޖިލީހަށް ޖަވާބުދާރީ ވާން ޖެހޭނީ ފިނޭންސް މިނިސްޓަރު ކަމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

ބިލުގައިވާ ގޮތުން ޑެޓް އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ލޯނާއި ސޮވްރިން ގެރެންޓީ އާއި ޓްރެޒަރީ ލޯނާއި ސަބްސިޑަރީ ލޯނާ ބެހޭ މައުލޫމާތުތައް ރެކޯޑު ކުރުމާއި ބެލެހެއްޓުމާއި ރިޕޯޓު ކުރުމެވެ. މީގެ އިތުރުން ދަރަނީގެ ސްޓްރެޓެޖީ އެކުލަވައިލުމާއި ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން އެކުލަވައިލުމާއި ސެކިއުރިޓީ ވިއްކުމުގެ ހުރިހާ މަސްއޫލިއްޔަތުތަކެއް އަދާކުރުމާއި ކްރެޑިޓް ރޭޓިން އެކަށީގެންވާ މިންގަނޑެއްގައި ހިފަހައްޓަން މަސައްކަތް ކުރުންވެސް އެ އޮފީހުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނެއެވެ.

ބިލުގައިވާ ގޮތުން ދައުލަތުގެ ދަރަންޏާ ގުޅޭ މައުލޫމާތުތައް އެކްސްޓާނަލް އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓެއް ހަދަން ޖެހޭނެއެވެ. އަދި ދަރަނީގެ ސްޓްރެޓެޖީ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 15ގެ ކުރިން ކެބިނެޓުން ފާސް ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

މި ބިލުގައިވާ ގޮތުން، ދައުލަތުގެ ކުންފުނިތަކާއި ޕަބްލިކް ފައިނޭންޝަލް ކޯޕަރޭޝަންތަކާއި މަރުކަޒީ ބޭންކް ފިޔަވައި، ދައުލަތުގެ ނަމުގައި ދަރަނި ނެގުމާއި މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ދަރަންޏާ ގުޅޭ އެންމެހައި ކަންކަން ކުރުމުގެ ބާރު ލިބިގެން ވަނީ މިނިސްޓަރަށެވެ.

ނަމަވެސް މިނިސްޓަރު ދަރަންޏެއް ނަގަންވާނީ، އިގުތިސޯދީ ތަރައްގީއަށް ނުވަތަ އާންމު މަސްލަހަތަށް ނުވަތަ ރައްޔިތުންގެ މަންފާ އާއި ފައިދާއަށް ރިއާޔަތްކޮށް މި ގާނޫނުގައި ބަޔާންކުރާ ބޭނުންތަކުގެ ތެރެއިން ބޭނުކަމަކަށް ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގައި ދަރަނި ދެއްކުމާ ގުޅުން ހުރި މުހިއްމު ކަންތައްތަކެއް ވަނީ ފާހަގަ ކޮށްފައެވެ.