ދެކުނު އެމެރިކާގެ އެންމެ ބޮޑު މުބާރާތް، ކޮޕާ އެމެރިކާގެ ގްރޫޕް ޑީގައި ރޭ ބްރެޒިލް އިން ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ޕެރަގުއާއީން ބަލިކޮށްފިއެވެ.

މި ފަހަރުގެ ކޮޕާ އެމެރިކާ، އެމެރިކާގައި ހޯސްޓް ކުރަމުންދާ އިރު، ރޭ ބްރެޒިލުން ޕެރަގުއާއީ ބަލިކުރީ 4-1ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މެޗުގެ ފަހު ކޮޅުގައި ޕެރަގުއާއީގެ އަންދްރޭސް ކޫބާސްއަށް ރަތް ކާޑު ދައްކާފައިވާ އިރު، އެ ރަތް ކާޑަކީ އޭނާ ބްރެޒިލްގެ ޑަގްލަސް ލުއިޒް ގައިގައި ޖެހުމުން ދެއްކި ރަތް ކާޑެކެވެ.

މިހާތަނަށް ނުވަ ފަހަރު ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފައިވާ ބްރެޒިލަށް ރޭގެ މެޗުގެ 30 ވަނަ މިނެޓުގައި، ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. ލޫކަސް ޕަކޭޓާ ޖެހި ބޯޅައެއް އޭރިއާ ތެރެއިން ޕަރަގުއާއީ ކުޅުންތެރިއެއްގެ ގައިގައި ޖެހުމުން ލިބުނު ޕެނަލްޓީ ޕަކޭޓާއަށް ފޮނުވާލެވުނީ ބޭރަށެވެ.

ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން ޕަކޭޓާގެ ޕާހަކަށް އަރައި، ވިނީޝިއަސް ޖޫނިއާ ވަނީ ބްރެޒިލަށް ލީޑު ނަގައިދީފައެވެ. އޭގެފަހުން ސަވީނިއޯގެ ގޯލާއެކު ބްރެޒިލް ދެވަނަ ގޯލެއް ޖެހި އިރު، ހާފު ނިންމާލީ އިތުރު ގޯލެއްވެސް ޖަހައިގެންނެވެ. އެއީވެސް ވިނީޝިއަސް ޖެހި ގޯލެކެވެ.

ޕެރަގުއާއީން ދެވަނަ ހާފަށް ނުކުމެ ގޯލެއް ޖަހައި އުންމީދެއް ހޯދިއެވެ. އެ ގޯލު ޖެހީ އޮމަރު އަލްޑެރެޓޭއެވެ. ނަމަވެސް 65 ވަނަ މިނެޓުގައި ބްރެޒިލަށް އިތުރު ޕެނަލްޓީއެއް ލިބުނެވެ. އެ ފުރުސަތުވެސް ދިނީ ޕެކޓާއަށެވެ. އެފަހަރު އޭނާ ގޯލު ޖެހިއެވެ.

ރޭ ކުޅުނު އެ ގްރޫޕްގެ އަނެއް މެޗުގައި ކޮލަމްބިއާ އިން ކޮސްޓަ ރިކާ ބަލިކުރީ 3-0 އިންނެވެ. މެޗުގައި ލުއިސް ޑިއާޒާއި ޑޭވިސޮން ސަންޗޭޒް އަދި ޖޯން ކާޑޯބާ ގޯލު ޖެހިއެވެ.

ބްރެޒިލުން ފުރަތަމަ މެޗުގައި ކޮސްޓަ ރީކާ ކައިރިން ގޯލެއް ނުޖެހި އެއްވަރުވި އިރު، ދެން ގްރޫޕް ސްޓޭޖުގައި އޮތީ ކޮލަމްބިއާއާ ދެކޮޅަށް ކުޅޭ މެޗޗެވެ.