ހަރަދު ކުޑަކުރުމަށާއި މީހަކަށް ގެއްލުމެއް ވެދާނެތީ އާސަހަރާގެ ފާރު، މާލޭ އެހެން ސަހަރާތަކާ އެއްވަރަށް ތިރިކުރަން މާލެ ސިޓީކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ ކައުންސިލުން އާ ސަހަރާގެ ފާރާ މެދު ވިސްނީ ދެ ގޮތަކަށް ކަމަށާއި އެއީ މައްޗަންގޮޅީ އާސަހަރާ މިސްކިތުގެ ފާރު ވަރުގަދަކުރުން ނުވަތަ އެެހެން ސަހަރާތަކުގެ ފާރު ހުރި ގޮތަށް ތިރިކޮށްލުން ކަމަށެވެ.
"މިހާރު ވެލިއަޅާފައި ހުރިވަރަށްވުރެ މައްޗަކަށް ދެން އެތަނަކަށް ވެއްޔެއް ނޭޅޭނެ. އެހެން ވެއްޖެއްޔާ އެ ފާރު އިތުރަށް ވަރުގަދަ ކުރުމަށް އެ ފާރު ތަޅާލާފަ ހެދުމުގެ މާނައެއް ނެތް. އެހެން ސަހަރާތަކުގެ ފާރުވެސް ހުރި ވަރަށް ތިރި ކުރުމުން ހަރަދު ކުޑަކުރެވިގެންދާނެ. ކުޑަ ހަރަދަކުން. ތިބޭފުޅުންނަށް އިންފޯމް ކޮށްފައި ނޫނީ އެކަން ނުކުރަން މި ނިންމީ. އެހެންނޫނީއްޔާ ކުއްލިޔަކަށް ފާރު ތަޅާތަން ފެންނާނީ" އާޒިމް ވިދާޅިވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ އެކަން ކުރުމަކީވެސް ކުޑަ ހަރަދެއް ނޫން ކަމަށާއި ނަމަވެސް އެކަން ނުކޮށްފިއްޔާ މީހެއްގެ ގައިމައްޗަށް ފާރު ވެއްޓުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެެހެންވުމުން އެކަމުގެ އަމަލީ މަސައްކަތް ފަށަން ކައުންސިލު މެންބަރުންގެ އެއްބާރުލުން ދިނުން މުހިންމު ކަމަށެވެ.
އާޒިމްގެ އެ ހުށަހެޅުއްވުން ފާސްވީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުންނެވެ.
މިމަހުގެ 13 ވަނަ ދުވަހު އާސަހަރާ މިސްކިތުގެ މަސައްކަތްކާ ގުޅޭ ގޮތުން ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ މާލޭގެ އާސަހަރާ މިސްކިތުގެ މަސައްކަތް މި އަހަރުގެ އޮގަސްޓު މަހުގެ ފަހު ހަފުތާގައި ނިމޭނެ ކަމަށެވެ.
އެ މަސައްކަތް ލަސްވަނީ އެތަނުގެ ކުރެހުމަށް އެކި ކަހަލަ ބަދަލުތައް ގެންނަން ޖެހުމުގެ ސަބަބުން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު